ސާދް އިބްން މުޢާޛް (ރޢ) އަވަހާރަވުމުން ﷲ ވޮޑިގެންވާ ޢަރްޝިކޮޅަށް ލޮޅުން އެރި ސަބަބު: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ސާދް އިބްން މުޢާޛް (ރޢ) އަވަހާރަވުމުން ﷲ ވޮޑިގެންވާ ޢަރްޝިކޮޅަށް ލޮޅުން އެރި ސަބަބު: ޢުމަރު ސުލައިމާން

ސާދް އިބްން މުޢާޛް (ރޢ) އަވަހާރަވުމުން ﷲ ވޮޑިގެންވާ ޢަރްޝިކޮޅަށް ލޮޅުން އެރިއެވެ. އެކަން ރަސޫލް (ޞޢވ) ވަނީ ޙަދިޘްފުޅު ކުރައްވަވާފައެވެ. 

ސުވާލަކީ އެކަން އެހެން އެވީ ކީއްވެގެން ހެއްޔެވެ؟ މުޢާޛްގެފާނު އަވަހާރަވުން އެހައި ބޮޑު ކަމަކަށްވީ ކީއްވެގެން ހެއްޔެވެ؟ އެއީ މުޢާޛްގެފާނު ފަދަ އިސްލާމް ދީނަށް ނަޞްރު ދެއްވެވުމުގައި އެންމެ ކުރީ ސަފުގައި ހުންނެވި ބޭކަލަކު އަވަހާރަވުމުން، އެކަލޭގެފާނުގެ ފުރާނަފުޅު ޢަރުޝީގެ ދަށުގައިވާ  ބައްތިކޮޅުތަކުގެ ތެރޭގައިވާނެތީއެވެ. ﷲ ތައާލާގެ ޙަޟްރަތަށް މުޢާޛްގެފާނުގެ ފުރާނަފުޅު ވަޑައިގަތުމުގެ މަތިވެރިކަން ބޮޑުކަމުންނެވެ. 

މުޢާޛްގެފާނު އަވަހާރަވީ ޚަންދަޤް ހަނގުރާމައިގައި ލިބިވަޑައިގެންނެވި އަނިޔާއެއްގެ ސަބަބުންނެވެ. ވީމާ ޢިލްމުވެރިން ބަޔާން ކުރައްވަނީ މުޢާޛްގެފާނަކީ ޝަހީދެއް ކަމަށެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ޝަހީދުންގެ ފުރާނަތައް ޤިޔާމަތާއި ހަމައަށް ދެމި ތިބޭނީ ފެހިކުލައިގެ ކުދި ދޫނިތަކެއްގެ ބަނޑުގައި ކަމަށެވެ. އެދޫނިތައް އުދުހި އުޅޭނެތެވެ. ކައި ހަދާނީ ސުވަރުގޭގެ މޭވަ ކަމަށެވެ. އެ ދޫނިތައް ޢަރުޝީގެދަށުގައި އެލުވިފައިވާ ބައްތިކޮޅުތަކުގެ ކައިރިއަށް އައިސް އުޅޭނެތެވެ. 

މުޢާޛްގެފާނަކީ އަންސާރުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އިސްލާމްވެވަޑައިގަތުމަށްފަހު ހުރިހާ ގޮތަކުންވެސް އިސްލާމް ދީނަށް ނަޞްރު ދެއްވެވުމުގައި އެންމެ ކުރީ ސަފުގައި ހުންނެވި ބޭކަލެކެވެ. މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދެއްވެވުމުގައާއި މުސްލިމުންނަށް މެދުވެރިވާ މައްސަލަތައް ޙައްލުކުރައްވަން މަސައްކަތްޕުޅު ކުރެއްވެވުމުގައި އެންމެ ކުރީގައި ހުންނެވި ބޭކަލެކެވެ. 

މުޢާޛްގެފާނު އަވަހާރަވީ އުމުރުންފުޅުން ތިރީހުގެ ތެރޭގައެވެ. އިސްލާމް ވެވަޑައިގަތުމަށްފަހު ފާއިތުވީ އެންމެ 5 އަހަރެވެ. އަވަހާރަވުމުން ވަޅުފުޅުލަން ގެންދެވުނު އިރު ހަށިކޮޅު އާދައާއި ޚިލާފަށް ލުޔެވެ. ސަބަބެއް ކަމަށް ރަސޫލް (ޞޢވ) ހަދީޘްފުޅު ކުރެއްވެވީ މުޢާޛްގެފާނުގެ ހަށިކޮޅު އުފުއްލެވީ މަލާއިކަތުން ކަމަށެވެ. 

އުހުދު ފަރުބަދައަށް ރަސޫލް (ޞޢވ) އާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނު އަރައިވަޑައިގަތުމުން އުފަލުން އެ ފަރުބަދަ ތެޅިގަތެވެ. ފަރުބަދައަށް ހަމަ ޖެހެން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. 

މީސްތަކުންނޭވެ. މުޢާޛްގެފާނުގެ ސިޔަރަތުން ހާޞިލުކުރަން ޖެހޭ ފިލާވަޅުތައް ވަރަށް ގިނައެވެ. އެންމެ މުހިންމު ފިލާވަޅަކީ އިސްލާމް ދީނަށް ނަޞްރު ދިނުމުގައި ކުރިއަރައި ދިއުމުން ލިބެންހުރި އުފާތަކެވެ. ލިބެން އޮތް ބޮޑު އަދި މަތިވެރި ނިޢްމަތެވެ. މުޢާޛްގެފާނުގެ ހަށިކޮޅު ލުއިވީ މަލާއިކަތުން ހަށިކޮޅު އުފުއްލެވުމުންކަން އެނގެން މިއޮތީ ރަސޫލް (ޞޢވ) އެކަން ޙަދީޘްފުޅު ކުރައްވަވާފައިވާތީއެވެ. ނޫން ނަމަ އެކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. 

ހެޔޮ ލަފާ ބައެއް މީހުން މަރުވުމުން ވަޅުލަން ގެންދާއިރު ސަންދޯއް ލުއިކަން ބައެއް ފަހަރު ފާހަގަކުރެވެއެވެ. އެކަމުގެ ވާހަކަ ދައްކައެވެ. އެގޮތަށް އެ އިޙްޞާޞް ކުރެވެނީ ކޮން ސަބަބަކާއިހުރެކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

މީސްތަކުންނޭވެ! ދުނިޔޭގައި އުޅޭއިރު ވިސްނަންވީ މިފަދަ ކަންކަމަށެވެ. މަސައްކަތް ކުރަންވީ މުޢާޛްގެފާނު ހޯއްދެވި ފަދަ މަޤާމެއް ލިބިގަތުމަށެވެ. ނިޢްމަތަކީ ދުނިޔޭގެ ތަނަވަސްކަމާއި މަތީ މަޤާމެއް ނޫނެވެ. ޙަޤީޤީ ނިޢްމަތަކީ މުޢާޛްގެފާނު އެ ހޯއްދެވި ނިޢްމަތެވެ. 

ﷲ ތައާލާގެ ޙަޟްރަތުގައި މީހާގެ ދަރަޖަ އުފުލިގެންދަނީ އެމީހާ ކުރާ އަޅުކަމުގެ ސަބަބުންނެވެ. ތަޤްވާވެރިކަމުގެ ސަބަބުންނެވެ. ވީމާ ﷲ ތައާލާގެ ޙަޟްރަތުން މަތީ ދަރަޖަ ހޯދަން ބޭނުންވާ މީހާއަށް އޮތީ އެކަމަށް އެދި ގަދައަޅައި މަސައްކަތް ކުރުމެވެ.

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން