ރަން ގަލަމުގެ އެވޯޑު ލިބުމަކީ ލިބުނު އިތުރު ހިތްވަރެއް، ދެން ދާނީ އިތުރަށް ކުރިއަށް!: ދޮންބެ

ކިޔުމަށް ހޭދަވާނީ 5މ 45ސ
ރަން ގަލަމުގެ އެވޯޑު ލިބުމަކީ ލިބުނު އިތުރު ހިތްވަރެއް، ދެން ދާނީ އިތުރަށް ކުރިއަށް!: ދޮންބެ

ބައެއް މީހުންނަށް ހީވާ ގޮތުގައި، އުމުރުން 55 އަހަރަށްވުރެ މަތިވުމުން، ދެން އެވީ އަވަހަށް ވަޒީފާގެ މައިދާނުން ރިޓަޔާވާށެވެ. އެހިސާބުން މުސްކުޅިވީ ކަމަށް ބަލާފައި، އެއުމުރުގެ މީހުންނަކީ އިތުރަށް ދެން އެއްވެސް ކަމެއް ނުކުރެވޭނެ ބައެއް ކަމަށް ވެސް އެއްބައިމީހުން ދެކެއެވެ.

ނަމަވެސް އެފަދަ ޙިޔާލުތަކަކީ ހަމައެކަނި ކުށްހީއެއްކަން، ހިތްވަރުގަދަ އެކަކު މިވަނީ ސާބިތު ކޮށްދީފައެވެ. އެމީހަކީ ހ. ކުރެދިމާގޭ އިސްމާއިލް އަބްދުލްޣަފޫރް، އާއްމުކޮށް މީހުން ދަންނަ ގޮތުންނަމަ "ދޮންބެ" އެވެ. އެންމެ ޒުވާން އުމުރުން ފެށިގެން ފޮޓޯ ނަގަމުން އަންނަ "ދޮންބެ" ގެ ވާހަކަ ލިޔެލަން ލިބުމަކީ ހަމަޔަގީނުންވެސް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

ދޮންބެ ބުނި ގޮތުގައި އޭނާގެ އުމުރުން މިހާރު 60 ވަރަކަށް އަހަރު ވެދާނެއެވެ. އަދި ފޮޓޯ ނެގުމުގެ ދާއިރާގައި މަސައްކަތް ކުރާތާ މިހާރު 30 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެއެވެ.

"މިއަދުނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި ދޮންބެ ބުނެފައިވަނީ، އެންމެ ފުރަތަމަ ފޮޓޯ ނަގަން ދޮންބެ ގެންގުޅުނީ ފިލްމުލައްވާ ގޮތަށް ހުންނަ ފުޖީ ކެމެރާއެކެވެ. އެމަސައްކަތް އެއިރު ދޮންބެ ފަށާފައިވަނީ އާއިލާގެ ޚަރަދުތައް ބެލެހެއްޓުމަށް، އާމްދަނީ ހޯދުމަށް މަސައްކަތެއް ކުރުމަށެވެ.

"އަމިއްލަ މަސައްކަތެއް ކުރަން ވެގެން ފެށީ. އެއިރު އެންމެ ފުރަތަމަ ފޮޓޯ ނަގަން ފެށީ ތިމާގެ މީހެއް ދިން ފުޖީ ކެމެރާއަކުން. އެއީ ފިލްމުލައްވާ ވައްތަރުގެ ކެމެރާއެއް. އެންމެ ފުރަތަމަ ވެސް ހަމަ ނެގީ މީހުންގެ ފޮޓޯ. ސްކޫލްތަކުގެ ޚާއްސަ ޚަފްލާތަކުގައާއި، ޕާކަށް ދަން އެއިރު ކެމެރާ ހިފައިގެން ފޮޓޯ ނަގައިދޭން. ކުރިން ފޮޓޯގަނޑެއް ނަގާދިނީ 10 ރުފިޔާއަށް. މިހާރު 30 ރުފިޔާއަށް. މިހާރު އަސްލު ވަރަށް ނުލިބޭ އެގޮތަށް ފޮޓޯ ނަގަން. އެއީ މިހާރު ގިނަ މީހުން މިގެންގުޅެނީ މޮޅެތި ފޯނުވިއްޔަދޯ. ފޯނުން މިހާރު ގިނަ މީހުން ފޮޓޯ ނަގަނީ" ފޮޓޯނެގުމުގެ ޙަޔާތް ކުރުގޮތަކަށް ކިޔައިދެމުން ދޮންބެ ބުންޏެވެ.

ދޮންބެ ބުނިގޮތުގައި އެއިރުވެސް ދޮންބެ ނަގާދިން ފޮޓޯތަކަށް ގިނަބައެއްގެ ތަރުޙީބު ލިބުނެވެ. ޚާއްސަކޮށް، އެހެން މީހެއްގެ އަތުން ނުލިބިހުރި ތަފާތު ފޮޓޯތަކެއް ލިބުމުންނެވެ.

