އާޝޫރާ ދުވަހަކީ ކޮބައިކަން, އިސްލާމީ ތާރީޚުން!

ކިޔުމަށް ހޭދަވާނީ 4މ 42ސ
އާޝޫރާ ދުވަހަކީ ކޮބައިކަން, އިސްލާމީ ތާރީޚުން!

މުޅި މުސްލިިމް އުއްމަތަށް ވެސް އެނގިފައިވާ ފަދައިން، އާޝޫރާ ދުވަހަކީ، ކޮންމެ އަހަރެއްގެ ވެސް މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. މިދުވަހަކީ މުސްލިމުންނާއި އަދި ޔަހޫދީން ވެސް (ރޯދަ ހިފައިންގެން) ފާހަގަ ކުރާ ދުވަހެކެވެ.

 

މޫސާ އަލައިހިއްސަލާމްގެ ޒަމާނުގައި އެކަލޭގެފާނު ކޮންމެ މުޙައްރަމް މަހެއްގެ 10 ވަނަ ދުވަހު ރޯދަ ހިއްޕެވިއެވެ. އެއީ އެދުވަހަކީ ފިރްޢައުނުގެ ނުބައިކަމުން، މާތް ﷲ އެކަލޭގެފާނާއި އެކަލޭފާނުގެ ޤައުމުގެ މީހުން ސަލާމަތް ކުރެއްވި ދުވަސްކަމުގައި ވާތީ، އެކަމަށް ޝުކުރުވެރިވެ އެދުވަސް ހަނދުމަ ކުރުމުގެ ގޮތުންނެވެ. އެކަލޭގެފާނަށްފަހު ބައެއް ޔަހޫދީން ވަނީ އެކަން ދަމަހައްޓާ، މުޙައްރަމު މަހުގެ 10 ވަނަ ދުވަހު ރޯދަ ހިފާފައެވެ.

 

އެކަން މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް އެނގިވަޑައިގަތުމުން އެކަލޭގެފާނު ޙަދީޘްކުރެއްވީ "މޫސާ އަލައިހިއްސަލާމް ސަލާމަތް ކުރެއްވި ދުވަސް ފާހަގަ ކުރެއްވުން، އެންމެ ޙައްޤުކަން ބޮޑުވެގެންވަނީ ތިމަންމެން (މުސްލިމުން) އަށް" ކަމަށާއި "އެހެންކަމުން ދެން ޖެހިގެން އަންނަ އަހަރަކުން ފެށިގެން، މާތް ﷲ ގެ އިރާދަފުޅާއިއެކު، ތިމަންކަލޭގެފާނު ދުނިޔޭގައި ހުރެއްޖެނަމަ މުޙައްރަމް މަހުގެ ނުވަ ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިއްޕަވާނަން" ކަމަށެވެ. މުޙައްރަމް މަހުގެ ނުވަ ވަނަ ދުވަހުވެސް ރޯދަ ހިއްޕަވަން އެކަލޭގެފާނު ނިންމެވީ އެއީ ޔަޙޫދީންނާއި އެއްފަދަ ނުކުރުމަށެވެ. އެބައިމީހުން ރޯދަ ހިފަނީ ހަމައެކަނި މުޙައްރަމް މަހުގެ 10 ވަނަ ދުވަހުއެވެ. ދީނީ ބައެއް ޢިލްމުވެރިން މިހާރު ވިދާޅުވާ ގޮތުގައި، މުޙައްރަމް މަހުގެ 9، 10 އަދި 11 ވަނަ ދުވަހުގައި ވެސް ރޯދަ ހިފުން، އިތުރުކަން ބޮޑުވެގެން ވެއެވެ.

 

"އާޝޫރާ" މާނައަކީ ހަނދުމަ ކުރުމެވެ. މިދުވަހާއިމެދު ހަނދުމަވާ، އިސްލާމީ ތާރީޚުގައި ހިމެނިގެންވާ އަނެއް ހާދިސާއަކީ އިމާމް ޙުސެއިން ބިން ޢަލީ ރަޟިއަﷲ އަންހު. ޝަހީދު ކޮށްލެވުނު ހާދިސާއެވެ.

 

އިމާމު ޙުސެއިން އަކީ ފާތިމަތުއް ޒަޙްރާ ރަޝިއަﷲ އަންހާ އާއި ޢަލީ ރަޟިއަﷲ އަންހުގެ އެއްމާބަނޑު ދެދަރިކަލުންގެ ތެރެއިން ހަގު ދަރިކަލެވެ. އަދި ރަސޫލާ صلى الله عليه وسلم ގެ މާފާ ދަރިކަލުން ވެސް މެއެވެ.

 

އިސްލާމީ ތާރީޚުން ހާމަވާ ގޮތުގައި، އިމާމު ޙުސެއިން ޝަހީދުކޮށްލީ ހިޖްރީ އިން 61 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަހު، ކަރްބަލާގެ ހަނގުރާމައިގައެވެ. އެހަނގުރާމައިގާ އެކަލޭގެފާނުގެ އާއިލާގެ ވަރަށް ގިނަ ބޭފުޅުންނާއި ސަޙާބީންވެސް ޝަހީދު ކޮށްލިއެވެ.

 

އިސްލާމީ ތާރީޚުން ހާމަވާ ގޮތުގައި، އިމާމް ޙުސެއިން ޝަހީދު ކޮށްލެވުނު ދުވަހުން ފެށިގެން، ކޮންމެ އަހަރެއްގެ ވެސް އާޝޫރާ ދުވަހު، ޝިއާ (ޝީއިން) މަޒްޙަބުގެ މީހުން ދަނީ، އެކަލޭގެފާނަށް ލިބުނު އަނިޔާތަށް ހަނދުމަކޮށް އެވޭން ތަޙައްމަލު ކުރުމުގެ ނަމުގައި، އަމިއްލަ ނަފްސަށް އަނިޔާދީ ގަތުލު ކުރަމުންނެވެ. ނަމަވެސް އަމިއްލަ ނަފްސަށް އެއްވެސް ގެއްލުމެއް ދިނުމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެއްކަން ކީރިތި ޤުރްޢާނުންނާއި ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުތަކުން ހާމަ ވެގެން ދެއެވެ.

 

އިމާމު ޙުސެއިން ރަޟީއަﷲ އަންހު ޝަހީދު ކޮށްލެވުނު ހާދިސާ!

 

އެކަލޭގެފާނުގެ މައިކަމަނާއަކީ އައްސައްޔިދާ ފާޠިމަތުއްޒަޙްރާއު ރަޟިއަﷲ އަންހާ އެވެ. އަދި ބައްޕާފުޅަކީ އަލީ ބިން އަބީ ޠާލިބް އެވެ.

 

އިސްލާމީ ތާރީޚުން ހާމަވާ ގޮތުގައި، އިމާމު ޙުސެއިން ޝަހީދުކޮށްލީ ހިޖްރައިން 61 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަހު ކަރްބަލާގެ ހަނގުރާމައިގައި އުމަވީ ލަޝްކަރުގައި ހިމެނޭ ސިނާން ބިން އަނަސް އޭ ކިޔުނު މީހެކެވެ. އެހަނގުރާމައިގައި އެކަލޭގެފާނުގެ އާއިލާގެ ވަރަށް ގިނަ ބޭފުޅުންނާއި ސަޙާބީން ވެސް ޝަހީދު ކޮށްލިއެވެ.

 

ހަނގުރާމައިގައި އިމާމު ޙުސެއިން އަށް ލިބިލެއްވި ޒަޚަމްތަކުގެ ސަބަބުން އެކަލޭގެފާނު ވަރަށް ބޮޑަށް ވަރުފުޅު ދެރަވިއެވެ. ލިބުނު ޒަޚަމްތަކުގެ ސަަބަބުން ވެއްޓި ވަޑައިގަނެ ބިންމަތިވެ ވަޑައިގަތުމުން، ޚޫލީ ބިން ޔަޒީދު ގާތު އިމާމު ޙުސެއިން ގެ އިސްތަށިފުޅު ކަނޑުއްވަން ސިނާން ބިން އަނަސް އަމުރު ކުރެއްވިއެވެ.

 

ޚޫލީ އެކަމާއި ކުރިމަތިލީ ނަމަވެސް އަތް ތުރުތުރު އެޅުމުގެ ސަބަބުން ބިރުން ފަހަތަށް ޖެހުނެވެ. އެހިނދު ސިނާން ބިން އަނަސް ރުޅިއައިސްގެން ޚޫތީ އާއި ދިމާލަށް ބުންޏެވެ. "މާތް ކަލާނގެ ކަލޭގެ އަތް ވާކުރައްވާށިއެވެ."

 

މިހެން ބުނެފައި ފޯރީގައި ގޮސް އިމާމު ރަޟިއަﷲ އަންހު ޒަބަޙަކޮށް، މިއުންމަތުގެ އިތުރު ނަބިއްޔާ (ޞޢޥ) ގެ ބޮސްދެއްވުމުގެ މަރުކަޒެއްކަމުގައި ހިމެނުނު މާތް އިސްތަށިފުޅު (އިމާމް ޙުސެއިން ރަޟިއަﷲ އަންޙު ގެ އިސްތަށިފުޅު) ހަށިކޮޅާއި ވަކިކޮށްލިއެވެ.

 

ޖައުފަރު ބިން ޢަލީ މުޙައްމަދުގެ ފަރާތުން ރިވާވެފައިވެއެވެ. އިމާމު ޙުސެއިން ރަޟިއަﷲ އަންހު ޝަހީދުވުމަށްފަހު ބެލިއިރު، އެކަލޭގެފާނުގެ ހަށިކޮޅުގައި ދުނީގެ ސަބަބުން އުފެދިފައި ހުރި ޒަޚަމްތަކުގެ އިތުރުން ލޮންސީގެ 33 ޒަޚަމާއި ކަނޑީގެ 34 ފާރުގަނޑު ހުއްޓެވެ.

 

އެކަލޭގެފާނުގެ އިސްތަށިފުޅު ހަށިކޮޅާއި ވަކިކޮށްލުމަށްފަހު ވެސް އުމަވީ ސިފައިން ކަން ކުރެއްވީ ވަރަށް ވެސް އިހާނެތި ގޮތަކަށެވެ. އިރާޤުގައި ހުރި އުމަވީ ގަވަރުނަރު އުބައިދު ބިން ޒިޔާދު، އިބްނު ސައުދަށް އަމުރުކުރީ، އިމާމު ހުސެއިން ރަޟިއަﷲ އަންހު ޝަހީދު ކުރުމަށްފަހު އެކަލޭގެފާނުގެ މާތް ހަށިކޮޅު މަތީގައި އަސްދުއްވާ، އިމާމް ޙުސެއިން ގެ ހަށިކޮޅު ޗިސްޗިސް ކޮށްލުމަށެވެ.

 

އެކަމުގެ ވަގުތު ޖެހުމުން، އެކަމަށް ގޮވާލުމުން، ރަސޫލާ (ޞޢޥ) ގެ ލޮބުވެތި މާފާ ދަރިކަލުންގެ ހަށިކޮޅު ޗިސްޗިސް ކޮށްލުމަށް 10 މީހުން ކުރިމަތިލިއެވެ.

 

އެބައިމީހުން އެމާތް ހަށިކޮޅު އަސްތަކުގެ ފައިދަށުލާ ޗިސްޗިސް ކޮށްލިއެވެ.

މަސްދަރު: ޠާހިރު އަޙްލު ބައިތުން/ ޢަބްދުﷲ ފާރޫޤް ޙަސަން

މިއަދު އޮންލައިން