މުއުމިނަކަށް ވުމަށްވުރެ އެންމެ މާތް މުއުމިނަކަށްވުމަކީ ކުރަން މާފަސޭހަ ކަމެއް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
މުއުމިނަކަށް ވުމަށްވުރެ އެންމެ މާތް މުއުމިނަކަށްވުމަކީ ކުރަން މާފަސޭހަ ކަމެއް!: ބިލާލް އައްސަދު

މުއުމިނަކަށް ވުމަށްވުރެ އެންމެ މާތް މުއުމިނަކަށްވުމަކީ ކުރަން މާފަސޭހަ ކަމެއް ކަމަށް ބުނެފި ނަމަ ގިނަ ބައަކު ހައިރާންވެދާނެއެވެ. ނަމަވެސް އެއީ ކަން އޮތް ގޮތެވެ. އެކަމުގެ ހެކި މިދައްކަނީ ޙަދީޘުންނެވެ. 

އެއްދުވަހަކު ރަސޫލް (ޞޢވ) މުސްލިމުންގެ އެންމެ އިސް ބޭކަލުން ހިމެނިވަޑައިގަންނަވާ ގޮތަށް ބައަކާއިއެކު އިންނަވަނިކޮށް ޒުވާނަކު އައިސް ދެންނެވިއެވެ. 

"އޭ ރަސޫލާ (ޞޢވ) އެވެ. އެންމެ މާތް މުއުމިނަކީ ކޮބައިހެއްޔެވެ؟" މިފަދައިން ސުވާލު ދެންނެވުމުން ޖަވާބުގައި ރަސޫލް (ޞޢވ) ޙަދީޘް ކުރެއްވެވީ "އެންމެ މާތް މުއުމިނަކީ އެމީހާގެ ޝަޚްޞިއްޔަތާއި އަޚްލާޤް އެންމެ ރަނގަޅު މީހާ" ކަމަށެވެ.

 

ދެން ނިކަން ވިސްނައިލަބަލާށެވެ. އަހަރެމެންގެ އަމަލުތައް މިއަދު މިހުރި ގޮތާއިމެދުގައެވެ. އިސްލާމް ދީނަށް ޢަމަލުކުރާ މީހުންކަމުގައި ފެންނަ ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުން އެއީ ކޮންކަހަލަ އަޚްލާޤެއްގެ މީހަކު ކަމާއިމެދު އެބަ ސުވާލު އުފެދެއެވެ. 

މިސާލަކަށް ބުނާނަމަ މިޒަމާނުގައި މީހުން މިސްކިތަށް ގޮސް އުޅެނީ ވެހިކަލް ތަކުގައެވެ. ދިއުމަށްފަހު ވެހިކަލް ޕާކުކުރަނީ ޖެހިގެން ހުރިމީހާގެ ގޭގެ ކުރިމަތީގައި އެގޭގެ މީހުންނަށް ބޭރަށް ނުނުކުމެވޭ ގޮތަށެވެ. އެގޮތަށް އަމަލުކުރުމަށްފަހު އެމީހާ ވެސް ބުނާނީ ތިމަންނައަކީ ހަމަ މުއުމިނެއް ކަމަށެވެ.  

އިންސާނުންނަކީ އަބަދުވެސް އެންމެ މޮޅު ގޮތާއި އެންމެ މޮޅު ކަންކަން ހޯދަން ވިސްނާ ބައެކެވެ. އަދި އެކަމަށް ދަހިވެތިވެސްވާ ބައެކެވެ. މިގޮތުން ސުންނަތް ނަމާދު ނުކުރާ މީހުންވެސް އެންމެ ގިނަ ސަވާބު ލިބޭ ސުންނަތް ނަމާދު ހޯދަން މަސައްކަތް ކުރާނެއެވެ. ދުވަހަކު ދެ އަތް އުފުލައި ދުޢާ ނުކުރާ މީހުންވެސް އެންމެ "މޮޅު" ދުޢާ ހޯދަން ސުވާލުތައް ކުރާނެއެވެ. އެހެންކަމަށްވާއިރު މުއުމިނުންގެ ތެރެއިން އެންމެ މާތް މުއުމިނަކަށް ވުމަށް މަސައްކަތް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ 

މީސްތަކުންނޭވެ! މުއުމިނެކޭ ބުނެވިއްޖެނަމަ އެމީހަކީ ހަރުދަނާ، ރިވެތި އަޚްލާޤެއްގެ މީހެއް ކަމަށް އޮޓޮމެޓިކުން ހިތަށް ވަދެއެވެ. ނަމަވެސް މިބުނި ފަދަ ކަންކަމަށް ބެލުމުން އެއީ އަދި ތެދެއް ނުވަތަ ހަޤީޤަތް އެނގިގެން އެބަދެއެވެ. ފުރިހަމަ މުއުމިނަކަށް ވެވޭނީ އެމީހާގެ ޝަޚްޞިއްޔަތާއި އަޚްލާޤުން އެކަންކަން ފެންނަ ނަމައެވެ. 

ފިރިއަކު އިޚްތިޔާރުކުރާނަމަ، ނުވަތަ ދަރިފުޅަށް ފިރިއަކު އިޚްތިޔާރުކުރާނަމަ އެންމެ ދީންވެރި، އެންމެ އަޚްލާޤް ރަނގަޅު މީހުން އިޚްތިޔާރުކުރަން ރަސުލް (ޞޢވ) ހަދީޘްކުރއްވަވާފައި އެވަނީވެސް ހަމަ މި ސަބަބަށްޓަކައެވެ. އެންމެ ދީންވެރި މީހާ އިޚްތިޔާރުކުރަން ބަޔާން ނުކުރެއްވެވީ ކީއްވެގެން ކަމާއިމެދު ވިސްނާށެވެ. ދީންވެރިކަމާއިއެކު އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާޤް ހުންނަން ޖެހޭނެތީއެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން