މުޙައްމަދު ޢަލީ ބޭނުންވި ގޮތަށް ދުނިޔެ ދޫކުރުމުގެ ފުރުޞަތު ﷲ އޭނާއަށް ދެއްވެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
މުޙައްމަދު ޢަލީ ބޭނުންވި ގޮތަށް ދުނިޔެ ދޫކުރުމުގެ ފުރުޞަތު ﷲ އޭނާއަށް ދެއްވެވި!

"އެއީ އާޝޫރާގެ ފުރަތަމަ ރޯދަ ދުވަހެވެ. ރޯދަ ވީއްލެވީ އަޅުގަނޑުމެންނާއިއެކު މިސްކިތުގައެވެ. ރޯދަ ވީއްލެވުމަށްފަހު ވިދާޅުވީ ދެން މިރޭ ގެއަށް ވަޑައިގަންނަވާނީ ޢިޝާ ނަމާދުވެސް ކުރައްވައިގެން ކަމަށެވެ. ގެއަށް ވަޑައިގަތީ ޢިޝާ ނަމާދު ކުރައްވައި ޢިޝާ ނަމާދަށްފަހު ކުރައްވާ އަޅުކަންތައްވެސް ފުރިހަމަ ކުރައްވައިގެންނެވެ.  

ދެން ކުއްލިއަކަށް އަޑުއިވުނީ ނިޔާވި ވާހަކައެވެ. ހިތަށް ކުރި އަސަރެއް ބުނަންވެސް ނުއެނގުނެވެ. ގެއްލިގެން އެދިއައީ ވަރަށް ހިތް ހެޔޮ އަޚެކެވެ. މިސްކިތުގެ އަހުލުވެރިއެކެވެ. ނަމާދު ނިމިގެން އަޅުގަނޑުމެންނާއިއެކު ވަގުތު ހޭދަކުރައްވަމުން ގެންދެވި ހިތް ހެޔޮ، ތަޤްވާވެރި މިތުރެކެވެ." (ޙަދީބީ މިސްކިތުގެ އަހުލުވެރިއެއް)  

އަޅުގަނޑާއި މުޙައްމަދު ޢަލީ ބައްދަލުވީ އެއިގެ ދެރޭ ކުރިން 8.30 ހައިއިރުއެވެ. އެއިރުވެސް އިންނެވީ ދެއަތްމައްޗަށް އުފުއްލަވައި ދުޢާ ކުރައްވާށެވެ. ސަލާމްކޮށްލުމުގެ ބޭނުމުގައި އިރުކޮޅަކު މަޑުވެސްކޮށްލީމެވެ. ނަމަވެސް އަޅުގަނޑަށް ވަގުތު ނެތުމުން މިސްކިތުން ފެއިބީއެވެ.  

އަޅުގަނޑާއި އެންމެފަހުން މުޙައްމަދު ޢަލީ ވާހަކަ ދެއްކެވީ ހަމަ އެ މިސްކިތު ބޭރު ދާލައިގައި އިންނަވައިގެންނެވެ. ވިދާޅުވި އެއް ބަސްފުޅު ފާހަގަކޮށްލާނަމެވެ. "އަޅުގަނޑު މުނިސިޕަލިޓީގަ މަސައްކަތް ކުރި އިރު ވަރަށް ގިނަ މީހުން ބުނެ އުޅުނެވެ. ތިއަ ގޮތަށް މަސައްކަތް ކޮށްގެން ކުރިއެރުމެއް ނުލިބޭނެއެވެ. ގެއެއްވެސް ނުއެޅޭނެއެވެ. އެމީހުންނަށް ޖަވާބުގައި ބުނީމެވެ. އެއްކަމެއް ނުވި ނަމަވެސް އުޅެވެން އޮތީ މިގޮތަށެވެ. މާތްﷲ އެނގެވި ގޮތުގައެވެ."  

މުޙައްމަދު ޢަލީ ގެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީ ކަސްޓަމް އޮފިސަރަކަށް ހުންނަވައި އެއިރުގެ މިނިސްޓަރެއްގެ ލަގެޖްކޮޅު ޗެކްކުރެއްވި ހިސާބުންނެވެ. އެކަން އެއިރު ވީ ވަރަށް ބޮޑު ކަމަކަށެވެ. މުނިސިޕަލިޓީއަށް ބަދަލުވެލައްވަން ޖެހި ލެއްވި ސަބަބަކީވެސް އެއީ ކަމަށް ބެލެވެއެވެ.

މުޙައްމަދު ޢަލީ ބޭނުންވެ ލެއްވީ މާތް ﷲ އެންގެވި ގޮތުގައި އުޅުއްވުމަށެވެ. އެ ފުރުޞަތު ހޯއްދެވިއެވެ. އެމަށް ކުރެއްވި މަސައްކަތުންނެވެ. މަޝްހޫރު އެމެޓީ ސޭޓު ނިޔާވަންދެން ފައިސާގެ ކަންކަމުގައި އެންމެ އިތުބާރު ކުރެއްވި އެކަކީ ވެސް މުޙައްމަދު ޢަލީއެވެ. ވީމާ މާތް ﷲ އެންގެވި ގޮތުގައި ދުނިޔޭގައި އުޅުއްވަން މުޙައްމަދު ޢަލީ މަސައްކަތް ކުރެއްވިކަން މިކަމުންވެސް ހާމަވެއެވެ.  

މުޙައްމަދު ޢަލީ އަކީ ލ. ފޮނަދޫ އަށް ނިޞްބަތްވާ ބޭކަލެކެވެ.  ނިޔާވި އުމުރަކީ 73 އަހަރެވެ. ނިޔާނީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިފަދަ ތެދުވެރި، އަމާނާތްތެރި، އިޚްލާޞްތެރިންގެ ޙަޔާތުން ޢިބްރަތް ޙާޞިލުކުރުން ވަރަށް މުހިންމެވެ.  

މުޙައްމަދު ޢަލީގެ ޢާއިލާގެ ބޭކަލަކު ވިދާޅުވިއެވެ. "އެއީ ހަމަ އަޅުގަނޑުގެ އަޚެކެވެ. ޢާއިލީ ގޮތުން ދެބެންގެ ދެދަރި ބޭކަލެކެވެ. އެންމެ ބޮޑަށް ފާހަގަކުރެވެނީ އަބަދުވެސް ބަހައްޓަވާ ހިތްހެޔޮ ކަމެވެ. ގާތްކަމެވެ. އެއީ ފާހަގަކޮށްލެވޭ ފަދަ ރަނގަޅު އަޚެކެވެ."

މާތް ﷲ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރުފުޅު ކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވަވާށި! އާމީން

މިއަދު އޮންލައިން