ތިމާއަކީ މާތް މީހެއްކަމަށް ނުވަތަ އެއްވެސް ކުށެއް ނެތް ފުރިހަމަ މީހެއް ކަމަށް ދަޢްވާ ނުކުރާށެވެ! "ތިއަބައިމީހުން ބިމުން ހެއްދެވި ހިނދުގައްޔާއި، ތިއަބައިމީހުންގެ މައިންގެ ބަނޑުތަކުގައި ޅަދަރިންގެ ގޮތުގައި ތިއަބައިމީހުން ތިބިހިނދުގައިވެސް، އެކަލާނގެ ތިއަބައިމީހުންގެ ކަންތައް ދެނެވޮޑިގަތުން ބޮޑެވެ."
ތިމާއަކީ އެއްވެސް ކުށެއް ނުކުރާ ނުވަތަ އެންމެ ފުރިހަމަ މީހެއް ކަމަށް ދައުވާ ކުރުމުގެ ޙައްޤު އެއްވެސް އިންސާނަކަށް ނެތެވެ. ވީމާ "ތިއަބައިމީހުންގެ އަމިއްލަ ނަފުސްތަކަށް ތާރީފުކޮށް ފަޚުރު ވެރިނުވާށެވެ! ތަޤްވާ ވެރިވީމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ."
މާތް މީހަކަށްވުމަށް އެދޭނަމަ ބޮޑެތި ފާފަތައް ކުރުމުން ދުރުހެލިވާށެވެ! ފާހިޝް އަމަލުތަކަށް އަރައި ނުގަންނާށެވެ! ތިމާގެ ކިބައިގައި ހުރި ބަލިކަށިކަމުން ނުވަތަ އޮޅުމަކުން ކުޑަ ފާފައެއް ކުރެވުނު ނަމަވެސް ތައުބާވުމަށް އަވަސްވެގަންނާށެވެ! މުސްލިމުންގެ ގޮތަކީ އެއީއެވެ. ﷲ ތަޢާލާ އީ ފާފަ ފުއްސަވައި ދެއްވެވުމަށް އެދުމުން ފާފަ ފުއްސަވައި ދެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ.
"އެއުރެންނީ، ކުދި ފާފަތައް ފިޔަވައި، ބޮޑު ފާފަތަކާއި، ފާހިޝް ކަންތަކުން ދުރުވެގަންނަ މީހުންނެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފާފަފުއްސެވުން ތަނަވަސް ރަސްކަލާނގެއެވެ. ތިއަބައިމީހުން ބިމުން ހެއްދެވި ހިނދުގައްޔާއި، ތިއަބައިމީހުންގެ މައިންގެ ބަނޑުތަކުގައި ޅަދަރިންގެ ގޮތުގައި ތިއަބައިމީހުން ތިބިހިނދުގައިވެސް، އެކަލާނގެ ތިއަބައިމީހުންގެ ކަންތައް ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، ތިއަބައިމީހުންގެ އަމިއްލަ ނަފުސްތަކަށް ތާރީފުކޮށް ފަޚުރު ވެރިނުވާށެވެ! ތަޤްވާ ވެރިވީމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ." (އައްނަޖްމް: 32)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން