މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފެން އުފެއްދާ އާރްއޯ ޕްލާންޓެއް ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބަހައްޓައިފިއެވެ.
އެމްޑަބްލިއުއެސްސީ ބުނެފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފެނުގެ ހިދުމަތް ދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އަލަށްބެހެއްޓި އާރްއޯ ޕްލާންޓުން ދުވާލަކު ތިން ހާސް ޓަނުގެ ފެން އުފެއްދޭނެކަމަށެވެ.
މިފެން ޕްލާންޓް ބެހެއްޓުމުގެ ހުރިހާ މަސައްކަތެއް ނިމި މިހާރު ވަނީ ކޮމިޝަން ކޮށްފައި ކަމަށާއި މީގެސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި، ސާފު ބޯފެން ދެމެހެއްޓެނިވި ގޮތެއްގައި ފޯރު ކޮށްދިނުމުގެ ގާބިލްކަމާއި ޔަގީންކަން އިތުރުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްޑަބްލިއުއެސްސީ ބުނެފައިވަނީ މިއަހަރުގެ ފަހު ކޮޅުގައި، ދުވާލަކު 3000 ޓަނުގެ ފެން އުފެއްދޭ ކެޕޭސިޓީގެ އިތުރު ޕްލާންޓަކާއި، 10،000 ޓަނުގެ ފެން ރައްކާ ކުރާނެ އިތުރު ތާންގީއެއް ގާއިމް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.