"ޤިޔާމަތްވުމުގެ ތާޅަފިލި އިސްރާފީލްގެފާނު ފުމެލެއްވެވުމުން ކައްވަޅުތަކާއި ދިމާއިން ބިންގަނޑު ފަޅަފަޅައިގެންދާނެއެވެ. ހުޅުވިގެންދާ ބާގަނޑުތަކުން އެތަންތަނުގައި ވަޅުލެވިފައިވާ މީހުން ތެދުވެ ނުކުންނާނެއެވެ. މީސްތަކުން ކައްވަޅުތަކުން ނުކުންނަތަން މީސްތަކުންނަށް ފެންނާނެއެވެ."
- ބިލާލް އައްސަދު
"ތާޅަފިލީގެ އަޑާއިއެކު އިރާއި ހަނދުގެ އަލިކަން ގެއްލިގެންދާނެއެވެ. ތަރިތައް ނެތިގެންދާނެއެވެ. މުޅި ބިމުގައި އޮންނާނީ ކަޅުކަން ގަދަ އަނދިރިކަމެވެ. މީސްތަކުން ބިރުން ފިލަން ދުވާނެއެވެ. ނަމަވެސް އެ ގަދަ އަނދިރިކަމުގެ ތެރޭގައި ދުވެދާނީ ކޮން ދިމާއަކަށް ހެއްޔެވެ؟ މީހާގެ ވަށާލެވިފައިވާނީ ބިރުވެރިކަމެވެ.
އުޑުތައް ފަތްފަތްޖެހި ނެތިގެންދާނެއެވެ. ބޮޑެތި ބިޔަ ފަރުބަދަތައް ފުނޑުފުނޑުވެ އަޅިތަކެއް ފަދައިން ބުރަބުރައިގެންދާނެއެވެ. އެ އަޅިތައް ވިއްސިވިހާލިވެ ވިލާތަކެއް ފަދައިން މައްޗަށް އަރައިގެންދާނެއެވެ.
އާދަމްގެފާނުން ފެށިގެން ދުނިޔޭގައި ލެއްވެވި އެންމެހައި މީސްތަކުންގެ ހިސާބު ބެއްލެވޭނެތެވެ! ހަމައެކަކަށްވެސް ހިސާބު ބެއްލެވުމަކުން ސަލާމަތެއް ނުވެވޭނެއެވެ." –މުފްތީމެންކް
"މިދުނިޔޭގައި މީސްތަކުންނަށް ނުދައްކަވާ އެތައް ކަމެއް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ދައްކަވާނެތެވެ. ޖިންނި ޝައިޠާނުންތައް ފެންނާނެއެވެ. ބިރުން މީހާ ފުނޑުފުނޑުވެގެން ދިއަ ނަމަވެސް އެއްވެސް މީހަކު މަރެއް ނުވާނެއެވެ. ހެއެއްވެސް ނުނެތޭނެތެވެ. ޖެހޭނީ ހަމަ ބަލަން ހުންނާށެވެ. ހަށިގަނޑަށް ހުރިހާ ކަމެއް މިދުނިޔެއަށްވުރެ މާބޮޑަށް އިޙްޞާޞް ކުރެވޭނެއެވެ." ބިލާލް އައްސަދު
"ﷲ ތަޢާލާ އެނގެވި ގޮތުގައި ދުނިޔޭގައި އުޅުނު ކޮންމެ މީހެއްގެ ގާތަށް މަލާއިކަތަކު ވަޑައިގަންނަވާނެއެވެ. އަދި ބިރު ނުގަތުމަށާއި އެމީހާއަކީ ބިރުވެރިކަމުން ސަލާމަތްކަން ލިބިގެންވާ މީހެއްކަމަށް ވިދާޅުވެ ހިތްވަރު ދެއްވަވާނެތެވެ." - ބިލާލް އައްސަދު
"ބިރުންތިބެ ހަލާކުވަމުންދާއިރު ކާފަރުން އަލުން ދުނިޔެއަށް ފޮނުއްވަވައި ދެއްވެވުން އެދި ރޮއި އާދޭސްކުރާނެއެވެ. ކަރުނަ އަޅާނެތެވެ. ކަރުނައަލަމުން ގޮސް ލޮލުން ލޭ އަންނަމުންދާނެއެވެ. ނަމަވެސް ދެވަނަ ފުރުޞަތަކީ އެއްވެސް މީހަކަށް ދެއްވަވާނެ ފުރުޞަތެއް ނޫނެވެ." - ބިލާލް އައްސަދު
"ތިއަބައިމީހުންގެ އަތްތަކުން މިއަދު ވައްކަން ކުރެވިދާނެއެވެ. ޙަރާމްކަންކަން ކުރެވިދާނެއެވެ. އެދުވަހު އެކަންކަން ނުކުރާ ކަމަށް ދަންނަވާނެއެވެ! ނަމަވެސް އަތްތައް ވާހަކަ ދައްކައި ކުރި ހުރިހާ ކަންކަމަށް ހެކި ދޭނެއެވެ." ބިލާލް އައްސަދު
ޤިޔާމަތް ދުވަހުގެ ވާހަކަތައް ގިނަގިނައިން ކިޔާށެވެ! ހިތަށް ބިރުވެރިކަން ވެއްދޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ފާފަކުރުމަށް ބިރުގަނެ ދުރުހެލިވެވޭނީ އެއިރުންނެވެ. އަޅުކަން ކުރުން ގިނަ ކުރުމަށް ޝައުޤުވެރިކަން އިތުރުވާނީވެސް އެއިރުންނެވެ.