އެމްބިޔުލާންސް ބޮޑު އަގުގަ އެތެރެކުރުން ހުއްޓުވައިދިނުމަށް އޭޑީކޭ އިން ސަރުކާރުގެ ކަމާއި ބެހޭ މުއްއައްސަސާތަކުގައި އެދިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
އެމްބިޔުލާންސް ބޮޑު އަގުގަ އެތެރެކުރުން ހުއްޓުވައިދިނުމަށް އޭޑީކޭ އިން ސަރުކާރުގެ ކަމާއި ބެހޭ މުއްއައްސަސާތަކުގައި އެދިއްޖެ

ރާއްޖެއަށް 15 އެމްބިޔިލާންސް އެތެރެކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުން ހުޅުވައިލި ބިޑް، އެންމެ އަގުބޮޑުކޮށް ހުށަހެޅި ކުންފުންޏަށް އެވޯޑްކުރުމުން އެކަން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ސަރުކާރުގެ ކަމާއި ބެހޭ މުއައްސަސާތަކަށް ހުށަހަޅައިފި އެވެ. 

އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޔާމީން ވިދާޅުވީ މައްސަލަ ހުށަހެޅުއްވީ މިފަދަ ބޮޑެތި ބިޑްތަކަކީ ގިނަ އަދަދެއްގެ ފައިސާ ހިމެނޭ ބިޑްތަކަށްވެފައި ރާއްޖޭގެ ބޮޑެތި، ޤާބިލު ކުންފުނިތަކުން ކުޑަ އަގު ހުށަހަޅާފައި ވަނިކޮށް ބޮޑު އަގުގައި ބޭރުގެ ކުންފުނިތަކަށް ދިނުމުން ރާއްޖެއަށް ބޮޑެތި މާލީ ގެއްލުންތައް ލިބެމުންދާނެތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ. 

މި ބީލަން އިންޑިއާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެމްއެމް އެކްސްޕޯޓްސް އަށް ދޭން ފިނޭންސް މިނިސްޓްރީން މި މަހު ނިންމީ އޭޑީކޭން ހުށަހެޅި އަގަށްވުރެ 780180 ރުފިޔާ ބޮޑުކޮށް ހުށަހަޅާފައިވަނިކޮށެވެ. 

މުޙައްމަދު ޔާމީން ވިދާޅުވީ އެންމެ ކުރު މުއްދަތުގައިވެސް އަދި އަގުގެ ގޮތުންވެސް އެންމެ ހެޔޮ އަގުގައި އެމްބިޔުލާންސް އެތެރެކޮށްދިނުމަށް ހުށަހަޅާފައިވާނީ އޭޑީކޭ އިން ކަމަށެވެ. "އަޅުގަނޑުމެން ހުށަހަޅާފައިވާނީ 59 ދުވަހާއި 89 ދުވަހާއި ދޭތެރޭ އެމްބިއުލާންސްތައް ގެންނަން 7.9 މިލިއަން ރުފިޔާ" 

އެމްއެމް އެކްސްޕޯޓްސް އަށް އެވޯޑްކޮށްފައިވަނީ 90 ދުވަހުގެ ތެރޭގައި ތަކެތި ހަވާލުކުރާގޮތަށް 8.7 މިލިއަން ރުފިޔާ އެވެ. މިއީ އޭޑީކޭ އިން ހުށަހެޅި އަގަށްވުރެ ގާތްގަނޑަކަށް 8 ލައްކަ ރުފިޔާ ބޮޑު އަގެކެވެ. 

މުޙައްމަދު ޔާމީން ވިދާޅުވީ "ބީލަން ކާމިޔާބު ނުވި ސަބަބެއް ކަމަށް މިނިސްޓްރީން ބުނީ މިނިމަމް ރިކްޔާމަންޓަންސްގެ ތެރެއިން ފުރިހަމަ ނުވާ ބައެއް ކަންކަން ހުރުމުން ކަމަށް. ނަމަވެސް އެ ކަންކަން ވެސް ހުންނާނީ ފުރިހަމަކޮށްފަ. އޮކްސިޖަން އައިޓަމާއި އެމްބިއުލާންސްގެ ބޮޑުމިން ފަދަ ކަންކަން މިނިސްޓްރީން އެދިފައިވާ ގޮތަށް ވާނީ ބީލަމުގައި ހިމަނާފަ" ކަމަށެވެ. 

ތަޖުރިބާގެ ގޮތުން ބެލި ނަމަވެސް އޭޑީކޭ ގްރޫޕަކީ އެމްބިޔުލާންސް ފަދަ ތަކެތި އެތެރެކުރުމުގައި ޤާބިލުކަން ލިބިފައިވާ ތޖުރިބާކާރު ފަރާތެކެވެ. "ގިނަ ފަރާތްތަކުން އެމްބިޔުލާންސް އެތެތެރެކުރަނީ މޮޑިފައިކޮށްގެން. ނަމަވެސް އޭޑީކޭއިން އެތެރެކުރަނީ އަސްލު އެމްބިޔިލާންސް." 

މުޙައްމަދު ޔާމީން ވިދާޅުވީ މިކަން މިހާރުވާނީ އޭސީސީއަށް ހުށަހެޅުމުގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ކޮމިޓީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސަމާލުކަމަށް ވެސް ގެންނަވާފައި ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިން ކޮރަޕޮްޝަނުގެ އެއްވެސް އަމަލަކަށް އެއްވެސް މިނަވަރަކަށް ފުރުޞަތު ނުދެއްވާނެ ކަމަށެވެ.

ކޮރަޕްޝަނަސް ފުރުޞަތު ނުދޭ ޤައުމުތަކުގައި ޤާބިލުކުންފުންޏަކުން އެންމެ ކުޑަ އަގު ހުށަހަޅައިފިނަމަ ފެންނަނީ މަޝްވަރާ ކޮށްގެންވެސް އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏާއި މަސައްކަތް ހަވާލުކުރުމަށެވެ. ނަމަވެސް ރާއްޖޭގައި އަދިވެސް ފެންނަމުން މިދަނީ ކޮންމެވެސް ބަހަނާއެއް ދައްކާފައި ކިތަންމެ ހަނި ދޭތެރެއެއް އުފަން ކުރުވައިގެން ނަމަވެސް ބޮޑު އަގު ހުށަހަޅާ ފަރާތާއި ކަންކަން ހަވާލުކުރެވެމުން އަންނަތަންކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން