ހުކުރު ދުވަސް ޢާއިލީ ދުވަހަކަށް ހެދުމަކީވެސް މަތިވެރި އަޅުކަމެކެވެ! ބައްދަލު ކުރެވެން ނެތް ނަމަ ފޯނުން ނަމަވެސް ހާލު ބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހުކުރު ދުވަސް ޢާއިލީ ދުވަހަކަށް ހެދުމަކީވެސް މަތިވެރި އަޅުކަމެކެވެ! ބައްދަލު ކުރެވެން ނެތް ނަމަ ފޯނުން ނަމަވެސް ހާލު ބަލާށެވެ!

ހުކުރު ދުވަސް ޢާއިލީ ދުވަހަކަށް ހެދުމަކީވެސް ވަރަށް މަތިވެރި އަޅުކަމެކެވެ. އެއިގެ މާނައަކީ ހަމައެކަނި ޢާއިލާ އެކުގައި މީރުކޮށް ކެއުމެއް ނޫނެވެ.

މުސްލިމުންގެ ސަގާފަތަށް ބަލާއިރު މުސްލިމުންނަކީ ހުކުރު ދުވަހު ޢާއިލާގެ އެންމެ ދޮށީ މީހެއްގެ ގެއަށް ގޮސް އެގޭގައި މެންދުރު ކައި އުޅުނު ބައެކެވެ. ހުކުރުން ފައިބައިގެން އެންމެން ދާނީ އެގެއަކަށެވެ. މައިންބަފައިން ތިބިނަމަ އެމީހުން ދިރިއުޅޭ ގެއަށެވެ. ނެތް ނަމަ ދެން އެންމެ ދޮށްޓަށް ހުންނަ މީހެއްގެ ގެއަށެވެ.

އެގޮތަށް އެންމެން އެކުގައި އެއް ގެއަކަށް ގޮސް ވަގުތުކޮޅެއް ހޭދަކުރުމުން އެކަކު އަނެކަކާ ބައްދަލު ކުރެވި ޙާލު އޮޅުންފިލައެވެ. އެހީތެރިކަމަށް ބޭނުންވެގެން ތިބި މީހުން އެނގި އެހީތެރިވުމަށް މަގުފަހިވެއެވެ. މިއީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ.

މިފަދަ މުހިންމު ޘަޤާފަތްތައް މިއަދު މިދަނީ ދޫކުރެވެމުންނެވެ. އެކަމުގެ ސަބަބުން ޢާއިލީ ގުޅުންތައް މިދަނީ ނެތެމުންނެވެ. ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދޭން މިދަނީ ހުރަސް އެޅެމުންނެވެ.

މިއަދުގެ ދިރިއުޅުން ހުރި ގޮތުން އެންމެންނަށް އެއް ގެއަކަށް އެއް ވަގުތަކު ނުދެވިދާނެއެވެ. ނަމަވެސް އެންމެ ކުޑަމިނުން ހުކުރު ދުވަހަކީ ޢާއިލާގެ އެންމެންވެސް އެކަކު އަނެކަކަށް ފޯނުން ގުޅާލައިގެން ނަމަވެސް ޙާލު ބަލައިލާ ދުވަހަކަށް ހަދާށެވެ! ރަޙިމުގެ ގުޅުން ބަދަހިކުރާ ދުވަހަކަށް ހަދާށެވެ! އެކަމުގެ ސަބަބުން ﷲ ތަޢާލާގެ ރުއްސެވުން ލިބި ހީވެސް ނުކުރާ ފަދަ ގޮތްގޮތުން ކުރިއެރުން ދާނީ ލިބެމުންނެވެ.

ހަމަ އެއާއިއެކު ހުކުރު ދުވަހުގެ މާތްކަމާއި ސަވާބު ލިބިގަންނަން ކުރަންޖެހޭ ކަންކަން ކުރުން ހަނދުމަނެތިކޮށް ނުލާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން