"ކީރިތި ނަބިއްޔާ محمد صلى الله عليه وسلم ނަބީކަމާއިގެން ފޮނުއްވުނީ ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައެވެ. އެހެންކަމުން އެންމެހާ ހަރުކަށިކަމަކާ ނިރުބަވެރިކަމުން އިސްލާމީ ޝަރީޢަތް ވަނީ ބަރީޢަތްވެގެންނެވެ."
- ޝައިޚް މުޙައްމަދު ލަޠީފް
އިސްލާމް ދީނަކީ ހަރުކަށި ދީނެއް ކަމަށް ބުނާ މީހުން، މުސްލިމް ޤައުމެއްގައި މީހަކަށް މަރުގެ އަދަބު ދީފިނަމަ އެކަން ކުށްވެރި ކުރެއެވެ. އެމީހުން ބޭނުންވުމުން އެމީހުންގެ ޤައުމުގައި މަރުގެ އަދަބު ދެއެވެ.
ކުށްކުރުމުގެ ރޭޓަށް ބަލާއިރު ކުށް ކުރުން އެންމެ މަދީ އިސްލާމީ ޝަރީޢާ ތަންފީޒުކުރާ ސައުދި ޢަރަބިޔާގައެވެ. ސައުދިއަރަބިޔާގެ މަގުތަކުން ފެންނަނީ އަތްބުރިކޮށްފައި ތިބި މީހުންނެއް ނޫނެވެ. ސައުދިއަރަބިޔާގެ ފިހާރަތަކުގެ ދޮރު ލައްޕައި ތަޅުލާކަށް ވެސް ނުޖެހެއެވެ.
ބައަކު އިސްލާމް ދީނުގެ ޙުކުމްތައް އޮޅުވާލައިގެން އެމީހަކު ބޭނުންވާ ކަމެއް ޙާޞިލުކުރަން މަސައްކަތްކުރުމަކީ އިސްލާމް ދީނާއި އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫނެވެ. އެފަދަ މީހުންގެ މައްޗަށް ޝަރީޢަތް ކުރެވި އަދަބު ދެވޭނަމަ ކަމުގެ ޙަޤީޤަތް ވަރަށް ރަނގަޅަށް ސާފުވާނެއެވެ. މުސްލިމް ނަން ކިޔާ މީހުންނަށް ހަތިޔާރާއި ފައިސާ ދީގެން ހަރުކަށި އަމަލުތައް ހިންގުވާ ފަރާތްތަކުގެ މައްސަލަ ބެލޭނަމަ އިސްލާމް ދީނުގެ ނަޒާހަތްތެރިކަން އިތުރަށް ހާމަވެގެންދާނެއެވެ.