108 ކޮޓަރި ހިމެނޭ ގޮތަށް ތަރައްގީކުރަމުން އަންނަ ރިސޯޓް ތ. ކަޅުދިޔަފުށި 29.5 މިލިއަން ޑޮލަރަށް ވިއްކާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިން އިއުލާކޮށްފިއެވެ.
ހުރަވީ އިންޓަނޭޝަނަލްއަށް ދޫކޮށްފައިވާމިރަށް ތަރައްގީ ކުރަމުން ދިޔައީ ސްޕެއިންގެ ބައިނަލްއަގުވާމީ ހޮޓެލް ޗެއިން "މެލިއާ ހޮޓެލްސް" އާ ގުޅިގެންނެވެ.
ބީއެމްއެލް އިން ބުނެފައިވަނީ މިރަށް ވިއްކާލަށް އިއުލާން ކުރީ އެ ރަށް ތަރައްގީ ކުރުމަށް ޓަކައި އެ ކުންފުނިން، އެ ބޭންކުން ނަގާފައިވާ "ކްރިޑިޓް ފެސިލިޓީ"އަކަށް ފައިސާ ދައްކަމުން ނުދާތީ އެ ރަށް ވިއްކާލައިގެން ފައިސާ ހޯދުމުގެ ހުއްދަ ސިވިލް ކޯޓުން ކުރި ހުކުމަކުން ބޭންކަށް ދީފައިވާތީ ކަމަށެވެ.
ބީއެމްއެލްއިން ކުރި އިއުލާނުގައި ބުނީ އެ ރަށް ވިއްކާލަނީ 29.5 މިލިއަން ޑޮލަރަށް ކަމަށެވެ. އެ ރަށް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހު ހަވީރު 4:00 ގައި ބީއެމްއެލްގެ ހެޑްއޮފީހުގެ ހަ ވަނަ ފަންގިފިލާ މީޓިން ރޫމްގައި ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ތ. ކަޅުދިޔަފުށްޓަކީ ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކަށް 24 އޯގަސްޓް 2015 ވަނަ ދުވަހު އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށެކެވެ.