ކީރިތި ޤުރުއާނުގެ އާޔަތްތައް އަމިއްލައަށް މާނަކުރަން ޖެހޭނީ، ޚާއްޞަކޮށް އެހެން މީހުންނަށް ކިޔައިދޭން ޖެހޭނީ އެކަމުގެ ޢިލްމުވެރިންނެވެ. ކީރިތި ޤުރްއާނުގެ ޢިލްމް ފުރިހަމައަށް ޙާޞިލުކޮށްގެން ތިބި މީހުންނެވެ.
ކީރިތި ޤުރްއާނުގެ ތަރުޖަމާ ކިޔަމުންދާއިރު މާނަ އެނގުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ އަމިއްލައަށް ފެންނަ ގޮތަށް މާނަކޮށް ނިންމައިނުލާށެވެ! ޢިލްމުވެރިނެގެ އަރިހުން ކަންކަން އޮޅުންފިލުވާށެވެ! އެއީ ލަދުގަންނަން ޖެހޭނެ ކަމެއް ނޫނެވެ. މިސާލަކަށް ތިމާއަކީ ކީރިތި ޤުރްއާނުގެ ޢިލްމު ނޫން ޢިލްމެއް ކިތަންމެ މައްޗަށް ކިޔަވައިގެން ހުރި މީހެއް ނަމަވެސް ކީރިތި ޤުރްއާން ފުރިހަމަ ގޮތުގައި ނުއެނގި ހިނގައިދާނެއެވެ. އެއީ އެއްވެސް ޙާލެއްގައި ކަންބޮޑުވާން ޖެހެންވީ ކަމެއް ނޫނެވެ. ދެރަވާން ޖެހެންވީ ކަމެއް ވެސް ނޫނެވެ.
އޮތީ އުނގެނެން މަސައްކަތް ކުރުމެވެ. އެމީހާއަށް ވިސްނުނު ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ބަލައި ދަސް ނުކުރުމުގެ ބިރުވެރިކަން މިއާޔަތުން އެނގިގެންދެއެވެ.
"އެކަލާނގެއީ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އޮޅުމެއްނެތި، މާނަ ސާފުކޮށް އެނގޭ އާޔަތް ތަކެއް އޭގެތެރޭގައިވެއެވެ. އެ އާޔަތްތަކަކީ، އެ ފޮތުގެ މައިގަނޑު ބައެވެ. އަދި متشابه آية ތަކެއްވެސްވެއެވެ. (އެބަހީ: اللَّه އަށް މެނުވީ އޭގެ މާނަ އެނގުންނުވާ، ނުވަތަ علمى نظر އަކުން ބަލައިގެންމެނުވީ އޭގެ މާނަ ދޭހަނުވާ އާޔަތް ތަކެއްވެސް އޭގެތެރޭގައި ވެއެވެ.) ފަހެ، ޙައްޤު މަގުން އެއްކިބާވުމުގެ ގޮތް، އެއުރެންގެ ހިތްތަކުގައިވާ މީހުން ދަންނާށެވެ! ފަހެ، އެއުރެން ފިތުނަ އުފެއްދުމުގެ ބޭނުމުގައްޔާއި، އެ އާޔަތްތައް އެކިގޮތްގޮތަށް މާނަކުރުމުގެ ބޭނުމުގައި، އެ ފޮތުގެ ތެރޭގައި متشابه آية ތައް ނަގައި، އޭގައި ހިފަހައްޓަތެވެ. އެ އާޔަތްތަކުގެ ޙަޤީޤީ މާނަ، ﷲ އަށް މެނުވީ އެނގިގެނެއް ނުވެތެވެ. ޢިލްމްގައި ހަރުދަނާކަމާއި ސާބިތުކަން ލިބިފައިވާ މީހުން ބުނާހުށީ، ތިމަންމެން މިތިބީ އެ އާޔަތް ތަކަށް އީމާން ވެގެންނެވެ. ހުރިހާ އާޔަތް ތަކެއްވެސްވަނީ، ތިމަންމެންގެ ވެރިރަސްކަލާނގެ ޙަޟްރަތުންނެވެ. ބުއްދީގެ އަހްލުވެރިން މެނުވީ ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ." (އާލްޢިމްރާން: 7)