އެއް ދުވަހަކު ސުލައިމާނުގެފާނުގެ ވަޒީރަކު ސުލައިމާނުގެފާނަށް ދެންނެވިއެވެ. "ދެންމެ ކަލޭގެފާނުގެ އަރިއަހުގައި އެ އިންނެވީ ކޮން ބޭކަލެއްތޯއެވެ؟ އެބޭކަލަކު އަހަރެންނާއި ދިމާއަށް ބެއްލެވީ ހައުދަހައި އެހެން ގޮތަކަށެވެ.
ޖަވާބުގައި ސުލައިމާންގެފާނު ވިދާޅުވީ އެއީ މަލަކުލްމައުތުގެފާނު ކަމަށެވެ.
ވަޒީރު ދެން އެދިވަޑައިގަތީ އަވަހަށް ދުރު ބިމަކަށް އޭނާ ފޮނުއްވަވައި ދެއްވެވުމަށެވެ. އެގޮތަށް އެދުމުން ވައި މެދުވެރިކުރައްވައި ވަޒިރު އިންޑިއާއަށް ފޮނުއްވަވައި ދެއްވެވިއެވެ. އިންޑިއާއަށް ދެވުމާއިއެކު މަލަކުލްމައުތު ވަޑައިގެން އޭނާގެ ފުރާނަ ހިއްޕެވިއެވެ. އެކަން އެހެން އެވީ ﷲ ތަޢާލާ އޭނާގެ ފުރާނަ އިންޑިއާގައި ހިއްޕަވަން ލިޔުއްވަވާފައި އޮތުމުންނެވެ. އޭނާ މަރުވުމަށް ލިޔުއްވަވާފައި އޮތް ތަނަށް މަރުވާން ދެވުނީއެވެ.
މީސްތަކުންނޭވެ! މިއަދު ވަރަށް ގިނަ މީހުންނަކީ ފަހުން ތައުބާވާން މަޑުކޮށްގެން ތިބޭ ބައެކެވެ. މިވެނި ކަމެއް އެވެނިކަމެއް ފުރިހަމަކޮށްލާފައި ޙައްޖަށް ދިއުމަށްފަހު ތައުބާވެ ހެޔޮ އަމަލުކުރަން މަޑުކޮށްގެން ތިބޭ ބައެކެވެ.
އެމީހެއްގެ މަރު ހިއްޕަވަން ﷲ ތައާލާ އިރާދަކުރައްވަވާފައިވާ ވަގުތަކީ އެއްވެސް މީހަކަށް އެނގޭނެ ވަގުތެއް ނޫނެވެ. މަރު ހިއްޕަވަން ވުމުން އެމީހެއްގެ އުމުރަކަށް އަދާކުރާ މަޤާމަކަށް ނުވަތަ އެމިހާގެ ކިބައިގައި ހުރި މުއްސަނދި ކަމަކަށް އަދި ޞިއްހީ ދުޅަ ހެޔޮ ކަމަކަށްވެސް މަލަކުލްމައުތު ނުބައްލަވާނެތެވެ. މަރުހިއްޕަވާނެތެވެ.
މިފަދަ ވާހަކަތައް ތަކުރާރުކޮށް މި ކިޔައިދެނީ މިކަންކަމާއިމެދު ވިސްނައި ފިކުރުކުރުމަށެވެ. ހިތާމައަކީ ކިތަންމެ ގިނައިން ކިޔައިދިން ނަމަވެސް ވިސްނައި ފިކުރާ މީހުން މަދުކަމެވެ. ކޮންމެ ވަގުތަކުވެސް ތިމާ މަރުވެދާނެ ކަމަށް ބިރު ގަންނަ މީހުން މަދުކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން