އާޚީރަތަށް ގެންދަން ﷲ ޙަވާލު ކުރެއްވެވި މުއްސަނދިކަން ނުގެންގޮސް ބަހައްޓާފައި ދިއުމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
އާޚީރަތަށް ގެންދަން ﷲ ޙަވާލު ކުރެއްވެވި މުއްސަނދިކަން ނުގެންގޮސް ބަހައްޓާފައި ދިއުމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟: މުފްތީ މެންކް

ދުނިޔޭގައި ކުރަން މަސައްކަތް ކުރާ ކަމެއް ނުވުމުން އެއީ ފޭލިވުމުން ކަމަށް ގިނަ ބައަކު ދެކެއެވެ. ނަމަވެސް ވިސްނާށެވެ! ދުނިޔަވީ އެއްވެސް ކަމަކުން އެއްވެސް މީހަކު ފޭލެއް ނުވާނެއެވެ. އެހެނީ ކުރަން މަސައްކަތްކުރާ އެއްވެސް ކަމެއް ނުވުމަކީ ފޭލްވުމެއް ނޫނެވެ. އެހެނީ އެކަމުން ފޭލްވީ އެމީހަކަށް އެއަށްވުރެ ބޮޑު ނިޢްމަތެއް ލިބެން އޮތުމުން ކަމަށްވުމަކީ ވަރަށް ގާތް ކަމެކެވެ.  

ދެން އޮތީ ޙަޤީޤީ ފޭލްވުމެވެ. ޙަޤީޤީ ފޭލްވުމަކީ ﷲ ތަޢާލާ އެންގެވި ގޮތަށް ދުނިޔޭގައި ނުއުޅުވުމެވެ. އާޚީރަތް ގެއްލިގެންދާނެ ގޮތަށް ދުނިޔޭގައި ހަޔާތް ހޭދަކުރެވުމެވެ. ކައްވަޅު އަލިކޮށްލައި ދޭނެ އެންމެ ކުޑަމިނުން އުއްބައްތިއެއްވެސް ނުލައި ކައްވަޅަށް ދާން ޖެހުމެވެ.  

ޙަޤީޤީ ފޭލްވުމަކީ އެ ހިފައިގެން އާޚިރަތަށް ދިއުމަށް ތިބާ އާއި ﷲ ތަޢާލާ ޙަވާލު ކުރެއްވެވި ބޮޑު މުއްސަނދިކަން ނުގެންގޮސް ، ދުނިޔެއަށް ދޫކޮށް ހުސްއަތާ މަރުވާން ޖެހުމެވެ.  

ﷲ ތަޢާލާ ތަނަވަސްކަން މިންވަރުފުޅު ކުރައްވަވަނީ އެ ތަނަވަސްކަން ހިފައިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމަށެވެ. އެތަނަވަސްކަން ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދިއުމަކީ ދެއްވެވި ތަނަވަސްކަމުގެ ބޭނުން ﷲ ތަޢާލާ އެންގެވި ގޮތުގައި ހިފުމެވެ. ތަނަވަސްކަމުން ހޭދަކުރަން އަނގަވާފައިވާ ކަންކަމަށް ހޭދަކުރުމެވެ. އެގޮތުގައި ހޭދަކޮށްފިނަމަ އެދެވެނީ އެ މުއްސަނދިކަން ހިފައިގެންނެވެ. އެގޮތުގައި ދެވިއްޖެ ނަމަ ﷲ ތަޢާލާ ނިޢްމަތްތައް އެތައް ގުނައަކަށް އިތުރުވެސް ކޮށްދެއްވަވައެވެ. 10 ގުނައިން ފެށިގެން 700 ގުނަ އާއި ހަމައަށެވެ.  

ވީމާ ދެއްވެވި ތަނަވަސްކަމުން ފުރަތަމަ އަނބިދަރިންނަށް ހޭދަކުރާށެވެ! ޢާއިލާއަށް ހޭދަކުރާށެވެ! މައިންބަފައިންނަށް ހޭދަކުރާށެވެ! ޞަދަޤާތް ކުރާށެވެ! ﷲ ތަޢާލާގެ މަގުގައި އެހެން ކަންކަމަށްވެސް ހޭދަކުރާށެވެ! އެއިރުން އާޚިރަތަށް އެދެވެނީ ކުރިންވެސް ބުނިފަދައިން ﷲ ތަޢާލާ ހަވާލުކުރެއްވެވި ތަކެތި ހިފައިގެންނެވެ.

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން