ބާރެއް ލިބުމުން ސައިޒު އޮޅުމަކީ ޤިޔާމަތް ދުވަހު އިސް އުފުލައިނުލެވޭނެ މީހަކަށް ވެދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ބާރެއް ލިބުމުން ސައިޒު އޮޅުމަކީ ޤިޔާމަތް ދުވަހު އިސް އުފުލައިނުލެވޭނެ މީހަކަށް ވެދާނެ ކަމެއް!

ބައެއް މީހުންނަކީ ދުނިޔޭގައި ބާރެއް ލިބުމުން އެއީ އުޑަށް އެރުނީ ކަމަށް ބަލައި ބޮޑާވެގަންނަ ބައެކެވެ. އެފަދަ މީހުންނަށް ޢާއިލާގެ ބާރެއް ލިބުމުން ޢާއިލާގެ އެހެން މީހުންނާއިމެދު ވިސްނައިވެސް ނުލާނެއެވެ. ވެރިކަމުގެ ބާރެއް ލިބިއްޖެ ނަމަ ރައްޔިތުންނާއިމެދު ވިސްނައެއް ނުލާނެއެވެ. ކަންކަން ކުރާނީ އެމީހަކު އެފަހަރަކު ހިތަށް އެރިހައި ގޮތަށެވެ. ދުލުން ބޭރުކުރާނީ އެފަހަރަކު ބުނެލަން ހިތަށް އެރި އެއްޗެކެވެ. އެހެން މީހަކަށް ކޮށްފާނެ އަސަރާއިމެދު ވިސްނައިވެސް ނުލާނެއެވެ. 

މިފަދަ މީހުންނަކީ ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ލަދުވެތިވާން ޖެހޭނެ އެއް ބައެކެވެ. ލަދުން ﷲ ތައާލާގެ ޙަޟްރަތަށް ބަލައިލަންވެސް ނުކެރޭނެއެވެ. ރޮއި އާދޭސްކުރާނީ އަލުން، އަދި އެއްފަހަރު ދުނިޔެއަށް ފޮނުއްވަވައި ދެއްވެވުމަށެވެ. އެފަދަ މީހުން އަމިއްލައަށް މަރުވާން ވެސް ބޭނުންވާނެއެވެ. އެމީހުންނަށް ނަރަކައަށް ވަނުން ނޫން ގޮތެއް ނޫންކަން އެނގުމުން ނަރަކައަށް ވެއްދެވުމުގެ ބަދަލުގައި ބިމުހުރި ވެއްޔަށް ހައްދަވައި ދެއްވެވުމަށް އެދި ދަންނަވާނެއެވެ. 

ކިތަންމެ ގިނަ ބައަކު ކިތަންމެ ވަރަކަށް އެދި ދެންނެވި ނަމަވެސް އެދުވަހު އެފަދަ އެއްވެސް ފުރުޞަތެއް އެއްވެސް މީހަކަށް ނުދެއްވަވާނެއެވެ. އޮންނާނީ އެންމެ ދެގޮތެވެ. އެއީ ސުވަރުގެ ނުވަތަ ނަރަކައަށް ވަނުމެވެ. އެދުވަހަކީ އެއްވެސް މީހަކު ވަންނާނެ ތަނެއް ނެތި މަގުމަތިވާނެ ދުވަހެއް ނޫނެވެ. އަދި ދޭތެރެ މެދުގައި ނުވަތަ އަރިމަތީގައިވެސް ހުރެވޭނެ ދުވަހެއް ނޫނެވެ. އެހެންކަމުން ޖެހޭނީ ސުވަރުގެ ނުވަތަ ނަރަކައަށް ވަންނާށެވެ! 

މީސްތަކުންނޭވެ! ޢާއިލާގައި ނަމަވެސް އަދި މުއައްސަސާއެއް ހިންގުމުގައި ނަމަވެސް އަދި ވެރިކަމުގެ ގޮތުން ނަމަވެސް އާރާއި ބާރު ދެއްވަވަނީ ހަމަ އެކަނި ﷲ ތަޢާލާއެވެ. ވީމާ ކިބުރުވެ ބޮޑާ ނުވާށެވެ! މަސްއޫލިއްޔަތު އަދާކުރާށެވެ! އެހެން މީހުންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރާށެވެ! ނޫން ނަމަ ޤިޔާމަތް ދުވަހު ލިބިދާނެ ނިކަމެތިކަން ހިތް މައްޗަސް ގެނެސް ބިރުވެތިވާށެވެ!

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

މިއަދު އޮންލައިން