މަރުވުމަށްފަހު އެންމެ ބޮޑަށް ހިތާމަކުރަން ޖެހޭނެ އެއްކަމަކީ ވަގުތު ހޭދަކުރެވުނު ގޮތެވެ! އެކަމަށް ހިތާމަކުރަން ޖެހޭ މީހަކަށް ނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
މަރުވުމަށްފަހު އެންމެ ބޮޑަށް ހިތާމަކުރަން ޖެހޭނެ އެއްކަމަކީ ވަގުތު ހޭދަކުރެވުނު ގޮތެވެ! އެކަމަށް ހިތާމަކުރަން ޖެހޭ މީހަކަށް ނުވާށެވެ!

ހުކުރު ދުވަހަކީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހެވެ. ހަފްތާގެ 7 ދުވަހުގެ ތެރެއިން އެދުވަހަކަށް އިރުއަރާ އެންމެ މާތް ދުވަހެވެ. ހަފްތާގެ ޢީދު ދުވަސްވެސްމެއެވެ.

ހުކުރު ދުވަހުގެ އެންމެ ބޮޑު އުފަލަކަށް ހަދަންވީ ވީހައި ކުރިން ހުކުރަށް ގޮސް މިސްކިތުގައި ވީހައި ގިނަ ވަގުތު ހޭދަކުރުން ކަމަށް ހަދާށެވެ! ހުކުރު ދުވަހަކީ ކަހްފި ސޫރަތާއި ކީރިތި ޤުރްއާން ކިޔެވުން އިތުރުކުރާ ދުވަހަކަށް ހަދާށެވެ!

ހަފްތާގެ އެހެން ދުވަސްތަކަށްވުރެ ހުކުރު ދުވަހު މިސްކިތުގައި ހޭދަކުރާ ވަގުތު މަދުވެގެން 1 ގަދިއިރު އިތުރުކުރަން ޢަޒުމް ކަނޑައަޅާށެވެ! ހުކުރު ދުވަހަކީ ތަފާތު ވަގުތުތަކުގައި ގިނަ މިސްކިތްތަކުގައި ދީނީ ނަޞޭހަތްވެސް ދޭ ދުވަހެކެވެ. ދީނީ ޕްރޮގްރާމްތައްވެސް ހިނަގާ ދުވަހަކެވެ. ކޮންމެ ދުވަހަކީވެސް އެފަދަ ކޮންމެވެސް ކަމެއްގައި ބައިވެރިވެ ވަގުތުކޮޅެއް ހޭދަކުރާ ދުވަހަކަށް ހަދާށެވެ!

ދީނީ މައުލޫމާތަކީ އަބަދުވެސް ތާޒާކުރަން ޖެހޭ އެއްޗެކެވެ. މައުލޫމާތު ތާޒާ ކުރެވޭނީ ދަރުސްތައް އަޑުއަހައިގެނެނެވެ. އެކަން ނުކުރާނަމަ މީހާގެ އީމާންކަން ދާނީ ދުވަހެއް ދުވަހަކަށް ބަލިކަށިވަމުންނެވެ. ތަޤްވާވެރިކަން ދާނީ ކުޑަވަމުންނެވެ.

މި ބުނި މިންވަރަށް ދީނުގެ ކަންކަމުގައި ވަގުތު ހޭދަކުރި ނަމަވެސް އެހެންކަންކަމަށް ވަގުތު ލިބޭނެއެވެ. ވަގުތު ހޯދޭނެއެވެ. ވަގުތަކީ އެމީހަކު ހޯދިވަރަކަށް ލިބޭނެ އެއްޗެކެވެ. މަރުވުމަށްފަހު އެންމެ ހިތާމަކުރަން ޖެހޭނެ އެއްކަމަކީ ވަގުތު ހޭދަކުރެވުނު ގޮތެވެ! ވީމާ ވަގުތު ހޭދަކުރެވުނު ގޮތާއިމެދު ހިތާމަކުރަން ޖެހޭ މީހަކަށް ނުވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން