ހ. ތިލަފުށީ ގޭގައި ހުރި ގުދަނުގައި މިދޔަ ހުކުރުދުވަނު ރޯވެ، ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބީއެމްއެލްގައި ހުޅުވާލި އެކައުންޓަށް އިއްޔެ ހަވީރު ހަތަރެއް ޖެހުމާއި ހަމައަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
އެންޑީއެމްއޭ އިން ބުނީ އިއްޔެ ހަވީރު 4:00 ޖެހުމާ ހަމައަށް ރިލީފް އެކައުންޓަށް 1222،219.17 ރ. ލިބިފައިވާ ކަމަށެވެ. އަދި ފައިސާ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން އެކައުންޓު ނަންބަރު 7730000284246 (MVR) އަށް ފައިސާ ޖަމާކުރުމަށް ވަނީ އެދިފައެވެ.
މިއަލިފާނުގެ ހާދިސާގައި 443 މީހަކު ހާލުގައި ޖެހުނު ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.