ބައިވެރިޔާއަށް ބޭވަފާތެރިވާ، ޚިޔާނާތްތެރިވާ މީހުންނަށް އެކުރެވޭފާފައިގެ ބޮޑުކަން އެނގޭނެ ނަމަ...!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ބައިވެރިޔާއަށް ބޭވަފާތެރިވާ، ޚިޔާނާތްތެރިވާ މީހުންނަށް އެކުރެވޭފާފައިގެ ބޮޑުކަން އެނގޭނެ ނަމަ...!

ބައެއް މީހުން އެމީހުންގެ ޙަޔާތުގެ ބައިވެރިޔާއަށް ބޭވަފާތެރިވެ ކަންކަން އޮޅުވައިލަމުން ނުވަތަ ޚިޔާނާތްތެރިވާއިރު މިކުރެވެނީ ކިހައިވަރެއްގެ ނުބައި ކަމެއް ކަމާއިމެދު ވިސްނައިލާބާވައެވެ! މިކުރެވެނީ ކިހައި ވަރެއްގެ ބޮޑު ފާފައެއްކަން އެނގޭ ބާވައެވެ. 

އެފަދަ ކަންކަން ކުރާ މީހުން ފެތިގެން އެދަނީ މިއާޔަތަށެވެ. އެމީހާއަށް ބޭރުވެވިގެން އެދަނީ މިއާޔަތުގައި ﷲ ތައާލާ ބަޔާން ކުރައްވަވާފައިވާ އިންތަކުންނެވެ. 

"އަދި އެއުރެންނީ އެއުރެންގެ އަމާނާތްތަކަށާއި އެއުރެންގެ އަހްދުތަކަށް ރައްކާތެރިވާ މީހުންނެވެ." (އަލްމުއްމިނޫން: 2) 

މިއާޔަތުގެ ކުރިއަށް އޮތް އާޔަތަށް ބަލައިލާށެވެ! "މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ." (އަލްމުއްމިނޫން: 1) 

ފުރަތަމަ ﷲ ތަޢާލާ ވަހީ ކުރައްވަވާފައި އެވަނީ ކާމިޔާބު ޙާޞިލުކުރެވޭނެ ބައަކީ މުއްމިނުން ކަމެވެ. އެއަށްފަހު ވަޙީ ކުރައްވަވާފައި އެވަނީ "މުއްމިނުންނަކީ އެއުރެންގެ އަމާނާތްތަކަށާއި އެއުރެންގެ އަހްދުތަކަށް ރައްކާތެރިވާ މީހުން" ކަމަށެވެ. 

މިއީ ހަމައެކަނި ތިމާ އާއި ހަވާލުކުރެވޭ ފައިސާ އާއި ސިވިލްކޯޓުގައި ވެވޭ އެއްބަސްވުން ކަމަށް ބަލައިގެންނުވާނެއެވެ. އަދި ތިމާ އާއި ޙަވާލުކުރެވޭ ވަޒީފާ އާއި ހަރު މުދައު ކަމަށް ދެކެގެންވެސް ނުވާނެއެވެ. 

ﷲ ތައާލާގެ ނަންފުޅު ބޭނުންކޮށް ކުރެވޭ ކައިވެންޏަކީ ޢާއިލީ ކޯޓުގައި ވެވޭ އެއްބަސްވުމެކެވެ. ޙަޔާތުގެ އެންމެ ބޮޑު އަހުދްނާމާ އަކީ ކައިވެނީގެ އެއްބަސްވުމެވެ. އަނބިމީހާއަކީ އަދި ފިރިމީހާއަކީ އެކަކު އަނެކަކާ ޙަވާލުކުރެވޭ އަމާނާތެކެވެ. ޚާއްޞަކޮށް އަނބިމީހާއަކީ ފިރިމީހާ އާއި ޙަވާލުކުރެވޭ ވަރަށް ބޮޑު އަމާނާތެކެވެ. އެހެނީ ކައިވެނި ކުރެވޭ ވަގުތުން ފެށިގެން އަނބިމީހާގެ ބެލެނިވެރިކަންވެސް ފިރިމީހާ އާއި އެދަނީ ޙަވާލުކުރެވިގެންނެވެ. 

އަހަރެންގެ އަމިއްލކަ ތަޖުރިބާ އާއި މީސްތަކުންގެ ކިބައިން ލިބޭ މަޢްލޫމާތަށް ބަލާއިރު އެކަކު އަނެކަކަށް ބޭވަފާތެރިވާ އެއްވެސް ބައިވެރިއަކު ވެގެންދަނީ އެހެން ކަންކަމުގައިވެސް ޚިޔާނާތްތެރިންނަށެވެ. އެފަދަ މީހުންގެ ކިބައިގައި އަމާނާތްތެރިކަމެއް ނުހުރެއެވެ! 

މިތަނުގައި ބޭވަފާތެރިވުމާއި ޚިޔާނާތްތެރިވުން މާނަ މިކުރަނީ އެކުގައި ދިރިއުޅެވެން ނެތުމުން ރިވެތި ގޮތުގައި ދެމަފިރިން ދުރުވުމަކަށް ނޫނެވެ. އެކުގައި ދިރިއުޅެމުން މަކަރު ހަދައި އޮޅުވައިލުމަށެވެ. ބޭވަފާތެރިވުމަށެވެ. ޚިޔާނާތްތެރިވުމަށެވެ. މިފަދަ އެއްވެސް ކަމެއް ކޮށްފިނަމަ އެމީހެއްގެ ކިބައިން ގެއްލިގެން އެދަނީ މުސްލިމެއްގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކެވެ. މި ބަޔާންކުރި އާޔަތުގައި ﷲ ތަޢާލާ ބަޔާން ކުރައްވަވާފައިވާ 2 ސިފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން