ކިތަންމެ ބޮޑު ނުބައި ކަމެއް ކުރި ނަމަވެސް ހަސަދަވެރިކަން ބާއްވައި މާފު ނުކުރާނަމަ އެމީހަކީ ސުންނަތުން ބޭރުވެގެން ހުރި މީހެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ކިތަންމެ ބޮޑު ނުބައި ކަމެއް ކުރި ނަމަވެސް ހަސަދަވެރިކަން ބާއްވައި މާފު ނުކުރާނަމަ އެމީހަކީ ސުންނަތުން ބޭރުވެގެން ހުރި މީހެކެވެ!

އުހުދު ހަނގުރާމައިގެ ދުވަހު ޝަހީދުކޮށްލެވުނު އެއް ބޭފުޅަކީ ރަސޫލް (ޞޢވ)ގެ ބޮޑުބޭބޭފުޅު ހަމްޒަތުގެފާނެވެ. އެއީ ރަސޫލް (ޞޢވ) ގެ މުޅި ހަޔާތްޕުޅަށް ބެލި ނަމަވެސް އެންމެ ބޮޑަށް ކީރިތިފުޅައްވަވައި ހިތާމަފުޅު ކުރެއްވެވި އެއް ހާދިސާއެވެ. އެންމެ ބޮޑަށް ހިތާމަފުޅު ކުރެއްވެވި އެއް ސަބަބަކީ އަމިއްލަފުޅު ޢާއިލާގެ ތެރެއިން ރޭވިގެން އެކަން ކުރެވިގެން ދިއުމުންނެވެ. 

ވަހްޝީ، ހަމްޒަތުގެފާނު ޝަހީދުކޮށްލުމުން އޭނާ ލައްވައި އެކަން ކުރުވި އަންހެން މީހާ އައިސް ހަމަޒަތުގެފާނުގެ ނޭފަތްފުޅާއި ދޫފުޅާއި ކަންފަތްފުޅު ފަދަ ގުނަވަންތައް ކަޑައި ފަތްޗަކަށް އެމުނިއެވެ. ބަނޑުފުޅު ފަޅައިލިއެވެ. މޭފުޅު އިރައި ހާމަކޮށްލިއެވެ. މިއީ ހަމަ އަންހެނެއްގެ ދެއަތުން ކުރި ނުބައި އަމަލުތަކެވެ. 

މިހުރިހާ ކަމެއް ފެނިވަޑައިގަތުމުން ރަސޫލް (ޞޢވ) އަށް ލިބިވަޑައިގަންނަވާނެ ހިތާމަފުޅު ނިކަން އަމިއްލައަށް އިޙްޞާޞްކޮށްލައިބަލާށެވެ! މިވަރުގެ ނުބައި ކަމެއް ކުރުމުން ވެސް ރަސޫލް (ޞޢވ)ގެ ހިތްޕުޅުގައި އެކަންކުރި ވަހުޝީގެ މައްޗަށް އެއްވެސް ބުރަކަމެއް ނުބާއްވަވައެވެ. މަދީނާގައި ހުންނަވައިގެން ފަތްކޮޅުތައް ފޮނުއްވަވައި ވަހުޝީގެ ކިބައިން އެދިވަޑައިގަންނަވަމުން ގެންދެވީ ޖާހިލުކަމުން އެއްކިބާވެ އިސްލާމް ވުމަށެވެ. 

ދެން އޮތީ އެނުބައި އަމަލުތައް ހިންގި އަންހެން މީހާގެ ވާހަކައެވެ. ވަހުޝީ ލައްވައި ހަމަޒަތުގެފާނު ޝަހީދުކޮށްލުވި އަންހެން މީހާގެ ވާހަކައެވެ. ހަމްޒަތުގެފާނުގެ ގުނަވަންތައް ކަނޑައި ފަތްޗަކަށް އެމުނި އަންހެން މީހާގެ ވާހަކައެވެ. 

މައްކާ ފަތަޙަ ކުރެއްވެވި ދުވަހު ރަސޫލް (ޞޢވ)ގެ ކުރިފުޅު މައްޗަށް އައިސް އިސްލާމްވާން ބޭނުންވުމުން އޭނާއަށް ޝަހާދަތް ލައިދެއްވެވީ ރަސޫލް (ޞޢވ)އެވެ. އޭނާއަށް ހިންދު (ރޢ)ގެ ދަރަޖަ ދެއްވެވީ ރަސޫލް (ޞޢވ)އެވެ. 

މިފަދަ ކިތަންމެ މިސާލުތަކެއް ދެއްކިދާނެއެވެ. ރަސޫލް (ޞޢވ) ދުވަހަކުވެސް އެއްވެސް މީހެއްގެ ކިބައިން ބަދަލު ހިއްޕެވުމުގެ އެއްވެސް ޢަމަލުފުޅެއް ކުރައްވަވާފައެއް ނުވެއެވެ. އަދި ކީއްހެއްޔެވެ؟ އަބަދުވެސް ގެންދެވީ މީސްތަކުންނަށް މާފުކުރައްވަވަމުންނެވެ. މީސްތަކުންނަށް ނަޞޭހަތް ދެއްވަވަމުން ގެންދެވީ އިސްލާމްވެ ތައުބާވުމަށެވެ. ގޮވާލައްވަމުން ގެންދެވީ ﷲ ތައާލާ އެއްކައުވަންތަ ކުރުމަށެވެ. 

ކަން އޮތީ މިފަދައިން ނަމަވެސް މިއަދު ފެންނަމުން މިދަނީ ދާދި ކުދި ކުދި ކަންކަމަށްވެސް  މާފުނުކުރުމުގެ ސަބަބުން ބޮޑެތި ފިތުނަތައް އުފެދެމުންދާ މައްސަލަތަކެވެ. ދާދި ކުދިކުދި ކަންކަމާއިހުރެ މީހުން މަރަމުން ގެންދާތަނެވެ. ޢާއިލާތައް ހަސަދަވެރިވަމުންދާ ތަނެވެ. އަމިއްލަ ޢާއިލާގެ މީހުން ވެސް މަރަމުން ގެންދާތަނެވެ. އަނބިން ފިރިން، ފިރިން އަނބިން މަރަމުން ގެންދާތަނެވެ. ކައިވެނިތައް ރޫޅައި ދަރިން ބިކަ ހާލުގައި ޖައްސަމުން ގެންދާތަނެވެ. 

ހަމަ އެންމެ ކަމެއް ކުރަން ފޭލްވުމުންނެވެ. މާފުކުރަން ފޭލްވުމުންނެވެ! ވީމާ މިއީ އަހަރެމެން އެންމެންވެސް ވަރަށް ބޮޑަށް ވިސްނައި ފިކުރުކޮށް އިޞްލާޙްކުރަން ޖެހިފައިވާ ކަމެކެވެ. ޝައުޤުވެރިވާންވީ ބަދަލު ހިފުމަކަށް ނޫނެވެ. މާފު ކުރުމަށެވެ. މާފުކުރާ މީހާއަށް ﷲ ތަޢާލާ ދެއްވަވާނެ މަތިވެރި ނިޢްމަތްތައް ލިބިގަތުމަށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން