ފާފަކުރަން ދެވި ހިފާފަ ހުރިނަމަވެސް ހުއްޓާލެވޭނެ އެންމެ ފަސޭހަ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ފާފަކުރަން ދެވި ހިފާފަ ހުރިނަމަވެސް ހުއްޓާލެވޭނެ އެންމެ ފަސޭހަ ގޮތް!

އެކި މީހުން ދެވި ހިފަނީ އެކި ކަންކަމަށެވެ. ހެޔޮ އަމަލެއް ކުރުމަށް މެނުވީ ދެވި ހިފުމަކީ އަމިއްލަ އަށް ލިބިގަންނަ ވަރަށް ބޮޑު އަނިޔާއެކެވެ. މިހެން ބުނުމުން ހެޔޮ އަމަލެއް ކުރަން ދެވި ހިފުމަކީ ކޮބައިތޯ ސުވާލުކޮށްފާނެވެ. އެހެންކަމުން ބައެއް މިސާލުތައް ފާހަގަކޮށްލާނަމެވެ. 

ބަނގީގެ އަޑު އިވުމާއިއެކު ނަމާދު ވަގުތު ކައިރިވުމުން ދަގަތްފާނަށް ދަގަނޑު ދަމާފަދައިން މިސްކިތާއި ދިމާއަށް ދެވޭ ބައަކު އުޅެއެވެ. ކޮންމެ ގޮތަކުން ނަމަވެސް ދަމުނަމާދަށާއި ފަތިސް ނަމާދަށް ހޭލާ ބައަކުވެސް އުޅެއެވެ. އެމީހުން ފުރަތަމަ އެ އާދަ ހިފަނީ ވަރަށް މަސައްކަތުންނެވެ. ގަޑި ސޯނާކުރުން ފަދަ ކަންކަން ކޮށްގެންނެވެ. ނަމަވެސް އެއާދަ ހިފުމުން އެމީހުންނަށް އޮޓޮމެޓިކުން ހޭލެވޭނެއެވެ.

ރަވާތިބު ސުންނަތް ނުކޮށް މިސްކިތުން ފައިބަން ބޭނުން ނުވާ މީހުން ތިބޭނެއެވެ. ކޮންމެ ނަމާދަކަށްފަހުގައި ނުވަތަ ދުވާލުގެ ކޮންމެވެސް ވަގުތުކޮޅެއްގައި ކީރިތި ޤުރްއާނުން ކޮންމެވެސް މިންވަރެއް ނުކިޔަވައި ހިތް ހަމަ ނުޖެހޭ މީހުން ތިބޭނެއެވެ. ނިދުމުގެ ކުރިން ކިޔަވަން ޖެހޭ ސޫރަތްތައް ނުކިޔަވައި ނިދި ނުވެސް އަންނަ މީހުން އުޅޭނެއެވެ. އަދި މިނޫންވެސް ބައެއް ހެޔޮ އަމަލުތައް ކުރަން އާދަވެފައި ތިބި މީހުން އުޅޭނެއެވެ. 

މިފަދަ ކަންކަން ކުރަން އާދަވުމުން އެ މީހުންނަކީ އެކަންކަން ކުރަން ދެވި ހިފާފައި ތިބޭ މީހުންނެވެ. އަހަރެމެން އެންމެން ވެސް ގަދައަޅައި މަސައްކަތް ކުރަންވީ އެފަދަ އާދައަކަށް ދެވި ހިފޭތޯއެވެ! އެފަދަ ކަންކަމަށް ދެވި ހިފައިފައިވާ މީހަކަށް ވެވިއްޖެ ނަމަ އެމީހާޢަށް ކުރިއަށް އެދެވެނީ އެންމެ ރަނގަޅު ގޮތުގައެވެ. އެފަދަ މީހުން އެވަނީ ސުވަރުގެ ލިބޭނެ ކަމަށް އުންމީދުކުރާ މީހުންގެ ލިސްޓުގައި ލިސްޓް ކުރެވިފައެވެ.

ހަމަ އެއާއިއެކު ފާފަ ކުރަން ދެވިހިފާފައި ތިބޭ މީހުންނަށް އެކަމުން ސަލާމަތްވެވޭނެ އެންމެ ފަސޭހަގޮތް ބުނެދެން ހެއްޔެވެ؟ 

ފާފައެއް ކުރަން ހިތަށް އެރި ނަމަވެސް އަދި މީހަކު ދައުވަތެއް ދިން ނަމަވެސް ހިތް މައްޗަށް ﷲ ތަޢާލާ ގެންނާށެވެ! ތިމާ މިކުރާ ފާފަ ﷲ ތާޢާލާ 7 އުޑުމަތިން ބައްލަވައި ވޮޑިގެންވާކަން ހިތްމައްޗަށް ގެންނާށެވެ! އަދި މުކުރެވޭ ފާފައިގެ ސަބަބުން ތިމާއަށް ނަރަކައަސް ވަންނަން ޖެހި އެތަނުގައި އަނދައަނދައި އޮންނަން ޖެހިދާނެކަން ހިތްމައްޗަށް ގެންނާށެވެ! 

މި ދެ ކަންތައް ހިތް މައްޗަށް ގެނެވިއްޖެ ނަމަ މަތިމައްޗަށް ފާފަކުރަން ދެވިހިފާފައި ތިބޭ މީހުންނަށްވެސް ފާފަކުރުމުން ސަލާމަތްވެވޭނެއެވެ! އިން ޝާ ﷲ! މިވާހަކަ މިބުނަނީ ފުރިހަމަ ތަޖުރިބާ އާއިއެކުގައެވެ!

ހަމަ އެއާއިއެކު މީހަކު ކިޔައިދިން ކުޑަ ވާހަކައެއް ވެސް ކިޔައިދޭނަމެވެ. 

އޭނާއަކީ ބަނގުރާ ބުއިމަށް ދެވި ހިފާފައި ހުރި މީހެކެވެ. ހުއްޓާލަން މަސައްކަތްކޮށްކޮށްވެސް ކާމިޔާބު ނުކުރެވިފައި ހުރި މީހެކެވެ. އެހެން އުޅެނިކޮށް އޭނާއަށް މީހަކު ދިން ނަޞޭހަތެއްގައި ވިސްނައި ދިނީ އެ އަމަލުގެ ސަބަބުން އޭނާއަށް ނަރަކައަށް ވަންނަން ޖެހިދާނެ ކަމެވެ. އަދި ބަނގުރާ ބޮއި މަސްތުވުމުން މިހާރު ލިބޭ ވަގުތީ އަރާމަށްވުރެ ނަރަކައިގައި އޮވެ އަނދާއިރު އަޅާ ވޭން މާބޮޑުވާނެ ކަމެވެ. ނަރަކައިގައި އޮވެ ބޯން ޖެހޭނީ ނަރަކައިގެ އަހުލުވެރިންގެ ގައިން ފައިބާ ފާދިޔަ އާއި ދޮސް ކަމަށާއި އެވެސް ބޯން ޖެހޭނީ ކެކިކެކި ހުއްޓައި ކަމަށެވެ. މޫނާއި ކައިރިކޮށްލުމުން އެއިގެ ހޫނު ގަދަކަމުން މޫނުގެ މަސްތައް ވިރިގެން ފައިބާނެ ކަމަށެވެ. ކިތަންމެ ގިނައިން ބުއި ނަމަވެސް ކަރު ހިއްކުން ނުފިލާނެ ކަމަށެވެ. ބުއިވަރަކަށް ކަރު ހިއްކުން ވާނީ ބޮޑު ކަމަށެވެ. 

އޭނާ ބުނީ އެމީހާ މިވާހަކަތައް ދެއްކިފަހުން ހިތުގައި އުފެދުނު ބިރުވެރިކަން ބޮޑުކަމުން އެއިގެފަހުން ބަނގުރާ ބޯން ހިތަށް އެރި ނަމަވެސް ބިރުން ގައިން ހީބިހި ނަގާ ކަމަށެވެ! އަދި އޭނާ ވަނީ އެ އަމަލުކުރުން އެކުގައި ހުއްޓާލައި ފުރިހަމަ ތައުބާއަކުން ވެފައި ކަމަށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން