ކުޑަކުދިންނަށް އިސްލާމް ދީނުގެ ސަލާމުން ސަލާމް ކުރުމަކީ ކުދިންގެ ހިތުގައި ދީނަށް ލޯބި އިތުރުވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކުޑަކުދިންނަށް އިސްލާމް ދީނުގެ ސަލާމުން ސަލާމް ކުރުމަކީ ކުދިންގެ ހިތުގައި ދީނަށް ލޯބި އިތުރުވާ ކަމެއް!

މިހާރަކަށް އައިސް ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ކުޑަކުއްޖަކަށް ނަމަ "ހެލޯ" ބުނެލުމުން ނުވަތަ ނަމުން ނުވަތަ ޢާއިލާގައި ކިޔާ ކޮންމެވެސް ނަމަކުން ގޮވައިލުމުން އެއީ ސަލާމް ކުރެވުނީ ކަމަށެވެ. ނަމަވެސް އިސްލާމް ދީނުގައި އޮތީ ކުޑަކުދިންނާއިވެސް ހަމަ ބޮޑެތި މީހުންނާއި ސަލާމް ކުރާ ފަދައިން "އައްސަލާމް ޢަލައިކުމް" ކިޔައި ސަލާމް ކުރުމެވެ. 

ކުޑަކުދިންނަށް މަރުޙަބާކިޔަންވާނެއެވެ. ހެޔޮކޮށް ހިތަންވާނެއެވެ. ލޯބިދޭންވާނެއެވެ. ކުޑަކުދިންނާއި މުޚާޠަބްކުރަންވާނީ ލޯބިންނެވެ. ވީމާ ސަލާމް ކުރުމުގައި ކުޑަކުދިންނާއި މުޚާޠަބް ކުރަންވާނީ އެކުދިންގެ ސަމާލުކަން ލިބޭނެ ފަދަ ގޮތަކަށެވެ. ވަރަށް ލޯބިންނެވެ. އުފާވެރިކަން ހިތަށް ގެނެސް އުފާވެރިކަން މޫނުމަތިންވެސް ދައްކައި ހިނިތުންވެ ހުރެއެވެ. 

ކުޑަކުދިންނާއި ބައްދަލުވުމުން އިސްލާމް ދީނުގެ ސަލާމުން ސަލާމް ކުރުމަކީ އެކުދިންގެ ހިތުގައި އިސްލާމް ދީނަށް ލޯބި އިތުރުވާކަމެކެވެ. އަދި އިސްލާމް ދީނުގެ ހައިބަތު ދައްކުވައިދޭ ކަމެއްވެސް މެއެވެ. ވީމާ ކުޑަކުދިންނާއި ބައްދަލުވުމުން އެއީ އަމިއްލަ ދަރިން ނަމަވެސް ފުރަތަމަ އިސްލާމް ދީނުގެ ސަލާމުން ސަލާމްކުރާށެވެ! އެއަށްފަހު ކުއްޖާގެ ނަމުން ނުވަތަ ކުއްޖާ އެންމެ އުފާވާ (އިސްލާމް ދީން ހުއްދަކުރާ) ނަމަކުން ކިޔުމަކީ މައްސަލައެއް ނޫނެވެ. 

ކުދިންގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމުގެ މަސައްކަތަކީ އެންމެ ތުއްތު އިރުންސުރެ ކުރަން ޖެހޭނެ މަސައްކަތެކެވެ. ވަކިވަރަކަށް ބޮޑުވުމުން އެ މަސައްކަތް ކުރަން މަޑުކުރުމެއް ނެތެވެ. ކުއްޖާގެ އުމުރާއި ގުޅޭ ގޮތުން ހުރިހާ އުމުރެއްގައިވެސް އެއީ ކުރަން ޖެހޭނެ މަސައްކަތެކެވެ. ގިނަ ކުދިން އިސްލާމް ދީނާއި ދުރަށް ޖެހެން މެދުވެރިވާ އެއް ސަބަބަކީ ވެސް އެންމެ ޅަ އުމުރުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމުގެ މަސައްކަތް ނުކުރެވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން