"ވައްކަމާ މަގުފޭރުން ހުއްޓުވަން ބޭނުން ނަމަ އޮތް ހަމަ އެކަނި ޙައްލަކީ ﷲ ބާވައިލެއްވެވި ޙައްދުތައް ޤާއިމުކުރުމެވެ. ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވާފައިވާ ޙުކުމްފުޅުތައް ތަންފީޒުކުރުމެވެ. އަމިއްލަ ގޮތްތައް ނެރެން ދުނިޔޭގައި ކިތަންމެ ބޮޑެތި މަޗްވަރާތައް ކުރި ނަމަވެސް، ކިތަންމެ ވަރަކަށް އަމިއްލަ ގޮތްތައް ނެރެން މަސައްކަތް ކުރި ނަމަވެސް އެކަން މިދަނީ ފޭލްވަމުންނެވެ. ވައްކަމާއި ފޭރުން މިދަނީ އިތުރުވަމުންނެވެ."
"މަގުފޭރުން ކަމަށް ބެލެވެނީ މީހުން މަދު (އެހީއަކަށް އެދެވޭނެ ބައަކު ފެންނަން ނެތް) ތަނެއްގައި މީހަކަށް ހަމަލާދީ އެމީހެއްގެ އަތުގައި ހުންނަ ތަކެތި ފާޅުގައި ހަތިޔާރާއެކު ފޭރި ގަތުމެވެ. އެމީހަކު ދަތުރުކުރާ އުޅަނދެއް ނުވަތަ ސަވާރީއެއް ހުއްޓުވައި އެ އެއްޗެއްގައި ހުންނަ ތަކެތި ފޭރިގަތުމެވެ. ކުރީ ޒަމާނުގައި ޤާފިލާތަކަށް ހުށަހޮޅިގަނެ ލޫޓުވާލައެވެ. އަދި މީހުން މަރައެވެ. އެފަދަ މީހުންނަށް އޮތީ މަރުގެ އަދަބު ދިނުމެވެ. އަދި ޞަލީބަށް އެރުވުމެވެ.
(މީހުން ގިނަ ތަނެއްގައި) މަގުފޭރުމުގެ ގޮތުން މީހާގެ އަތުން މުދާ ފޭރިއްޖެނަމަ އެމީހަކަށް ދޭން ޖެހޭ އަދަބަކީ އަތްކެނޑުމެވެ. މައްސަލަ ހިނގާފައިވާ ގޮތަށް ބަލައި އެކަމެއް އެންމެ ބޮޑަށް ފެތެނީ އިސްލާމް ދީނުގެ ކޮން ޙުކުމަކަށްކަން ބަލައި އެ ޙުކުމާއި އެއް ގޮތަށް ނިޔާ ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވެއެވެ."
މިއީ ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ޝައިޚްގެ މި ބަސްފުޅަށް ބަލާއިރު ދާދިފަހުން ރިންގ ރޯޑުގައި މިފްކޯގެ ވެހިކަލެއް ހުއްޓުވައި ފޭރުން ފަދަ މައްސަލަތަކުގެ ޙުމަކީ މަރުގެ އަދަބު ދިނުމެވެ.
ކޮންމެ ދުވަހަކުހެން މަގުފޭރުމާއި ވައްކަމުގެ އެތައް ބައިވަރު މައްސަލަތައް ފެންމަތިވަމުން އަންނައިރުވެސް އެކަންކަން ހުއްޓުވަން އަމަލުކުރަން އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އަމަލުކުރަން 100% މުސްލިމް ދިވެހި ދައުލަތުން ބޭނުން ނުވަނީ ކީއްވެގެންބާވައެވެ؟ އިސްލާމް ދީނުގައި ބަޔާންވެގެންވާ ޙައްދުތައް ޤާއިމު ނުކުރުން ރައްޔިތުންނަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަން ދިވަހި ދައުލަތަށް ނުޖެހޭނެ ބާވައެވެ.! ﷲ ތައާލާ ބާވައިލެއްވެވި ޙައްދުތައް ޤާއިމު ނުކޮށް ޤިޔާމަތް ދުވަހު ﷲ ތަޢާލާއަށް ދެއްކޭނީ ކޮން މޫނެއް ބާވައެވެ!