"މީހުން ވަރަށް އުފާވެ އެމީހުންނަށް ނުލިބިހުރި ފޮޓޯތަކެއް އެހެން ގޮސް ދިނީމަ. މިސާލަކަށް ކޮންސެޓް، ނޫނީ އެކަހަލަ ޚާއްސަ ޚަފްލާއެއްގެ ވިޔަސް. ސްކޫލުން ނުލިބިދާނެތާ އެކަހަލަ ޚަފްލާއެއްގައި އެކި ކުދިންގެ ވަކިވަކި ފޮޓޯ. އީދު ދުވަހު ރައީސްއާއި ސަލާމްކުރަން ގޮއްސަ ހުންނަ ފޮޓޯތައް ވެސް ނަގާދިނިން. އެގޮތަށް އެހެން ފޮޓޯ ނަގާފަ، ގެންގޮއްސަ ދިނީމަ އެމީހުން ވަރަށް އުފާވޭ. އަދި އިތުރަށް ޚަފްލާތަކަށް ފޮޓޯ ނަގަން ދިޔުމުގެ ފުރުސަތުވެސް ލިބޭ. އެއްފަހަރު ސާކް ސަމިޓެއްގައި ވެސް ފޮޓޯ ނަގަން ފުރުސަތު ލިބުން. އެދުވަހު ހުސްވި 10 ފިލްމު ރޯލު" އާދައިގެ މަތިން ދޮންބެގެ މޫނުމަތިން ފެންނަ ހިނިތުންވުމާއެކު ބުންޏެވެ.

ދޮންބެ ބުނިގޮތުގައި، އެގޮތަށް ފޮޓޯ ނަގާދީގެން ގޭގެއަށްގޮސް ފޮޓޯ ހަވާލު ކުރުމުގައި ކުރިއަށްވުރެ މިހާރު ދަތިތަކަކާއި ކުރިމަތިވެއެވެ. އެއީ ކުރިން މާލެގައި ހުންނަ ގެތައް ތިރި ނަމަވެސް، މިހާރު ހުންނަ ގިނަ ގެތަކަކީ އުސް އިމާރާތްތަކަށްވުމެވެ.

"ކުރިން އެންމެ އުހަށްވެސް ހުންނަނީ އެންމެ ފަންގިފިލާއެއްލާފަ ހުންނަ ގެ. މިހާރު އެކަމަކު ބައެއް ފަހަރު އެބަޖެހޭ 10 ބުރީގެ އިމާރާތަކަށްވެސް ފޮޓޯ ހިފައިގެން އަރަން، ލިފްޓެއް ވެސް ގިނަ ފަހަރަށް ނުހުރޭ. ދެން އެވަރުން އަރާއިރު ބައެއް ފަހަރު އެބަ ބުނޭ އެގޭގަ ނޫޅެއޭ ވެސް. އެހެންވެ ދެން ޖެހެނީ އަނބުރާލާފަ ދާން. އެގޮތަށް ކަންތައްވުމުން ވަރަށް ދަތިވެ، ހިތްދަތިވޭ" ދޮންބެ ބުންޏެވެ.

ކެމެރާއެއް ހިފައިގެން ފޮޓޯ ނަގަމުން، މީޑިއާގެ ދާއިރާއަށް ވަތް ދޮންބެ އަކީ މިހާރު އަޅުގަނޑުމެންގެ (މިއަދުނޫހުގެ) ސީނިއާރ ފޮޓޯ ޖާރނަލިސްޓެވެ. ދޮގެއްނުހަދާ ބުނާނަމަ، ދޮންބެއަކީ މިއަދުނޫހުގެ މައި އެއްތަނބެވެ. އެހެންކަމުން މީޑިއާގެ ދާއިރާއަށް ދޮންބެ އަށް ވަދެވުނު ގޮތް ވެސް އަހާލީމެވެ.

"މީޑިއާއަށް ހަމަ އެންމެ ފުރަތަމަވެސް ވަނީ މިއަދުނޫހަށް. މިތަން އުފެއްދީއްސުރެ ހަމަ މިތަނުގަ މިއުޅެނީ. މިއަދުނޫހަށް އެންމެ ފުރަތަމަ ވަދެވުނީ އެއިރު މިނޫސް ހިންގުމާއި ހަވާލުވެހުރި އަޙްމަދު އަބްދުﷲ ގެ އެދުމުގެ މަތިން. މިތަނުގަ އަހަރެން ދުވަހަކުވެސް ނޫޅެން ވަޒީފާއެއް އަދާކުރުމުގެ ގޮތުންނެއް. ރަޙްމަތްތެރިކަމުގަ އައީ ވެސް، މިއުޅެނީ ވެސް. އެއިރު އަހްމަދު އަބްދުﷲގެ ރަޙްމަތްތެއިކަމުގަ، މިހާރު ލަތީފުގެ ރައްޓެހިކަމުގަ. އެކަމަކު މިހާރު ދެން މިއަދުނޫހުގެ މުވައްޒިފެއްގެ ވެސް ގޮތުން މިއުޅެނީ" އުފަލާއެކު ދޮންބެ ބުންޏެވެ.

މިއަދުނޫސް އުފެދުނުތާ މިހާރު 25 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިއަދުނޫހަކީ މެދުނުކެނޑި ރާއްޖޭގައި ނެރޭ އެންމެ ގިނަ ދުވަސްވީ ނޫސްކަމަށްވެސް ވެފައިވާއިރު، އެއްވެސް ހުއްޓުމެއް ވަރުބަލިކަމެއް ނެތި ދޮންބެ މިމީޑިއާއަށް ކޮށްދެމުން އައި އަގުހުރި މަސައްކަތުގެ އަގު، ސަރުކާރުން މިވަނީ ވަޒަން ކޮށްފައެވެ. މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ބޭއްވުނު "ނޫސްވެރިކަމުގެ ޤައުމީ އިނާމު" ދިނުމުގެ ޚާއްސަ ޚަފްލާގައި، އަޅުގަނޑުމެންގެ ދޮންބެ އަށް ވަނީ ޝަރަފުވެރި "ރަން ގަލަމުގެ" އެވޯޑު ލިބިފައެވެ. އެވަގުތުކޮޅު ކިޔާދެމުން ދޮންބެ ބުނީ "ވަރަށް އުފާވި ވަގުތެއް އެއީ. އެއްވެސް ވަރަކަށް ހިއެއް ނުކުރަން އެވޯޑެއް އެރޭ ލިބޭނެ ކަމަށް. އެތަނަށް ދިޔައީވެސް ހަމައެކަނި އެއިވެންޓުގަ ފޮޓޯ ނަގަން. އެކަކުވެސް އެއްވެސް އެއްޗެއް ވެސް ނުބުނޭ އެވޯޑެއް ލިބެންށޭ އުޅެނީކިޔާފަވެސް. އެހެން ހުއްޓާ ނަން ގޮވާލީމަ ވަރަށް އުފާވި. އެތާ ތިބި ގިނަ މީހުންވެސް ވަރަށް ބޮޑު ތަރުޙީބެއް ދިން. ނޭނގެ ކިޔާދޭކަށް، ހިތައްއެރި އެއްޗެއް. އެކަމަކުވެސް ހަމަ ވަރަށް އުފާވި." އެވޯޑުގެ ވާހަކަ ކިޔާދެމުން ދިޔައިރު އިތުރަށް އުފަލާއެކު ދޮންބެ ކިޔައިދިނެވެ.

ދޮންބެއަކީ ކޮންމެހެނަކަސް ވަރަށް ހިތްވަރުގަދަ ފަހުލަވާނެކެވެ. ހުރިހާ އިވެންޓަކަށް ވެސް، އަދި ދާ އެހެން ހުރިހާ ތަނަކަށް ވެސް ބައިސްކަލެއްގައި ދަނީ ވެސް ދޮންބެ ބުނިގޮތުގައި އެހިތްވަރު ދޮންބެގެ ހުރީމައެވެ. އެއީ ދޮންބެ ބުނިގޮތުގައި ލިބޭ ކަސްރަތެކެވެ. ފޮޓޯނެގުމުގެ ދާއިރާއިން ޝަރަފުވެރި އެވޯޑެއް ހާސިލްވުމުން، ދެން މިދާއިރާއިން ދޮންބެ ގެއްލިދާނެކަމުގެ ސުވާލު އުފެދިފައިތިބި މީހުންނަށް ދޮންބެ ދިން ޖަވާބަކީ ނޫނެކޭއެވެ.

"މިއީ ލިބުނު ހިތްވަރެއް، މިދާއިރާގަ އިތުރަށް ކުރިއަށްދާން. އެހެންވީމަ ދެންވެސް ހަމަ ދާނީ އިތުރަށް ކުރިއަށް" ދޮންބެ ބުންޏެވެ.

އެއިރުން ފެށިގެން މިހާރާއި ހަމައަށް މިދާއިރާގައި ކުރިއެރުން ލިބުމުގައި ދޮންބެ ވެސް ފާހަގަކުރި ފަރާތްތަކެއްވެއެވެ.

"ވަރަށް ޚާއްސަ ޝުކުރެއް އަދާ ކޮށްލަން ބޭނުން އަހަރެންގެ އާއިލާއަށާއި ދެ ދަރިންނަށް. އަދި ނޫސްވެރިކަމުގެ ދާއިރާއަށް ނެރެދިން އަހްމަދު އަބްދުﷲ އަށާއި މިހާރުވެސް އަހަރެން މިތަނުގައި ގާތް މީހެއް ގޮތުގައި ގެންގުޅޭ އަބްދުއްލަތީފަށް ވެސް ޝުކުރު އަދާކުރަން. އަދި އަހަރެން ކުރާ މަސައްކަތް ފާހަގަކޮށް، މިކަހަލަ ޝަރަފުވެރި އެވޯޑެއް ސަރުކާރުން ދެއްވީތީ، މީޑިއާ ކައުންސިލަށް ވެސް ވަރަށް ބޮޑު ޝުކުރެއް އަދާ ކުރަން" ބަސްދީގަތުން ނިންމާލަމުން ދޮންބެ ބުންޏެވެ.

މިއަދު އޮންލައިން