ތަކްލީފް އުފުލަން ޖެހިފައިވާ އަންހެނުންނަށް ޚާއްޞަ!: ﷲ ގެ ޙަޟްރަތުގަ އަބުރު ގެއްލުމުން އޮތީ ކޮން ރީތިކަމެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ތަކްލީފް އުފުލަން ޖެހިފައިވާ އަންހެނުންނަށް ޚާއްޞަ!: ﷲ ގެ ޙަޟްރަތުގަ އަބުރު ގެއްލުމުން އޮތީ ކޮން ރީތިކަމެއް؟

މި ބަސްކޮޅު މިރޭ މި އަމާޒުކުރަނީ ބައެއް އަންހެނުންނަށެވެ. އެމީހުންގެ ދިރިއުޅުމުގައި މުޞީބާތްތައް ކުރިމަތިވުމުން ﷲ ތަޢާލާގެ މަގު ދޫކޮށް އެހެން ގޮތް ގޮތުން ސަލާމަތްކަން ހޯދަން މަސައްކަތްކުރާ އަންހެނުންނަށެވެ. ޙަލާލް ނޫން ގޮތުގައި ފައިސާ އާއި ތަކެތި ހޯދަން މަސައްކަތްކުރާ އަންހެނުންނަށެވެ. 

ލޮބުވެތި ކަނބަލުންނޭވެ! ތިބާ ވަނީ މުޞީބާތެއްގެ ތެރޭގައިކަން އެނގޭނަމަ އެހީގެ އަތްތައް ގިނަވާނެއެވެ. ދިގުވެސްވާނެއެވެ. ވީމާ މަގު އޮޅުމުގެ ފުރުޞަތު ބޮޑުވެސްވާނެއެވެ. މަގު އޮޅުން ފަސޭހަވެސް ވާނެއެވެ. 

ވީމާ ފުރަތަމަވެސް ވިސްނައިލަންވީ މިއާޔަތަށެވެ. "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!" (ބަޤަރާ: 155) 

ޒަވާޖީ ޙަޔާތް ރޫޅިއްޖެނަމަ ބައެއް ފަހަރު ވަރަށް ދަތިހާލު ކުރިމަތިވެއެވެ. ކުރިން އުޅުނު ފުދުންތެރި ދިރިއުޅުމުން ވަކިވާން ޖެހުމުން ވަރަށް ގިނަ މުޞީބާތްތައް ކުރިމަތިވެއެވެ. ޚާއްޞަކޮށް އަންހެން މީހާގެ ގާތުގައި ދަރިން ތިބިނަމައެވެ. ހިތްދަތިކަން އިންތިހާއަށްވެސް ހިގައިދާނެއެވެ. އެފަދަ ހާލަތުގައިވާ އަންހެނުންގެ ކިބައިން ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ ފިރިހެނުން ވަރަށް ގިނަވާނެއެވެ. 

ހިތްވަރުކުރާށެވެ! އަންހެނުންނަކީ ވަރަށް ހިތްވަރުގަދަ ބައެކެވެ. ވީމާ މިއާޔަތާއިމެދު ވިސްނައިލާށެވެ!  މިއާޔަތުގައި ބަޔާން ކުރައްވަވާފައި މިވާ ފަދަ ހިތްވަރު ގަދަ، އީމާންތެރި، ކިޔަމަންތެރި އަންހެނުންގެ ތެރެއިންވާށެވެ! "އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބައެކޭ ބުނާ މީހުންނެވެ." (ބަޤަރާ: 156) 

މިފަދަ ހިތްވަރު ހުރި އީމާންތެރިއަކަށް ވެވިއްޖެ ނަމަ ހުރި އުފާވެރިކަމުގެ ޚަބަރު މިއާޔަތުން ލިބިގަންނާށެވެ. "އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން މަޣްފިރަތާއި ރަހްމަތް އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ."

(ބަޤަރާ: 157) 

ދަތިޙާލު ކުރިމަތިވާނެއެވެ. ކެތްތެރިވާށެވެ! ޢަބުރާއި ޢިއްޒަތް ނަގައިނުލާށެވެ! ޢަބުރާއި ޢިއްޒަތް ނަގައި ނުލުމަކީ ހަމަ އެކަނި ދުނިޔޭގެ ލޯތަކަށް ޢިއްޒަތް ހިފެހެއްޓުމެއް ނޫނެވެ. ޢަބުރާއި ޢިއްޒަތް ހިފަހައްޓަންވީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ދުނިޔޭގައި ސިއްރުން ކަންކަން ކުރެވިދާނެއެވެ. ކުރާ ކަންކަން މީސްތަކުންނަށް ސިއްރު ކުރެވިދާނެއެވެ. ނަމަވެސް އެއްވެސް ކަމެއް ﷲ ތަޢާލާއަށް ސިއްރެއް ނުކުރެވޭނެއެވެ. ވީމާ ކިތަންމެ ސިއްރުން ނަމަވެސް ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ ކަމެއް، ނަހީ ކުރެއްވެވި ކަމެއް ކޮށްފި ނަމަ އެމީހެއްގެ ޢަބުރެއް އަދި ޢިއްޒަތެއްވެސް ނެތެވެ. އެވަނީ ގެއްލި ހުސްވެފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން