ފިތުނަތައް ވަށާލައިފި! - ޙާލަތު ބަދަލުކުރަން މަސައްކަތްކުރަން ޖެހިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ފިތުނަތައް ވަށާލައިފި! - ޙާލަތު ބަދަލުކުރަން މަސައްކަތްކުރަން ޖެހިއްޖެ!

މިއަދު މިފެންނަ އެއް ކަމަކީ އެމީހަކަށް ކުރެވޭ ކޮންމެ ކަމަކީ ރަނގަޅު ކަމެއްކަމަށް ޤަބޫލުކުރެވިފައި އެހެން މީހުން ކުރާ ކަންކަމަކީ ގޯސް ކަންތައް ކަމަށް ޤަބޫލުކުރެވުމެވެ. ތިމާއަކީ ރަނގަޅު މީހެއްކަމަށް ނުވަތަ އެންމެ ރަނގަޅު މީހާ ކަމަށް ޤަބޫލުކުރެވިފައި ދެން މިފެންނަނީ އެހެން އެންމެންނަކީ ގޯސް މީހުންނަށް ނުވަތަ ނުރަނގަޅު މީހުންނަށް ވަމުންދާތަނެވެ. 

ކުޑަކުޑަ މިސާލެއް ދަންނަވާނަމަ ބައެއް ޤައުމުތަކުން އެހެން އިސްލާމީ ޤައުމުތަކަށް އަރައިގަނެ އެ ޤައުމުގެ ކުޑަކުދިންނާއި ބޮޑެތި މީހުން މަރަމުން އެ ޤައުމުތަކުގައި ކިޔާ ޚުޠުބާތަކުގައި ކިޔަނީ އެޤައުމުން އެކުރަނީ ރަނގަޅު ހަރުދަނާ ކަންތައްތައް ކަމަށެވެ. އެހެންވީމާ މިއަދު މިފެންނަނީ ތިމާ ކުރާ ކޮންމެ ކަމަކީ ވެސް ރަނގަޅުކަމެއް ކަމަށް ހަދަން މަސައްކަތްކުރަމުން ގެންދާ ތަނެވެ. 

ރާއްޖެއަށްވެސް މިއަދު މިވަނީ ހަމަ އެފަދަ ހާލަތުތައް ކުރިމަތިވެފައެވެ. ތަފާތު ފިކުރުތައް އައިސްފައެވެ. ކޮންމެ ބައަކުވެސް ބުނަނީ އެމީހުން ކުރާ ކަންކަން ރަނގަޅު ކަމަށެވެ. ކޮންމެ ފިކުރެއްވެސް އަބަދުވެސް އަންނަނީ ކޮންމެވެސް ނަމެއްގައެވެ. މިހާރުވެސް އަިސްގެން މިއުޅެނީ ކޮންމެވެސް ނަމެއްގައެވެ. ދެންވެސް އަންނާނީ ކޮންމެވެސް ނަމެއްގައެވެ. 

ފިތުނައަކީ އަބަދުވެސް އޮންނަ އެއްޗެކެވެ. އެ ފިތުނަތަކުން ސަލާމަތްވުމަށް އަބަދުވެސް މަސައްކަތްކުރަން ޖެހޭނެއެވެ. 

ފިތުނަތަކުން ސަލާމަތްވެ ﷲ ތަޢާލާގެ މަގަށް ދިއުމަށް އަހަރެމެން މަސައްކަތް ނުކުރާނަމަ އަހަރެމެން ނެތި ކުރައްވަވާފައި އެހެން ބައަކު މިބިންމަތީގައި ލެއްވެވުމަކީ ﷲ ތަޢާލާއަށް ވަރަށް ފަސޭހައިން ކުރެއްވެވޭނެ ކަމެކެވެ. އަހަރެމެންނަކީ އަބަދުވެސް ﷲ ތަޢާލާގެ މަގުގައި ސާބިތުވުމަށް މަސައްކަތްކުރަން ޖެހޭނެ ބައެކެވެ. ޤައުމުގެ ޙާލަތު ﷲ ތަޢާލާ ބަދަލުކޮށް ދެއްވަވާނީ އެކަމަށް އަހަރެމެން މަސައްކަތްކުރުމުންނެވެ. އަހަރެމެންނަށް އޮތީ އެކަމަށް އެދި މަސައްކަތްކުރުމެވެ. 

- މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް ޢަލީ ރިޟާ ދެއްވި ދަރުސުން

މިއަދު އޮންލައިން