ތިބާއަކީ ތިބާ ބަލައި މަލާއިކަތުން ފައިބާ ވަޑައިގަންނަވާނެ މީހަކަށްވާށެވެ!: ޝައިޚް އަބޫބަކުރު ޒައުދް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ތިބާއަކީ ތިބާ ބަލައި މަލާއިކަތުން ފައިބާ ވަޑައިގަންނަވާނެ މީހަކަށްވާށެވެ!: ޝައިޚް އަބޫބަކުރު ޒައުދް

ސުވަރުގެވަންތަވެރިންގެ މަރު ހިއްޕަވާ ވަގުތު އިތުރު މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ.  އެމީހެއްގެ ހިތްހަމަޖަސަވައި ދެއްވަވަން ވާހަކަފުޅު ދައްކަވާނެތެވެ. އުފާވެރިކަމުގެ ޚަބަރުތައް ދެއްވަވާނެތެވެ. 

"ﷲ ގެ އަޅާއެވެ. ތިބާ ތިބާގެ ވާޖިބު އަދާކޮށްފީމުއެވެ. މިއަދު އަހަރެމެން ފައިބައި މިތިބީ 7 އުޑުމަތިން ﷲ ތަޢާލާގެ އަމުރުފުޅަށެވެ! ތިބާއަށް ހިތްހަމަޖެހުން ގެނެސްދޭށެވެ. ދުނިޔެއިން ނުކުރެވި ހުރި އެއްވެސް ކަމަކާއިމެދު ކަންބޮޑު ނުވާށެވެ! އެކަންކަން މަތިން ހަނދާން ނައްތައިލާށެވެ! އެނބުރި ތިއަ ދަނީ މާ އުފާވެރިކަން ހުރި މަޤާމަކަށެވެ. 

ބަލަން ޖެހޭ ކުޑަކުދިން (ދަރިން) ތިބީތީވެސް ކަންބޮޑުނުވާށެވެ! ﷲ ތައާލާ އެހުރިހާ ކަންކަން އެންމެ ގާތުން ބައްލަވައިވޮޑިގެންވާނެތެވެ. ތިބާ އެނބުރި ތިއަ ދަނީ ތިބާއަށްޓަކައި ޚާއްޞަ ކުރެެއްވިގެންވާ މަޤާމަށެވެ. ސުވަރުގެއަށެވެ." 

މަލާއިކަތުން ފައިބައިވަޑައިގަންނަވަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ދާންޖެހޭ ކައްވަޅުގެ އަނދިރިކަން ބޮޑުކަމުންނެވެ. ކައްވަޅުގެ އެކަނިވެރިކަން ބޮޑުކަމުންނެވެ. އެހީތެރިވާނެ އެއްވެސް މީހަކު ނުހުންނާނެތީއެވެ. ކައްވަޅުގައި އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ދެއްވެވޭނީ ހަމައެކަނި ﷲ ތަޢާލާ އަށެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް ދުނިޔޭގައި އުޅުނު މީހުންނަށް ކައްވަޅުގައިވެސް ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅު ލިބިގެންދެއެވެ. 

"ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރި، ތަޤްވާވެރިންނާއިއެކުގައި" ކަމަށް ވަޙީކުރައްވަވާފައިވާ ބަސްފުޅު މިކަމުގެ ދަލީލަކަށް ފުދެއެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުން މިދުނިޔޭގައި ޙާޞިލުކޮށްފި އެއްވެސް މީހަކަށް އެ ނިޢްމަތް ދުވަހަކުވެސް ގެއްލިގެނެއް ނުދާނެއެވެ. ދުނިޔޭގައިވެސް ، ކައްވަޅުގައިވެސް އަދި ޤިޔާމަތް ދުވަހުވެސް ﷲ ތައާލާގެ ނިޢްމަތްތައް ވާނީ އެމީހަކާއިއެކުގައެވެ. އެހެންކަމުން އެފަދަ މީހުންނަށް އަބަދުވެސް ދާނީ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބެމުންނެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން