އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ދެ ލޯ އަމިއްލައަށް ކަނު ބަނދެގެން ދުނިޔޭގައި އުޅޭ ބައަކުވެސް އުޅެއެވެ. ބައެއް ނޫނެވެ. ގިނަ މީހުންނެވެ. ކޮންމެ 1000 މީހުންގެ ތެެރެއިން 999 މީހުން އުޅެނީ އަމިއްލައަށް އެމީހުނެގެ ދެ ލޯ ކަނުބަނދެގެންނެވެ. މަރުގެ މަލާއިކަތާ ފެނުމުން އަމިއްލައަށް ކަނުބަނދެގެން ދުނިޔޭގައި އުޅޭ މީހުންގެ ލޯތައް ވެސް ހުޅުވޭނެއެވެ. ނަމަވެސް އޮންނާނީ ވަގުތު ފާއިތުވެފައެވެ. އެކަމުން ކުރާނބެ އެއްވެސް ފައިދާއެއް ނުއޮިންނާނެއެވެ.
ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަން ޖެހޭނެ މީހުންގެ ތެރެއިން އެކަކީ މަރަށް ތައްޔާރު ނުވެ ހުންނަ މީހާއެވެ. އެއީ ތައުބާނުވެ ޣާފިލުކަންމަތީގައި ތިބޭ މީހުންނެވެ. ކުރެވުނު ކުށްތަކާއިމެދު ހިތާމަ ނުކޮށް ފާފަކުރުންމަތީގައި ދެމިތިބޭ މީހުންނެވެ. އެމީހެއްގެ ދެލޮލަށް ﷲ ތަޢާލާ ދައްކަވަމުން ގެންދަވާ ހެކިތަކާއިމެދު އެއްވެސް ވަރަކަށް އެފަދަ މީހުން ނުވިސްނައެވެ. އެމީހުން ދުނިޔޭގައި ޙަޔާތް ވޭތި ކުރަމުން ގެންދަނީ އާވާރާވެފައިވާ މޮޔައިން ފަދައިންނެވެ.
އެފަދަ މީހުންގެ މިސާލަކީ އަމިއްލައަށް ކަނުބަދެގެން ތިބޭ މީހުންގެ މިސާލު ކަމަށް ބުނީ އެ ސަބަބަށްޓަކައެވެ. ﷲ ތައާލާ ދައްކަވާ ކަންކަން ނުފެންނަ ކަމަށް ހަދައިގެން އުޅޭ ބައަކަށްވާތީއެވެ. މީހާގެ ދެލޮލަށް ﷲ ތަޢާލާ ފެނުން ދެއްވަވާފައިވީ ނަމަވެސް ކަނުބަނުމުން އެއްވެސް ތަނެއް ނުފެންނާނެއެވެ. ފޮތިގަނޑު މޮހެލައިފިނަމަ ތަންތަން ފެންނާނެއެވެ. މަރާއިމެދު ޣާފިލުވެގެން ތިބޭ މީހުން ވެސް އެމީހުންގެ ޣާފިލުކަން ދޫކޮށްލައި ހަމަ ވިސްނުމުން ވިސްނައިފިނަމަ އެމީހުން ވެސް މަރުވާނެކަން އެނގޭނެއެވެ! ޤިޔާމަތް ދުވަސް އަންނާނެ ކަމާއި ހިސާބު ބައްލަވާނެކަން ވިސްނޭނެއެވެ. ފާފަކުރުން ހުއްޓާލައި ތައުބާ ނުވެއްޖެ ނަމަ ވަންނަން ޖެހޭނީ ނަރަކައަށްކަންވެސް ވިސްނޭނެއެވެ.
މިފަދަ މީހުންގެ އަނެއް މިސާލަކީ ﷲ ތަޢާލާ ދެއްވެވި ދެލޮލުން ނުބަލައި ވިސްނުމުގެ ބޭނުން ނުކޮށް ބާރު ސްޕީޑްގައި ދުއްވާފައި ގޮސް އެކްސިޑެންޓްވެ އަމިއްލައަށް އަނިޔާ ލިބިގަންނަ މީހުންނެވެ. އެފަދަ މީހުން އެގޮތަށް ދުއްވާފައި ދަނީ ވަރަށް ހިތްހަމަޖެހިގެން ތިބެއެވެ. އެކަމުގެ އުފާ ލިބިގަންނަމުންނެވެ. ނަމަވެސް ކުރެވުނު މޮޔަ ކަންތައް އިޙްޞާޞް ކުރެވެނީ އެކްސިޑެންޓްވެ އަނިޔާ ލިބުމުންނެވެ! ކަށިތައް މުގުރި ނުކުޅެދޭ މީހަކަށްވުމުންނެވެ.
އަމިއްލަ ކަނުބަނދެގެން އުޅޭ މީހުންގެ މިސާލަކީވެސް ހަމަ އެއީއެވެ. އެމީހުންނަށް އުޅެވުނު ގޮތް ހިތަށް ގެނެވެނީ މަރުގެ މަލާއިކަތާ ފެނުމުންނެވެ. އެހިނދުން ފެށިގެން ފުރާނަ ހިއްޕެވުމާއިމެދު ލިބޭނީ ދުނިޔޭގެ ގަޑިން ފަޅި ސިކުންތުކޮޅެކެވެ. ވީމާ ބަނދެގެން ހުރި ކަނު މޮހެލައި ތައުބާވުމަށް ފުރުޞަތެއް ނުލިބޭނެއެވެ. އެހެނީ މަރުގެ މަލާއިކަތާ މަރު ހިއްޕަވަން ވަޑައިގެން ލޮލަށް ފެންނަ ވަގުތުން ފެށިގެން ތައުބާގެ ދޮރު ބަންދުކުރައްވަވާނެތެވެ.
--ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން