އެންމެ ގަދަފަދަ ޢަޛާބް ލިބޭނީ ކީރިތި ޤްރުއާން ބާވައިލެއްވެވިކަން އެނގި ތިބެ ﷲ ތަޢާލާއަށް ކިޔަމަންތެރި ނުވި މީހުންނަށް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
އެންމެ ގަދަފަދަ ޢަޛާބް ލިބޭނީ ކީރިތި ޤްރުއާން ބާވައިލެއްވެވިކަން އެނގި ތިބެ ﷲ ތަޢާލާއަށް ކިޔަމަންތެރި ނުވި މީހުންނަށް!: ބިލާލް އައްސަދު

ޤިޔާމަތް ދުވަހު އެންމެ ގަދަފަދަ ޢަޛާބް ލިބޭނެ މީހުންގެ ތެރޭގައި ދެބައެއްގެ މީހުން ވެއެވެ. އެއްބައަކީ ﷲ ތަޢާލާ ކީރިތި ޤްރުއާން ބާވައިލެއްވެވިކަން އެނގި ތިބެ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވީމީހުންނެވެ. ދެވަނަ މީހުންނަކީ މުސްލިމުންގެ ގޮތުގައި ތިބެމެ ބޮޑެތި ފާފަތައް ކުރުން މަތީގައި މަރުވި މީހުންނެވެ. 

މީގެ ތެރެއިން ކޮންމެވެސް ސަބަބަކާއިހުރެ ﷲ ތަޢާލާ އެމީހަކާއި ރުހިވޮޑިގެން (އެމީހާއަށް ކުރެވިފައިވީ ހެޔޮ އަމަލެއްގެ ސަބަބުން)  ﷲ ތަޢާލާ އެމީހެއްގެ ފާފަ ފުއްސަވައިފި މީޙަކު ފިޔަވައި އެހެން އެހެން އެންމެނަކީ އެންމެ ގަދަފަދަ ޢަޛާބު ލިބިގެންދާނެ މީހުންނެވެ.

މިއިން ކޮންމެ މީހަކީވެސް އެމީހުންގެ ފަތާއި މަލާއިކަތުންގެ ހަކި ބަސްވެސް ދޮގުކުރާނެ މީހެކެވެ. އެހިނދު އެމީހާގެ މައްޗަށް ހެކިބަސް ދޭނީ ކާކުތޯ ﷲ ތަޢާލާ ސުވާލުކުރައްވަވާނެތެވެ. އެހިނދު ހެކިބަސް ދަންނަވާނީ ތިމާ ކަމަށް ދަންނަވާނެއެވެ. 

އެހިނދު އެމީހާގެ ދޫ ތަޅުލެއްވެވުމުން ގުނަވަންތައް ހެކިދޭން ފަށާނެއެވެ. އެހިނދު ގުނަވަންތަކާއިވެސް އެމީހާ ޝަކުވާ ކުރާނެތެވެ. އެ ހިނދު ގުނަވަންތައް ބުނާނެތެވެ. މިހިރަ ބޮޑު މޮޔަމީހާއެވެ. ކަލޭ ހެއްދެވި ﷲ ތައާލާ، ކަލޭކުރި ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ކަލެއަށް ވާހަކަ ދެއްކެނީވެސް އަހަރެމެންނަށް ވާހަކަ ދެއްކެނީވެސް ﷲ ތަޢާލާ އެކަމަށް އިޒުނަ ދެއްވެވުމުންނެވެ. 

ކީރިތި ޤްރުއާނުގައި ބަޔާން ކުރައްވަވާފައިވާ އެއްޗެއް އުނގެނުމަކީ އެމީހެއްގެ މަސްއޫލިއްޔަތެކެވެ. އެކަން ނުކުރި މީހާއަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ. ވީއިރު ނަމާދު ފަރުޟު ކުރެއްވެވިކަން އެނގިތިމެ ނަމާދު ނުކުރުމަށްފަހު ދެއްކޭނީ ކޮން ބަހަނާއެއް ހެއްޔެވެ؟ އަދި އެނޫންވެސް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވުމަށްފަހު ދެއްކޭނީ ކޮން ބަހަނާއެއް ހެއްޔެވެ؟ 

ބޮޑެތި ފާފަތަކާއި ކުދި ފާފަތައް ކުރުންމަތީގައި މިއަދު ދެމިތިބެވިދާނެއެވެ. ތައުބާނުވެ ހުއްތައި މަރުވެއްޖެނަމަ ހުރިހިތާމައެއްގެ ބޮޑުކަމާއިއެވެ. ލިބެން ހުރި ޢަޛާބުގެ ގަދަފަދަ ކަމާއިއެވެ! މިކަންކަން މިގޮތަށް ހިނގާނެކަން ކީރިތި ޤްރުއާނުގެ އާޔަތްތަކުން ވަރަށް ސާފުކޮށް އެނގެން އޮތް އިރުވެސް ހަމަ ބިރުވެތި ނުވަނީ ހެއްޔެވެ؟

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން