ދަރުމަވަންތަ ރަސްގެފާނު ރާއްޖެ އިސްލާމް ކުރެއްވި ގޮތުގެ ވާހަކައިން ގިނަ ބައަކަށް ނުއެނގޭ ކަންކަން ވަރަށް ގިނަ!: ޝައިޚް އާދަމް ނިޝާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
ދަރުމަވަންތަ ރަސްގެފާނު ރާއްޖެ އިސްލާމް ކުރެއްވި ގޮތުގެ ވާހަކައިން ގިނަ ބައަކަށް ނުއެނގޭ ކަންކަން ވަރަށް ގިނަ!: ޝައިޚް އާދަމް ނިޝާން

ދިވެހިރާއްޖޭގެ ރައްޔިތުން ބުދުދީނަށް އުޅެމުން ދަނިކޮށް ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމް ކުރެއްވެވި ރަސްގެފާނު، އައްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ، (ދަރުމަވަންތަ ރަސްގެފާނު) އަށް އެއްވެސް މިންވަރެއްގެ ކުޑައިމިސް ބަހެއް ބުނެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އައްޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.  

މިރޭގެ ޢިޝާ ނަމާދަށްފަހު ފުރްޤާން މިސްކިތުގައި ދަރުސް ދެއްވަމުން ޝައިޚް އާދަމް ނިޝާން ވިދާޅުވީ ރާއްޖެ އިސްލާމް ވީ ގޮތުގެ ވާހަކައިގައި ކިޔައި އުޅޭ ރަންނަމާރިއަކީ ޙަޤީޤީ ރަންނަމާރިއެއް ނުވަތަ ޖިންނި ފުރޭތައެއް ނޫންކަން އެނގޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެކަމުގެ ހެކި ދައްކަވަމުން ޝައިޚް އާދަމް ނިޝާން ވިދާޅުވީ ރާއްޖެ އިސްލާމްވީތާ 300 ވަރަކަށް އަހަރުފަހުން އިބްނު ބަޠޫޠާ ރާއްޖެ އައިސް ހުރިއިރު ވެސް ކަނޑުމަތިން އެގޮތަށް ދިއްލާފައި ހުރި އުޅަނދެއް ފަދަ އެއްޗެއް މާލެ އާއި ދިމާއަށް އަންނާތީ ފެނިގެން ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން މަގުތަކަށް ނުކުމެ އަޑުހަރުކޮށް ތަކްބީރު ކިޔައި ކަންކަން ކުރިކަމަށާއި އެ އަޑު އިވޭ ހިސާބަށް ކައިރިވުމަށްފަހު އެ އެއްޗެއް ދުރަށް ގޮސް ގެއްލުނު ކަމުގެ ވާހަކަ އިބްނު ބަޠޫޠާ އޭނާގެ ތާރީޚްފޮތުގައި ލިޔެފައި އެބަ އޮތް ކަމަށެވެ.  

ދެވަނަ ސަބަބެއް ކަމަށް ވިދާޅުވީ ބުދުދީނުގައި ސިއްރިޔާތުގައި އަންހެންކުދިންނާއިމެދު އެފަދަ އަމަލުކުރަމުން އައިސްފައިވާކަން ސާބިތުކަމާއިއެކު އެނގެން އޮތުމުން އެއީ އެއިރު ރާއްޖޭގައި ތިބި ހާމުދުރުން ކުރި ކަމެއް ކަމަށްވެސް ބެލެވިދާނެ ކަމަށެވެ.  

3 ވަނަ ސަބަބެއް ކަމަށް ޝައިޚް އާދަމް ނިޝާން ވިދާޅުވީ އެއީ ރަސްގެފާނު ކުރެއްވި ކަމެއް ނަމަވެސް އިސްލާމްވެވަޑައިގެންނެވި ހިނދުން ފެށިގެން ކުރިން ކުރެއްވިފައިވާ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެ ކަމަށާއި އެކަންކަމުގެ ވާހަކަތައް ނުދެއްކޭނެ ކަމަށެވެ. އަދި އެ ރަސްގެފާނަކީ އިސްލާމްވެވަޑައިގަތުމަށްފަހު ރާއްޖޭގެ ރައްޔިތުން އިސްލާމް ކުރައްވަވައި އިސްލާމް ދީނަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކުރެއްވެވި ބޭކަލެއްކަން ތާރީޚު ފޮތްތަކުން އެނގެން އެބަ އޮތް ކަމަށެވެ.  

ޝައިޚް އާދަމް ނިޝާން ވިދާޅުވީ ރަސްގެފާނު ބަދުނާމު ކުރުމަށް ތަފާތު ވާހަކަތައް ދައްކަނީ އިސްލާމް ދީނުގެ އަދާވާތްތެރިން ކަމަށެވެ. ބޭނުންވަނީ ރާއްޖޭގެ ރައްޔިތުން އިސްލާމްދީން ޤަބޫލު ކުރީ މަޖުބޫރުންކަމަށް ދައްކުވަން ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ގޮތަކުން ޤަބޫލުކުރެވެންއޮތް ވާހަކައެއް ނޫން ކަމަށެވެ.  

"ބައްލަވަ! ޕޯޗްގީޒުން ރާއްޖެ ހިފައިގެން ތިބި ދުވަސްވަރު ރައްޔިތުން ކްރިސްޓިއަން ދީނަށް ވައްދުވަން ކިހައި މަސައްކަތެއް ކުރިތޯ؟ ކާމިޔާބެއް ނުވި ނޫންތޯ؟ މަޖުބޫރުކުރުމުން ވެސް ބަނގުރާ ނުބުއިމުން ގަދަކަމުން ކަރުބުޑަށް އުޅުނު ނޫންތޯ؟" ސުވާލަކުރައްވަމުން ޝައިޚް އާދަމް ނިޝާން ވިދާޅުވީ މިކަންކަމުން ދައްކުވައިދެނީ ދިވެހިންގެ ހިތުގައި އިސްލާމް ދީނަށް އޮތް ލޯބީގެ ބޮޑުކަމާ ސާބިތުކަން ކަމަށެވެ.

ދަރުމަވަންތަ ރަސްގޭފަނަށް ޙައްޤު ޤަދަރާއި އިޙްތިރާމް އަބަދުވެސް އަދާކުރަން ޖެހޭނެކަން ފާހަގަކުރައްވަމުން ޝައިޚް އާދަމް ނިޝާން ވިދާޅުވީ އެއްވެސް ކަމެއް ވާނެ ގޮތް ބުނަން ނުއެނގުނު ނަމަވެސް އެ ރަސްގެފާނު ދިވެހި ރައްޔިތުން އިސްލާމް ނުކުރެއްވި ނަމަ ދިވެހި ރައްޔިތުން އަދިވެސް ތިބޭނީ ބުދީނުގައިކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ދިވެހިންނަށް ލިބިފައިވާ އެންމެ މަތިވެރި އިއްޒަތާއި ޝަރަފަކީ އިސްލާމް ދީނުގެ މަތިވެރި ނިޢްމަތް ކަމަށްވާއިރު އިސްލާމް ދީނުގެ ހިދާޔަތް ދިވެހިންނަށް ލިބުމަށް ﷲ ތަޢާލާ މެދުވެރިކުރެއްވެވި ރަސްގެފާނަށް ޙައްޤު ޝުކުރާއި ތަޢްރީފް އަބަދުވެސް ކުރަން ޖެހޭނެ ކަމަށެވެ.

މިއަދު އޮންލައިން