ﷲ ދެކެ ލޯބިވާކަން ބަޔާން ކުރުމަށް ކޮންމެ މީހަކަށްވެސް އެންމެ ފަސޭހައިން ކުރެވޭނެ ކަމަކީ...

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ﷲ ދެކެ ލޯބިވާކަން ބަޔާން ކުރުމަށް ކޮންމެ މީހަކަށްވެސް އެންމެ ފަސޭހައިން ކުރެވޭނެ ކަމަކީ...

"އަހަރެންނަކީ ވަރަށް ދެރަ ނިކަމެތި މީހަކީމެވެ. ވަރަށް ބޮޑު ފަޤީރަކީމެވެ. ޞަދަޤާތެއް ކުރެވޭނެ ފަދަ ވެސް އަތުގައި ނެތެވެ. ވީއިރު ﷲ ދެކެ ލޯބިވާކަން ބަޔާން ކުރުމަށް އަޅުގަނޑަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟" މިއީ ހަމަ ވަރަށް ގިނަ ބައެއްގެ ވިސްނުމެވެ. ވީމާ މިކަމުގެ އިތުރު ތަފްޞީލާއިމެދު ވިސްނައިލަމާ ހެއްޔެވެ؟ 

އަމިއްލަ ހަޔާތާއި ގުޅުވައިގެން ބަލައިލަމާ ހެއްޔެވެ؟ ކައިވެނީގެ ކުރިން މީހަކާއި ރައްޓެހިވިނަމަ، ނުވަތަ ފުރަތަމަވެސް ކައިވެނި ކުރީ ކަމުގައި ވާނަމަ ތިމާގެ ލޯބިވެރިޔާ ނުވަތަ އަނބިމީހާ ރުޅި އަތުވެދާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. އެއޮތީ ﷲ ތައާލާ ދެކެ ލޯބިވާކަން ހާމަކުރަން ވެސް ކުރަން ޖެހޭ ފުރަތަމަ ކަންތައް އެނގިފައެވެ. އެކަމަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައި ވާ  އެއްވެސް ކަމެއް ނުކުރުމެވެ. 

ދެވަނަ ކަމަކީ ތިމާގެ ލޯބިވެރިޔާ ނުވަތަ އަނބިމީހާގެ ރުހުން ހޯދުމަށްޓަކައި އެމީހަކު އެދޭ ހުރިހާ ކަމެއް ކުރާ ފަދައިން އެކަމެއް ކުރުމަށް ﷲ ތަޢާލާ އަންގަވާފައިވާ ހުރިހާ ކަމެއް ބަރާބަރަށް ކުރަމުން ގެންދިއުމެވެ.   

ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިވުން ފުރިހަމަވެގެންދަނީ މި ދެ ބައި ފުރިހަމަވުމުންނެވެ. އެއީ އެކަމަކުން ދުރުހެލިވުމަށް އެންގެވި ކޮންމެ ކަމަކުން ދުރުހެލިވުމާއި އެކަމެއް ކުރުމަށް އަމުރު ކުރެއްވެވި ހުރިހާ ކަމެއް ކުރަމުން ގެންދިއުމެވެ. 

ދެން ތިއަ ކަންބޮޑުވަނީ ޞަދަޤާތް ނުދެވިގެންނެވެ. ޞަދަޤާތް ނުދެވޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ހުރިހާ ވެސް މައްސަލަ އަކީ ޞަދަޤާތް ކުރުމާއި ފައިސާ އާއި ގުޅުވާ ކަމެކެވެ. ފައިސާ އާއި ގުޅުވަން ޖެހޭނީ އަތުގައި ފައިސާ ހުރިނަމައެވެ. އަތުގައި ފައިސާ ނެތް ނަމަ ފައިސާ އާއި ޞަދަޤާތް ކުރުމާއި ގުޅުވަން ވިސްނުމުގެ ބޭނުމެއްވެސް ނެތެވެ. 

އެހެނީ ޞަދަޤާތް ކުރުމުގެ ފުރުޞަތު ﷲ ތައާލާ މށބޮޑަށް ހުޅުވައިލަ ދެއްވަވާފދައިވާތީއެވެ. 

މުސްލިމް އަޚާ ފެނުމުން ހިނިތުންވެ ނުލެވޭނީ ކާކަށް ހެއްޔެވެ؟ އެ ކުރެވުނީ ޞަދަޤާތެކެވެ. މީހެއްގެ އަތުން ވެއްޓުނު އެއްޗެއް ގުދުވެލާފައި ނަގައިދިނުމަކީވެސް ޞަދަޤާތެކެވެ. އަދި ކީއްހެއްޔެވެ؟ އަނބި ދަރިންނަށާއި އަމިއްލަ މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް ހެޔޮކޮށް ހިތުމަކީވެސް ހަމަ ޞަދަޤާތެވެ. 

ﷲ ތައާލާ ދުނިޔޭގައި މީސްތަކުން ލެއްވެވީވެސް ދަރަޖަތަކަކަށެވެ. ވީމާ އެކި މީހުން ދިރިއުޅެނީ އަދި ދިރިއުޅޭނީ ވެސް އެކި ދަރަޖައިގައިކަން ﷲ ތަޢާލާ ދެކެ ދެނެވޮޑިގެންވެއެވެ. ވީމާ އަތުގައި ފައިސާ ނެތިގެން ޞަދަޤާތް ނުދެވުމަކީ އެއްވެސް ގޮތަކުން ކަން ބޮޑުވާން ޖެހޭނެ ކަމެއް ނޫނެވެ. 

ފެށުމުގައި ބަޔާން ކުރި ފަދައިން ﷲ ތަޢާލާ ދެކެ ލޯބިވާކަން ބަޔާންކުރަން ކުރަން މިޖެހެނީ ހަމަ އެންމެ ކަމެކެވެ. އެއީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާ ކުރުމެވެ. ކިޔަމަންތެރިކަން އަދާކުރުމުގެ މާނައިގައި މި ހިމެނެނީ 2 ކަމެކެވެ. އެއީ އެކަންކަން ކުރުމަށް ﷲ ތަޢާލާ އަމުރުފުޅު ކުރެއްވެވި އެންމެހައި ކަންކަން ކުރުމާއި އެކަމެއް ނުކުރުމަށް ﷲ ތަޢާލާ އަންގަވާފައިވާ އެއްވެސް ކަމެއް ނުކުރުމެވެ. 

މިއިން އެއްވެސް ކަމަކީ ކުރަން ބޭނުން ހަމަ އެއްވެސް މީހަކަށް ނުކުރެވޭނެ ކަންކަމެއް ނޫނެވެ. އެއްވެސް މިންވަރަކަށް ބުރަ ވެސް ކަންކަމެއް ނޫނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން