ހދ. ހަނިމާދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފި އެވެ.
މިމަޝްރޫއުގެ ދަށުން ހަނިމާދޫގައި 355 މީޓަރުގެ ބޮޑުހިލަ ބޭރު ތޮއްޓަކާއި 270 މީޓަރުގެ އެއްގަމު ތޮއްޓަކާއި 2583 ސްކެއާ މީޓަރުގެ ޕޭވްމަންޓެއް ތަރައްގީ ކުރާއިރު ދެ ނަރު ބައްތި އާއި 20 ބަނދަރު ބައްތީގެ އިތުރުން 10 މޫރިން ބްލޮކްސް އާއި 90 މީޓަރު ގްރޯއިން، އަދި އެއް ރޭމްޕް ގާއިމުކުރާނެ އެވެ.
މީގެއިތުރުން ހަނިމާދޫ ބަނދަރު 53522 ކިއުބިކް މީޓަރަށް ފުންކުރުމާއި ނެރު، 31575 ކިއުބިކް މީޓަރަށް ފުން ކުރާނެ އެވެ. އަދި 50 މީޓަރު ރިވެޓްމެންޓް ވެސް ޖަހާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.
425 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މިމަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރި މިމަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެކަމުގެ ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ސީއޯއޯ، ޝާހިދު ހުސެއިން މޫސާ އެވެ.