މީރުވަހަކީ މުސްލިމުންނާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އެއްޗެކެވެ. ލާމެހިފައިވާ މިންވަރު ނިކަން ދެކެބަލާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ދުނިޔޭގައި އުޅުނު މީހުން މަރުވެ ކައްވަޅުގައި ވަޅުލެވޭއިރު ސުވަރުގޭގެ މީރުވަހުން ﷲ ތަޢާލާ އެ މީހާގެ ކައްވަޅު ޒީނަތްތެރިކޮށްދެއްވަވަތެވެ. މުސްލިމް އަޅާ މަރުވުމުން ފުރާނަ ނަންގަވައި މަލާއިކަތުން ލައްވަވަނީ ސުވަރުގޭގެ މީރުވަހުން ވަސްދުވާ ފޭރާމަކަށެވެ.
ރަސޫލް (ޞޢ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ސުވަރުގޭގެ މީރުވަސް 500 އަހަރު ދުރަށް ދުވާނެ ކަމަށެވެ.
ރަސޫލް (ޞޢވ) ހުވަނދަށް ނުވަތަ އަތަރަށް ލޯބިކުރެއްވެވިވަރީ ދުވަހަކުވެސް މީހަކު ހަދިޔާއަކަށް އެރުވި އަތަރެއް ޤަބޫލުފުޅު ނުކުރައްވަވައި އަނބުރައި ރައްދުކުރައްވަވާފައެއް ނުވެއެވެ.
ޞަހާބީންވެސް އަތަރަށް އިންތިހާއަށް ލޯބި ކުރެއްވެވިއެވެ. އަދި ފަހުގެ ދީނީ ޢީލްމުވެރިންވެސް މެއެވެ. ބައެއް ޢިލްމްވެރިންގެ ގައިކޮޅުން ދުވާ މީރުވަސް އެތައް ހިސާބު ދުރަކަށް ފެތުރިފައިވެއެވެ.
މިސްކިތަށް ދާން ވުމުން ގިނަ ބައަކު އަތަރުލައެވެ. ނަމަވެސް ވިސްނައިލަން ޖެހޭނެ ކަމެއް އެބައޮތެވެ. އެމީހާއަށް ކިތަންމެ މީރުވަސް ދުވާ އަތަރެއް ނަމަވެސް އެހައި ގިނައިން ބޭނުން ނުކުރާށެވެ! އެހެނީ މިސްކިތުގައި ޖެހިގެން ހުންނަ މީހާއަށް އެ އަތަރަކީ މީރުވަސް ދުވާ އަތަރަކަށް ނުވެދާނެއެވެ. އެކަމުން އެމީހާއަށް އުނދަގޫތަކެއް ވެދާނެއެވެ.
ވަހުގެ ހުރި މުހިންމުކަން ނިކަން ދެކެބަލާށެވެ! މަންމަގެ ބަނޑުގައި އޮންނަ ކުއްޖާއަށް ﷲ ތަޢާލާ ފުރަތަމަ ދެއްވަވާ ހިއްސަކީވެސް ވަސްގަތުމުގެ ކުޅަދާނަކަމެވެ. އެކުއްޖާއަށް ފުރަތަމަ ދުވާނީ މައިމީހާގެ ވަހެވެ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން