އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވަނީ ކުރަން އުޅޭ ކަމެއްގައި ކުރިއަށް ނުދެވުމުންނެވެ. އަދި އެފަދަ ޙާލަތުގައި ގިނަ ބައަކު ލަދުވެސް ގަނެއެވެ. އެއީ ފަޟީހަތްވުން ކަމަށް ދެކެގެންނެވެ. އެއީ ކުރެވޭ ވަރަށް ބޮޑު ކުށްހީ އެކެވެ.
ކުރިއަށް ދާން މަސައްކަތްކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެ މަސައްކަތެކެވެ. މުސްލިމުންނަކީ ކުރިއަރައިދިއުމަށް މަސައްކަތް ކުރަން ޖެހޭނެ ބައެކެވެ. ހަމައެއާއިއެކު މުސްލިމުން އަބަދުވެސް ޤަބޫލުކުރަންވީ ތިމާ ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކުރިއަރައި ދެވޭނީ އެކަމަކަށް ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާފައިވާ ނަމަ ކަމަށެވެ.
ވީމާ އެއްވެސް މީހަކު ކުރަން މަސައްކަތްކުރާ ކަމެއް ނުވެގެން މާޔޫސްވުމެއް ނެތެވެ. ލަދުގަނެ ރަޖާލުމެއްވެސް ނެތެވެ.
ނިކަން ވިސްނައިލަބަލާށެވެ! ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކުން ކުރަން ބޭނުންވާ އެތައް ކަންތައްތަކެއް އެއުޅެނީ ނުކުރެވިގެންނެވެ. ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުން ނުވަތަ ބިލިއަނަރުން ކުރަން ބޭނުންވާ އެތައް ބައިވަރު ކަންތައްތައް އެއުޅެނީ ނުކުރެވިގެންނެވެ. ވީއިރު ކޮންމެ މީހަކު ކުރަން ބޭނުންވެގެން ކުރާހައި ކަމެއް ކާމިޔާބު ނުވުމަކީ އެއްވެސް ޙާލެއްގައި ކަންބޯދުވާންވީ ކަމެއް ނޫނެވެ.
ހަމަ އެއާއިއެކު ވިސްނައިލަންޖެހޭނެ ކަމަކީ މީހަކު ކުރަން ބޭނުންވެގެން ކުރާ ކަމެއް ކާމިޔާބު ނުވުމުން އެމީހަކަށް މަލާމާތްކޮށްގެން ނުވާނެ ކަމެވެ. އަދި އެމީހާ އާއިމެދު ދެކޭ ގޮތް ވެސް ތަފާތުކޮށްގެން ނުވާނެކަމެވެ. އެކަމެއް ނުވީ އެމީހާގެ ކިބައިގައި ހުރި އުނި ސިފައަކުންކަމަށް ނުވަތަ އެމީހަކީ ކޮންމެވެސް ޒާތެއްގެ ކުށުވެރިކަމެއް ދިމާވެފައިވާ މީހެއް ކަމަށް ޤަބޫލުކޮށްގެން ނުވާނެ ކަމެވެ.
އަބަދުވެސް ޤަބޫލުކުރަންވީ ޙާޞީލުކުރެވޭނީ ﷲ ތަޢާލާ އެކަމަކަށް އިރާދަކުރައްވަވާފައިވާ ކަންކަން ކަމެވެ. ވީމާ ކަމެއް ޙާޞިލު ނުވެއްޖެ ނަމަ އޮތީ ދުޢާކުރުން ގިނަކުރުމެވެ. އަދި މީހަކަށް ކަމެއް ޙާޞިލު ނުކުރެވިގެން އުޅޭ ނަމަ އޮތީ އެމީހާއަށްޓަކައި ހެޔޮ ދުޢާ ކުރުމެވެ. އެއިރުން ދުޢާ ކޮށްދިން މީހާއަށްވެސް ﷲ ތަޢާލާ ހެޔޮ ރަހްމަތް މިންވަރު ކުރައްވަވާނެތެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ވެސް ލިބޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން