މިރޭ ހިނގީ އެންމެ ބޮޑު އަލިފާނުގެ ހާދިސާ! - ކެމިކަލް ގުދަންތައް ރަށުތެރޭގަ ހުރުމުން ގިނަ ބައަކު ކަންބޮޑުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
މިރޭ ހިނގީ އެންމެ ބޮޑު އަލިފާނުގެ ހާދިސާ! - ކެމިކަލް ގުދަންތައް ރަށުތެރޭގަ ހުރުމުން ގިނަ ބައަކު ކަންބޮޑުވޭ!

ސިނާއީ ރަށް މާލެ އާއި ގުޅުވައިގެން ހިއްކައި މާލެތެރޭގައި ހުރި ގުދަންތައް ބަދަލުކުރާނެ ކަމަށް ސަރުކާރުތަކުން ބުނަމުން އައި ނަމަވެސް މިހައިތަނަށް އައިރުވެސް ކެމިކަލް ފަދަ ތަކެތި ރައްކާކުރާ ގުދަންތައް މާލެތެރޭގައި ހުރުމުން ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

ގިނަ ބައަކު ބުނަނީ ބުރިބުރިއަށް، ޖެހިޖެހިގެން ކޮށްފައިވާ މިހައި ގިނަ ޢިމާރާތްތަކުގައި މިހައި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން ގެންދާއިރު ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.  

ކޯސްޓްލައިން ގުދަނުގައި ރޯވި ހާދިސާ އާއި އެއިގެފަހުން ދިލްބަހާރުމަގު ސަރަހައްދުގައި ހުރި ގުދަނެއްގައި ރޯވެގެންވެސް ސަރަހައްދުގެ ގެތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. މާފަންނު ދުނބުރި މިސްކިތް ކައިރީގައި ހުރި ގުދަނެއްގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިފަދަ ކޮންމެ ހާދިސާ އަކާއި ގުޅިގެން ވެސް ގުދަންތައް ސިނާޢީ ރަށަށް ބަދަލުކޮށް އެފަދަ ނުރައްކާތަކުން މާލެ ތެރެ ސަލާމަތް ކުރާނެ ކަމަށް އެއިރަކު ވެރިކަން ކުރާ ސަރުކާރަކުން އަންނަނީ ބުނަމުންނެވެ. 

މާލެ ތެރޭގައި މިހާރުވެސް ކާޑު ގުދަންތައްވެސް އެބަހުއްޓެވެ. ވަރަށް ހަނި ގޯޅިތަކުގައި ބޮޑެތި ގުދަންތައްވެސް އެބަހުއްޓެވެ. އެއިން ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ މުޅި ސަރަހައްދަށް އެކަމުގެ ނުރައްކާ އިންތިހާއަށް ބޮޑުވާނެކަން ފާހަގަކުރެވެއެވެ. 

ސިނާޢީ ރަށް ހިއްކި ދުވަސްވަރުވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނަމުން ގެންދިއައީ ހުރިހާ ގުދަންތަކާއި ގަރާޖްތަކާއި ވަޑާންގެތައް ސިނާޢީ ރަށަށް ބަދަލުކުރާނެ ކަމަށެވެ. ހިއްކައި ނިމުމުން އެތަންތަން ދޮޅު އަހަރެއްހައި ދުވަސްތެރޭގައި ބަދަލުކޮށް ނިންމާނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން އެއިރު ވަނީ ބުނެފައެވެ. ނަމަވެސް އެކަމަށް ކުރި މަސައްކަތެއް ފެންނާކަށް ނެތެވެ. މާލެ ތެރެއިން އެއްވެސް ތަނެއް މަދެއް ނުވެއެވެ.  

ފާއިތުވި 5 ވަރަކަށް އަހަރަށް ބެލި ނަމަވެސް ގުދަންތަކުގައި އަލިފާން ރޯވުމުގެ ބޮޑު 5 ހާދިސާއެއް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. 

މިރޭ ހިނގައި މިދިއައީ ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގައި ދިއަ އަލިފާނުގެ އެންމެ ބޮޑު ހާދިސާއެވެ. މިހާދިސާއިން މިހައިވަރުންވެސް ސަލާމަތް ވެވުނީ މޫސުމުގެ އެހީތެރިކަމާއިއެކުގައެވެ. އަދި އަނދައިގެންދިއަ އިމާރާތްތައް މަގުމައްޗަށްވާގޮތަށް ނުވެއްޓުނުކަން އެއީ މާތް ﷲ މިންވަރުކުރެއްވެވި އެންމެ ބޮޑު އެއް ނިޢްމަތެވެ.

މިއަދު އޮންލައިން