އިސްލާމް ދީނާ ދުރުވެގެން އުޅޭ ދިވެހިންގެ މަޤްޞަދާމެދު ސުވާލު އުފެދެނީ ސަބަބުތަކެއް ހުރުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
އިސްލާމް ދީނާ ދުރުވެގެން އުޅޭ ދިވެހިންގެ މަޤްޞަދާމެދު ސުވާލު އުފެދެނީ ސަބަބުތަކެއް ހުރުމުން!

އިސްލާމް ދީނާއި ދުރުވެގެން އުޅޭ މީހަކު ދާދިފަހުން ރީޓްވީޓްކުރި ވީޑިއޯއެކެވެ. އެ ވީޑިއޯގައި ބޭރުޤައުމެއްގެ މީހަކާއި ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ބުނީ އޭނާ އަކީ "އެއްވެސް ކަލަކު" ޤަބޫލުކުރާ މީހެއް ނޫން ކަމަށެވެ. މިހެން ބުނީ ވާހަކަ ދައްކަމުން އައި ވަރަށްވުރެ މާ އަޑުމަޑުކޮށެވެ. ނަމަވެސް "އެހެން މީހުން ކަލާނގެއަށް ޘަނާ ކިޔުމަކީ އަހަރެން ކަންބޮޑުވާ ކަމެއް ނޫން" ކަމަށް ބުނީ ކުރިން ވާހަކަ ދައްކަމުން އައި ވަރަށް ބާރަށެވެ.  

ދިވެހި މީހާ މިޓްވީޓް، ރީ ޓްވީޓް ކުރީ ކީއްވެގެންކަން ނުވަތަ ކޮން މަޤްޞަދެއްކަން ބުނާކަށް ނުއެނގެއެވެ. މި ޓްވީޓުން އެނގެނީ ﷲ ތަޢާލާއަށް އިމާންވެގެން ތިބި މީހުން ﷲ ތަޢާލާގެ ދީނުގައި ތިބުމާއި ﷲ ތަޢާލާއަށް އަޅުކަން ކޮށް ﷲ ތަޢާލާއަށް ޘަނާ ކިޔައި ހެދުމަކީ އިންޓަވިޔު ދިން މީހާ އެއްވެސް ވަރަކަށް ކަންބޮޑުވާ ކަމެއް ނޫން ކަމެވެ.

މި ޓްވީޓް ރީޓްވީޓްކުރި މީހާއަކީ ރާއްޖޭގައި އިސްލާމް ދީން އޮތުމުން އިންތިހާއަށް ކަންބޮޑުވާ މީހެކެވެ. އިސްލާމް ދީން މަތިވެރިކުރަން ކުރާ މަސައްކަތްތަކަށް ފާޑުކިޔައި ހަޖޫ ކިޔަމުން ގެންދާ މީހެކެވެ. ދީނީ ޢިލްމުވެރިންގެ މަސައްކަތްޕުޅުތައް ޝާއިޢުކުރަމުން ގެންދާ ނޫސްތަކަށްވެސް ކުރެވުނުހައި ޖެއްސުމެއް ކުރަމުން ގެންދާ މީހެކެވެ.  

އެހެންކަމުން ސުވާލަކީ އެމީހާ މާތް ﷲ ޤަބޫލު ނުކުރި ނަމަވެސް މާތް ﷲ ގެ ދިން މަތިވެރިކުރަން ކުރާ މަސައްކަތްތަކަށް ނަފްރަތުކޮށް ދީނީ ޢިލްމުވެރިންނަށް ފުރައްސާރަކުރަނީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާގެ އެންގެވުންތައް ދޫކޮށް އޭނާ ބޭނުންވާ ގޮތަށް އުޅުމުގެ މިނިވަންކަން އޭނާއަށް ލިބިގެންވާ ކަމަށް އޭނާ ޤަބޫލުކުރާއިރު އަދި އޭނާގެ ފިކުރު ފަތުރަން އޭނާ މަސައްކަތްކުރާއިރު ﷲ ތަޢާލާގެ ދީނުގައި މުސްލިމުން ތިބުމުގެ މިނިވަންކަމާއި ﷲ ތަޢާލާގެ ދީން މަތިވެރިކުރުމަށް މަސައްކަތް ކުރުމުގެ މިނިވަންކަން ލިބިގެން ނުވާކަމަށް އެމީހާ އެ ޤަބޫލުކުރަނީ ކީއްވެގެން ހެއްޔެވެ؟ ޑިމޮކްރަސީ އަކީ އެއީ ހެއްޔެވެ؟  

ދީނީ ޢިލްމުވެރިން އިސްލާމް ދީނުގައި ހުއްދަ ކަންކަމާއި އިސްލާމް ދީނުގެ އިންތަކާއި އިސްލާމުން ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްދެއްވަވަނީ މުސްލިމުން އެކަންކަމަށް ހޭލުންތެރިކުރުވުމަށެވެ. އެއީ އެބޭކަލުންނަށް އަދާކުރައްވަން ޖެހިވަޑައިގަންނަވާ ދީނީ މަސްއޫލިއްޔަތެކެވެ. އެބޭކަލުން ދެއްވަވާ ފަތުވާތައް ޢާންމުކޮށް މީސްތަކުން ހޭލުންތެރިކުރުވަން މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ މަސްއޫލިއްޔަތެކެވެ.  

ވީމާ މުޅި މައްސަލައަށް ބެލުމުން އެނގެނީ ދިވެހިންގެ ތެރެއިން އިސްލާމް ދީނާއި ދުރުވެގެން މިއުޅޭ މީހުންގެ ފޮރުވިފައިވާ މަޤްޞަދެއް، އެޖެންޑާއެއް އެބައޮތް ކަމެވެ. ޢަޤީދާގެ މައްސަލައަށްވުރެ ބޮޑީ ފޮރުވިފައިވާ ސިއްރު އެޖެންޑާ ކަމެވެ. އެހެންކަމުން ސަރުކާރުގެ ކަމާއި ބެހޭ މުއްއްސަސާތަކުން މިކަންކަން ފުރިހަމައަށް ބަލައި ދިރާސާ ކުރުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން