ވުޟޫ ކުރުމަކީ ޞިރާތު މަގު އަލިކޮށްދޭނެ ނޫރެކެވެ! އެ ނޫރުގެ އަލިގަދަ ކުރުން އޮތީ އެމީހާގެ އަތްމަތީގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ވުޟޫ ކުރުމަކީ ޞިރާތު މަގު އަލިކޮށްދޭނެ ނޫރެކެވެ! އެ ނޫރުގެ އަލިގަދަ ކުރުން އޮތީ އެމީހާގެ އަތްމަތީގައެވެ!

ބައެއް މީހުން ވުޟޫ ކުރަން ވުމުން ފައިކުރި އާއި ހެދުމުގެ އަތް އޮޅައިލުން އޮންނަނީ ވަރަށް ބޮޑު ކަމަކަށް ވެފައެވެ. ކިރިޔާ ފުދޭވަރަށް އަތް އޮޅާލައިގެން ވުޟޫކުރާ މީހުން މަދެއް ނޫނެވެ. އެގޮތަށް އެކަން އެކުރަނީ ވުޟޫ ކުރުމާއި ވުޟޫކުރާއިރު ވީހައި ބޮޑަށް ފެންޖެއްސުމުގެ މުހިންމުކަން ނުއެނގޭތީއެވެ. 

ޤިޔާމަތް ދުވަހަކީ އާދައިގެ ދުވަހެއް ނޫނެވެ. އަނދިރިކަމުން ފުރިގެންވާ ދުވަހެކެވެ. ކައްވަޅުން ތެދުވެވޭނީ ވެސް ގަދަވެގެންވާ އަނދިރިކަމުގެ ތެރެއަށެވެ. އެފަދަ ގަދަވެގެންވާ އަނދިރިކަމުގެ ތެރެއިން އެމީހަކަށް އަލިކަން ދެއްވަވާނެ އެއް ގޮތަކީ ވުޟޫކުރުމެވެ. އެހެނީ ވުޟޫކުރާ ފެން އުނގުޅާ ގުނަވަންތައް ހުންނާނީ ނޫރެއް ފަދައިން ދިއްލިފައެވެ. ވީމާ ނޫރު ބޮޑުކޮށް އަލިގަދަކުރަން ބޭނުން މިހާއަށް އޮތީ ގުނަވަންތަކުގައި ފެންލާ ސަރަހައްދު ބޮޑުކޮށްލުމެވެ. 

ޤިޔާމަތް ދުވަހު ރަސޫލް (ޞޢވ)އަށް އެކަލޭގެފާނުގެ އުންމަތުގެ މީހުން ވަކިކުރައްވަން އެނގިވަޑައިގަންނަވާނެ ގޮތަކީވެސް އެމީހުން ވުޟޫ ކުރި ކުރި ގުނަވަންތައް ދިއްލިފައިވުމުންނެވެ. ހަމައެއާއިއެކު ޞިރާޠު މަގު ހުރަސްކުރާއިރު ވެސް އަލިކަމެއް ލިބޭނީ އެމީހަކު އަލިކަން ހޯދާފައިވާނަމައެވެ. މާނައަކީ ނަރަކައަށް ނުވެއްޓި ސަލާމަތް ވެވޭނީވެސް އެއިރުންނެވެ. 

ކަންކަން މިފަދައިން ހުރުމުން ވުޟޫ ކުރުމަށް ފަރުވާތެރިވާށެވެ! ވީހައި ފުރިހަމައަށް ވުޟޫކުރާށެވެ! ފެން ޖައްސަންޖެހޭ ތަންތަނުގައި ފުރިހަމައަށް ފެން ޖައްސައި ވުޟޫ ފުރިހަމަކުރާށެވެ! ކުރާ ނަމާދު ޞައްޙަވުން ވެސް އޮތީ ވުޟޫ ޞައްހަކޮށްގެން ކަމަށްވާތީއެވެ. 

ވުޟޫ ކުރުމަކީ ﷲ ތަޢާލާ ދެއްވަވާފައިވާ ބައްތިއެކެވެ. އެބައްތީގެ އަލިގަދަކުރުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. އެބައްތީގެ ބެޓެރިއަކީ ވުޟޫކުރުމެވެ. ބެޓެރި ޗާޖުވާނީ ވުޟޫ ފުރިހަމަކުރިވަރަކުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން