މަސްތުވާތަކެތި ބޭނުން ކުރުން މިވަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ. ވަކި މުޖުތަމައުއެއްގައެއް ނޫނެވެ. މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމައުއެއް މިއަދަކު ނެތެވެ. އެހެންކަމުން މިވަނީ ކީއްކަން ބަލައިލަން އެބަޖެހެއެވެ.
އެފަދަ ތަކެތި ބޭނުންކުރާ މީހުން ދެކޭ ގޮތުގައި އެމީހުން އެކަން ކުރަނީ އިތުރަށް މޮޅުވުމަށެވެ. އުފާވެރިކަން ލިބިގަތުމަށެވެ. އެމީހުންގެ ބަހުރުވައިން ނަމަ ނައިސްވުމަށެވެ. ހެޕީވުމަށެވެ. ވިސްނައިލަންވީ ކަމަކީ ތިމާގެ ސިކުނޑި ތަޣައްޔަރުކޮށްލައިގެން ނޫނީ އުފާވެރިކަން ނުލިބޭނަމަ މިވަނީ ކިހިނަކުން ހެއްޔެވެ؟
ހިނގަން އަސައެއް ބޭނުންކުރަން ޖެހޭނީ ނުހިނގޭ ނަމަ ނޫން ހެއްޔެވެ؟ އެކަނި ހިނގޭ މީހަކު އަސައެއް ބޭނުމެއް ނުވާނެއެވެ. ވީމާ އަސައެއް އެ ބޭނުންވަނީ ނުކުޅެދުންތެރި ހާލަތަށް ދިއުމުންނެވެ. ވީމާ ތިމާއަށް ބޭނުންވާ އުފާވެރިކަން ހޯދަން މަސްތުވާތަކެތި ބޭނުން ކުރާނަމަ އެމީހާ އެވަނީ ނުކުޅެދުންތެރި ހާލަތެއްގައެވެ. ވީމާ އެއީ "ގަދަ" މީހުން ކުރާ ކަމެއް ކަމަށް ބެލެވޭކަށް ނެތެވެ. ޙަޤީޤަތަކީ އެއީ އަމިއްލައަށް ބަލިވެގެން ތިބި ބައެއް ކަމެވެ. ނުކުޅެދޭ ބައެއް ކަމެވެ. އަމިއްލައަށް ނުކުޅެދުންތެރިކަން ލިބިގަނެގެން ތިބި ބައެއް ކަމެވެ.
މަސްތުވާ އެއްވެސް ބާވަތެއް ބޭނުން ކުރާނަމަ އެމީހަކު އަމިއްލައަށް އެ އިއުލާނުކުރަނީ އެމީހަކީ ނުކުޅެދުންތެރިއެއް ކަމެވެ. އަދި އެމީހަކީ ދުނިޔެ މަތިން ފޫހިވެ އަވަހަށް މަރުވަން އެދޭ މީހެއް ކަމެވެ. ސަބަބަކީ މަސްތުވާ ކޮންމެ އެއްޗަކީ ވެސް ޞިއްޙަތަށް ވަރަށް ބޮޑަށް ގެއްލުންދޭ އެއްޗެކެވެ. ސިކުނޑި އާއި ފުއްޕާމެ އާއި އެތެރެހަށީގެ ގުނަވަންތައް ހަލާކުކޮށްލާ އެއްޗެކެވެ. ބޮމެއް ފަދައިން ގޮއްވައިލާ އެއްޗެކެވެ.
އިސްލާމް ދީނުގައި މަސްތުވާތަކެތި ޙަރާމްވެގެންވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. އަމިއްލަ ބާރު ގެއްލި އަތުންފައިން އެތައް ގޯސްކަމެއް ކުރެވޭ އެއްޗަކަށްވާތީއެވެ. ގިނަ މީހުންނަކީ އެމީހަކަށް ކުރެވޭ ކަންކަމުން އެމީހަކަށް ލިބޭ ގެއްލުންތަކަށް އެއްބަސްވާން ބޭނުންވާ މީހުންނެއް ނޫނެވެ. ވީމާ މަސްތުވާތަކެތި ބޭނުންކުރާ މީހުންވެސް އެމީހުންގެ ދިފާޢުގައި ވާހަކަ ދައްކާނެއެވެ. ނަމަވެސް އެ ދައްކާ އެއްވެސް ވާހަކައަކީ ޙަޤީޤަތެއް ނޫނެވެ. ޙަޤީޤަތަކީ އެއީ ދުނިޔޭގައި ތިބި އެންމެ ބަލިކަށި މީހުން ކަމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މަސްތުވާ އެއްވެސް ބާވަތެއް އިސްލާމް ދީނުގައި ހުއްދައެއް ނޫނެވެ. މަސްތުވާތަކެތީގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމުގައި ދުނިޔެ ދޫކުރަން ޖެހިއްޖެ ނަމަ އެކަން ވާނީ އަމިއްލައަށް މަރުވުން ފަދަ ކަމަކަށެވެ. އެއިގެ އިތުރުން މަސްތުވާ އެއްވެސް ބާވަތެއް ބޭނުން ކުރާނަމަ އެމީހަކަށް ދުނިޔޭގައި އުޅެވިފައި އޮންނާނީ ﷲ ތަޢާލާ އެންގެވި ގޮތުގައެއް ނޫނެވެ. ވީމާ މަރުވުމުން ދެން ކުރިމަތިލާން ޖެހޭނެ ޙާލަތަށް ބިރުވެތިވާށެވެ!
ވީމާ ބުނެލަން ބޭނުންވަނީ މަސްތުވާތަކެތި ބޭނުން ކުރުމަކީ ދެ ދުނިޔެ ވެސް ނަގައިލުން ކަމަށެވެ. ދުނިޔޭގެ އުފާވެރި ދިރިއުޅުމާއި އާޚިރަތެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހަކާއި އެއްވެސް ގުޅުމެއް ނުބާއްވަންވީ އެކަން ކުރަނީ ޝައިޠާނާގެ މަޅީގައި ޖެހިފައިވާ ޝައިޠާނާގެ ބައިވެރިން ކަމަށްވާތީއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ބުނެލަން އޮތީ އަވަހަށް ތިއަކުރާ ނުބައިކަންތަކާއި ދުރުހެލިވުމަށެވެ. އަމިއްލައަށް ދެ ދުނިޔެ ނަގައިލާ މީހަކަށް ނުވުމަށެވެ. މަސްތުވާތަކެތި ބޭނުން ކުރާ ގިނަ ބައަކު ތައުބާ ނުވަނީ އެކަން ކުރާއިރު ކުރެވިފައިވާ އިތުރު ފާފަތައް ވެސް ގިނަކަމުންނެވެ. ﷲ ތަޢާލާ ފާފަތައް ފުއްސަވައިދެއްވަވާނެ ކަމާއިމެދު ސުވާލު އުފައްދައިގެންނެވެ. އެއީ މުޅިން ބޭކާރު ސުވާލެކެވެ. ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީ ނަމަވެސް އެމީހަކު އެދުމުން ކުރެވިފައިވާ ހުރިހާ ފާފަތައް ފުއްސަވައިދެއްވަވާނެތެވެ. ވީމާ ތައުބާވުމަށް އަވަސްވެގަންނާށެވެ!
- ޝައިޚް ނޫމާން ޢަލީ ޚާންގެ ދަރުސަކުން