ނަމާދު ކުރުމާ، ކުރާ ނަމާދު ނަމާދަކަށްވާނެ ގޮތަށް ނަމާދުކުރުމަކީ ދެކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ނަމާދު ކުރުމާ، ކުރާ ނަމާދު ނަމާދަކަށްވާނެ ގޮތަށް ނަމާދުކުރުމަކީ ދެކަމެކެވެ!

ތިބާ އެބަ ނަމާދު ކުރަމުއެވެ. ނަމަވެސް ސުވާލަކީ ނަމާދުކުރަމުން ތިއަ ގެންދަނީ ކުރާ ނަމާދު ނަމާދަކަށް ވާނެ ގޮތަށް ހެއްޔެވެ؟ ނަމާދުކުރާ މީހުން ވަރަށް ގިނައެވެ. ނަމަވެސް ސުވާލަކީ ކުރާ ނަމާދަކީ ނަމާދަކަށް ވާގޮތަށް ނަމާދުކުރަނީ ކިތައް މީހުން ހެއްޔެވެ؟

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ "ތިމަން ރަސޫލާ (ޞޢވ) ނަމާދު ކުރައްވަނިކޮށް ތިއަ ބައިމީހުންނަށް ފެނުނު ގޮތަށް" ނަމާދުކުރުމަށެވެ. އެކަން ކުރެވެން މިއަދު އޮތީ ޙަދީޘްފުޅުތައް ބަލައިގެންނެވެ. ވީމާ ޙަދީޘްފުޅުތައް ދެނެގަނެ އެގޮތަށް ނަމާދުކުރަން މަސައްކަތްކުރުމަކީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ކުރަން ޖެހޭނެ މަސައްކަތެވެ.

ކޮންމެ މީހަކީ އަމިއްލައަށް ޙަދީޘްފުޅުތައް ދިރާސާ ކުރެވޭނެ މީހަކަށް ނުވެދާނެއެވެ. ވީމާ އޮތީ ޢިލްމުވެރިންގެ ލިޔުއްވުންތައް ބަލައި ދަސްކުރުމެވެ. ކިރިޔާވެސް އޮޅުން އަރާ ކަމެއް އޮތް ނަމަ ދީނީ ޢިލްމުވެރިންގެ އަރިއަހުން އެކަން އޮޅުން ފިލުވައި ދަސްކުރުމެވެ. 

އިންސާނަކަށް މިއަށްވުރެ މުހިންމު މަސައްތަކެއް ނުވެއެވެ. އެހެނީ އެމީހާ ޝަހާދަތް ކިޔައި އިސްލާމްވުމަށްފަހު އެމީހެއްގެ މައްޗަށް އޮތް އެންމެ ބޮޑު ވާޖިބަކީ ނަމާދުކުރުމެވެ. ކޮން ގޮތަކަށް ނަމާދުކުރުން ހެއްޔެވެ؟ ރަސޫލް (ޞޢވ) ކުރެއްވެވި ގޮތަށް ނަމާދުކުރުމެވެ. އެމީހަކު ބޭނުންހައި ގޮތަކަށް ނަމާދުކުރުމެއް ނޫނެވެ. 

ދިރިއުޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކިތަންމެ ބުރަ ނަމަވެސް ނަމާދަށް ސަމާލުކަން ނުދީ ދޫކޮށްލެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެހެނީ ތިމާ މިހިރީ ﷲ ތަޢާލާއަށް އީމާން ވެގެން ކަމަސް ކިތަންމެ ގިނައިން ބުނި ނަމަވެސް ސުވަރުގެއެއް ނުލިބެއެވެ. ސުވަރުގެ ލިބުން އޮތީ އީމާންވުމާއިއެކު ފުރިހަމައަށް ނަމާދުކޮށްގެންނެވެ. ފަރުޟު 5 ނަމާދު ފުރިހަމައަށް އަދާކޮށްގެންނެވެ. 

އުމުރުން ކިތަންމެ ދުވަސްވެފައި ހުރި ނަމަވެސް ލަދު ނުގަންނާށެވެ! ސުވާލުތައް ކުރާށެވެ! ޔަޤީންވަންދެން ސުވާލުތައް ކުރާށެވެ! ހަމަ އެއާއިއެކު ދީނީ ޢިލްމުވެރިން ނަމާދުކުރައްވާ ގޮތް ބަލައި ދަސްކުރާށެވެ! "ރަސޫލާ (ޞޢވ) ނަމާދު ކުރައްވަނިކޮށް ފެނިފައިވާ ގޮތަށް" ނަމާދުކުރެވޭނީ އެއިރުންނެވެ. ނަމާދު ނަމާދަކަށްވާނީ އެގޮތަށް ނަމާދުކުރެވިގެނެނެވެ. އެގޮތަށް ނުކުރެވޭނަމަ ކުރާ ނަމާދަކީ ނަމާދަކަށް ނުވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން