ގޭގެ ސިޓިންގ ރޫމްގަ މަރުވެފައި އޮތް ހިމާރެއް ބާއްވައިގެން އެއިގެ ވަށައިގެން ތިބެން ބޭނުންވާނީ ކާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ގޭގެ ސިޓިންގ ރޫމްގަ މަރުވެފައި އޮތް ހިމާރެއް ބާއްވައިގެން އެއިގެ ވަށައިގެން ތިބެން ބޭނުންވާނީ ކާކު؟

ގޭގެ ސިޓިންގ ރޫމްގައި މަރުވެފައި އޮތް ހިމާރެއް ބާއްވައިގެން އެއިގެ ވަށައިގެން ތިބެން ބޭނުންވާނެ އެއްވެސް މީހަކު ހުންނާނެ ހެއްޔެވެ؟ އެފަދަ މީހަކު ހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް އެކަން ވަރަށް ގިނަ ގެތަކުގައި ދަނީ ކުރެވެމުންނެވެ. ނުއެނގި ތިބެ އެކަން ކުރެވޭނަމަ އަވަހަށް އެކަން ކުރުން ހުއްޓައިލާށެވެ!

މިކަން މިކުރެވެނީ ކިހިނަކުންކަން އެނގޭ ހެއްޔެވެ؟ 

ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަ ކުރާނެ އެކަކީ ބާއްވާ ބައްދަލުވުންތަކުގައި ﷲ ތަޢާލާގެ މަތިން ހަނދުމަ ނުކުރި މީހުންނެވެ. ﷲ ތަޢާލާގެ ނަންފުޅު ނުގަނެ ބައްދަލުވުންތައް ބޭއްވި މީހުންނެވެ. ހަދީޘްފުޅުގައި އޮތީ އެފަދަ ބައްދަލުވުމެއްގައި މީސްތަކުން އެތިބީ މަރުވެފައި އޮތް ހިމާރެއްގެވަށައިގެން ކަމެވެ.

ބަލަންވީ ބާއްވާ ބޮޑެތި ޖަލްސާތަކާއި ބައްދަލުވުންތަކަށް އެކަންޏެއް ނޫނެވެ. އަމިއްލަ ގޭގައި ބާއްވާ ބައްދަލުވުންތަކަށްވެސް ސަމާލުކަން ދޭން ޖެހޭނެއެވެ. ޢާއިލާގެ މީހުން އެއްވެ ބާއްވާ ބައްދަލުވުންތަކަކީވެސް ހަމަ ބައްދަލުވުންތަކެވެ. ވީމާ ޢާއިލާގެ މީހުން ބައްދަލުވެ މަޝްވަރާކުރި ނަމަވެސް އެ ބައްދަލުވުމެއްގައި ﷲ ތައާލާގެ ނަންފުޅު ގަނެވެންޖެހޭނެއެވެ. ﷲ ތަޢާލާ މަތިވެރިކުރަން ވާނެއެވެ. 

ވިސްނަންވީ ބާއްވާ ކޮންމެ ބައްދަލުވުމެއްގައި ވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަށެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައިވެސް މެއެވެ. ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ މީހާގެމަތިން ﷲ ތަޢާލާ ހަނދުމަފުޅު ކުރައްވަވާނެތެވެ. އެކަމުގެ ސަބަބުން އެމީހަކާއި ﷲ ތަޢާލާ އާއި އޮންނަން ޖެހޭ ގުޅުންތައް ދާނީ އިތުރަށް ބަދަހިވެ ކުރިއަރަމުންނެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

 

މިއަދު އޮންލައިން