ބޭނުންހާ އެއްޗެއް ބޭނުންހާ ވަރަކަށް ކަމުން ގެންދާއިރު ޖަވާބުދާރީ ވާންޖެހޭނެ ދުވަސް އޮތީ ދާދި ގާތުގަ! ބިރުވެތިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ބޭނުންހާ އެއްޗެއް ބޭނުންހާ ވަރަކަށް ކަމުން ގެންދާއިރު ޖަވާބުދާރީ ވާންޖެހޭނެ ދުވަސް އޮތީ ދާދި ގާތުގަ! ބިރުވެތިވޭ!

ރަސޫލް (ޞޢވ) އެންމެ ދުވަހަކުވެސް 3 އިރު ފަރިއްކުޅުއްވެވިކަން އެއްވެސް ޙަދީޘްފުޅަކުން އަހަރެންނަށް ފެނިފައެއް ނެތެވެ. ޢައިޝަތުގެފާނުގެ ބަސްފުޅުން ރަސޫލް (ޞޢވ) ގެ އަނބިއަނބިކަނބަލުން ދިރިއުޅެއްވެވި ގަނޑުވަރުކޮޅުތަކުގެ ބަދިގެކޮޅުތަކުގައި އެއްވެސް އެއްޗެއް ކަންކަން އަލިފާން ނުލާތާ 2 މަސް، 3 މަސް ފާއިތުވެގެންދާކަން އެނގެން އެބައޮތެވެ. މީހުން އައިސް ކާނެ އެއްޗަކަށް އެދުމުން މުޅި ގަނޑުވަރުކޮޅު ބެއްލެވުމުން 3 އޮށް ކަދުރު ފެނިވަޑައިގެންނެވިކަންވެސް އެނގެން އެބައޮތެވެ! 

ދެން ބަލައިލަންވީ މިއަދު އަހަރެމެން ދިރިއުޅެމުން މިދާ ފެންވަރެވެ. ހަރުތައް ފުރެންދެން ތަފާތު ކާނާއެވެ. އެތައް ބާވަތެއް ކައްކައިގެން ނޫނީ އެންމެ "މީލެއް" ހަމަވާ ކަމަކަށް ނުވެއެވެ. ފްރިޖް ފުރެންދެން ތަފާތުކާނާ އާއި ބުއިންތަކެވެ. ތަފާތު ވައްތަރުތަކުގެ އައިސް ކްރީމެވެ. މަހުގެ ބާވަތްތަކެވެ. 

ކުރަން ބޭނުންވާ ސުވާލަކީ މިހައި ގިނަ ނިޢްމަތްތައް ﷲ ތަޢާލާ ދެއްވެވުމުން ޝުކުރުވެރިވުމުގެ ގޮތުން ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން ފަރުޟު 5 ނަމާދު ކުރެވޭ ހެއްޔެވެ؟ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްލާނެ ވަގުތުކޮޅެއް ވޭހެއްޔެވެ؟ އެއްވެސް ވަރަކަށް ޛިކްރުކުރެވޭ ހެއްޔެވެ؟ 

މީސްތަކުންނޭވެ! ﷲ ތައާލާ މީހަކަށް ނިޢްމަތް ދެއްވަވައިފިނަމަ އެމީހަކަށް ފުދޭވަރަށް ބޭނުން ކުރުމަކީ މައްސަލައެއް ނޫނެވެ. މައްސަލަ އުފެދެނީ ނިޢްމަތްތައް މިންވަރު ކުރެއްވެވުމުން ނިޢްމަތް ދެއްވެވީ ﷲ ތަޢާލާ ކަމާއި ނިޢްމަތް ދެއްވެވުމުން ތިމާ އަދާކުރަން ވާޖިބު ކަންތައްތަކެއް އެބަހުރިކަން ހަނދުމަނެތިގެންދާތީއެވެ. ޝުކުރުވެރި ނުވެވޭތީއެވެ. 

ތިބާގެ ގޭގެ ފްރިޖުގައި ބަހައްޓައިގެން ކައި ހުސްކުރި އައިސްކްރީމްތަކާއިމެދު ޤިޔާމަތް ދުވަހު ސުވާލު ކުރައްވަވާނެ ކަމަށް ބުނެފިނަމަ އެވާހަކަ ވަރަށް ހެއްވާ ވާހަކައަކަށް ހަދައިފާނެއެވެ. ނަމަވެސް ވިސްނައިލަން ޖެހޭނެ ކަމަކީ އެމީހަކަށް ﷲ ތަޢާލާ ނިޢްމަތްތައް މިންވަރު ކުރެއްވެވުމުން އެ ނިޢްމަތްތަކަށް ޝުކުރުވެރި ނުވެއްޖެނަމަ އެކަމާއިމެދު ސުވާލު ކުރެވޭނެ ކަމެވެ. އެކަމަށް ޖަވާބުދާރީވާން ޖެހޭނެ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން