ޚަންޖަރު ޖެހުމުން ބަނޑުފުޅުގަ ބާގަނޑެއް ހެދި ލޭ އޮހޮރެމުންދިއައިރު ޢުމަރުގެފާނު ވިދާޅުވި މި ބަސްފުޅަށް އަމަލު ނުކޮށް ދެއްކޭނީ ކޮން ބަހަނާއެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ޚަންޖަރު ޖެހުމުން ބަނޑުފުޅުގަ ބާގަނޑެއް ހެދި ލޭ އޮހޮރެމުންދިއައިރު ޢުމަރުގެފާނު ވިދާޅުވި މި ބަސްފުޅަށް އަމަލު ނުކޮށް ދެއްކޭނީ ކޮން ބަހަނާއެއް؟

މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ބަނޑުފުޅަށް ޚަންޖަރު ހަރައިލީ އެކަންޏެއް ނޫނެވެ. ބޮޑު ބައުގަނޑެއްވެސް ވަނީ ހެދިފައެވެ. ނަމަވެސް ބަންގީގެ އަޑު އިވިވަޑައިގަތުމުން މަސައްކަތްޕުޅު ކުރެއްވެވީ ތެދުވެވަޑައިގެން ނަމާދަށް ވަޑައިގަތުމަށެވެ. 

އަރިއަހުގައި ތިއްބެވި ބޭކަލުން ޢުމަރުގެފާނުގެ ޙާލުކޮޅު ބަޔާންކޮށް ދެއްވަވައި "ތިއަ އަވަހާރަވަނީ" ކަމަށް ދެންނެވުމުން ވިދާޅުވީ ކީކޭ ކަމަށް ހެއްޔެވެ؟ "ބަންގީގެ އަޑު އިވިވަޑައިގަންނަވާ ކަމަށާއި ނަމާދަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ނަމާދު އަޅުއްވަވަން ދެއްކެވޭނެ އުޒުރެއް ނެތް ކަމަށެވެ. ޤަޞްދުގައި ނަމާދު އެޅުމަކީ ދީނުން ބޭރުވުން ކަމަށާއި އެކަން ނުކުރައްވާނެ ކަމަށެވެ." 

މަރްޔަމް ސޫރަތުގެ 31 ވަނަ ޢާޔަތް ބަލާށެވެ. މިއީ ޢީސާގެފާނު ވިދާޅުވެފައިވާ ބަސްފުޅެކެވެ. ބަސްފުޅު އެވަނީ ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވަވައިފައެވެ. އެންމެހައި މީސްތަކުން އެގޮތަށް ޢަމަލުކުރަން ޖެހޭނެކަން ބަޔާންކުރެއްވެވުމުގެ ގޮތުންނެވެ. 

"އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، ބަރަކާތް ލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި، ޒަކާތްދިނުމަށް، އެކަލާނގެ މިއަޅާއަށް ވަޞިއްޔަތް ކުރެއްވިއެވެ." (މަރްޔަމް: 31) 

ދެން ބަލައިލަންވީ ރަސޫލް (ޞޢވ) ޢަމަލުފުޅު ކުރެއްވެވި ގޮތުގައެވެ. ރަސޫލް (ޞޢވ) ވަނީ ދުނިޔޭގައި ހުންނެވިހައި ދުވަހު މިއާޔަތަށް ޢަމަލުކުރައްވަވައި އުންމަތަށް ނަމޫނާ ދައްކަވައި ދެއްވަވައިފައެވެ. ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅުޖެހިވަޑައިގަތުމުން ދެ ޞަހާބީންގެ ކޮނޑުފުޅުގައި އެލިވަޑައިގެން މިސްކިތަށް ވަޑައިގެން ނަމާދުކުރެއްވެވިއެވެ. ހޭފުޅުނެތިގެން ބިންމައްޗަށް ވެއްޓިވަޑައިގަންނަވަމުން ދިއައިރުވެސް ހޭފުޅު އެރުމާއިއެކު ހަށިކޮޅަށް ފެން އަޅުއްވައިގެންވެސް މިސްކިތަށް ޖަމާއަތަށް ވަޑައިގަންނަވަން މަސައްކަތްޕުޅު ކުރެއްވެވިއެވެ. 

މިކަންކަމުން އެނގިގެންދަނީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ޖަމާޢަތުގައި ނަމާދުކުރުން ދޫކޮށް ނުލެވޭނެ ކަމެވެ. އެއީ އެންމެ ފަހުނޭވާ އާއި ހަމައަށް ވެސް ކުރަން ޖެހޭނެ ކަމެއް ކަމެވެ! 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން 

ކަން މިފަދައިން އޮތް އިރު ގޭގެ ދެފަރާތުގައި ދެ މިސްކިތް، ދެ މިސްކިތްވެސް ގެއާއި 300 ވަރަކަށް ފޫޓު ކައިރީގައި ހުރެ، 5 ވަގުތު ބަންގީގެ އަޑު އިވެމުން ދާއިރު، ޖަމާއަތަށް ނަމާދަށް ނާރައި ޢުމުރު ހޭދަކުރަމުން ގެންދާ މީހުން މި ދިވެހި މުޖުތަމައުގައިވެސް އެބަތިއްބެވެ. އެފަދަ ބައެއް މީހުން އެމީހުންނަކީ ދީނީ ޢިލްމު އެނގޭ މީހުން ކަމަށްބުނެ ފަތުވާތައްވެސް ދަނީ ނެރެމުންނެވެ. އެހެންކަމުން އެ ނެރޭ ފަތުވާގެ އަޑުއަހައި ޤަބޫލުކުރަން ހެޔޮވެދާނެ ހެއްޔެވެ؟ އެއީ ކޮން ގޮތަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟

 

 

މިއަދު އޮންލައިން