އަހަރެމެން މިއަދު އުޅެމުން މިދާ ގޮތަށް ބަލާއިރު ކިރިޔާ ކަމެއްވާއިރަށް އޮންނަނީ ރުޅިއާދެވިފައެވެ. މައިން ބަފައިން ދެކެވެސް އަނބިދަރިން ދެކެވެސް ރުޅިއާދެވިފައެވެ. އެންމެ ގާތް ރަޙްމަތްތެރިން ދެކެވެސް ރުޅި އާދެވިފައެވެ. އެންމެ ގިނައިން ރުޅި އާދެވެނީވެސް ޒާތީ ކަންކަމުގައެވެ.
އަހަރެމެން އެބޭކަލެއްގެ ސުންނަތަށް ތަބަޢަވާން ޖެހޭ މިއުންމަތުގެ މާތް ސާޙިބާ، މުޙައްމަދު ރަސޫލް (ޞޢވ)ގެ މުޅި ޙަޔާތްޕުޅަށް ބެލި ނަމަވެސް ދުވަހަކުވެސް ޒާތީ އެއްވެސް ކަމެއްގައި ކޯފާ އިސްކުރައްވާފައެއް ނުވެއެވެ. އެފަދަ ބަސްފުޅެއްވެސް ޙަދީޘްފުޅު ކުރައްވަވާފައެއް ނުވެއެވެ. ކިރިޔާވެސް އެފަދަ ބަސްފުޅެއް ޙަދީޘްފުޅު ކުރައްވަވާފައިވަނީ އިސްލާމް ދީނާއި ގުޅުންހުރި ކަންކަމުގައެވެ. އެ ޙާލަތުގައިވެސް ކޯފާ އިސްކުރައްވާފައެއް ނުވެއެވެ. އަބަދުވެސް ދައްކަވާފައިވަނީ އަޚްލާޤީ އެންމެ ރިވެތި ނަމޫނާއެވެ.
އެހެންކަމުން މިއީ މިއަދު ހަމަ ކޮންމެ މީހަކުވެސް ވަރަށް ފުންކޮށް ވިސްނައިލަން ޖެހިފައިވާ ކަމެކެވެ. ޒާތީ އެއްވެސް ކަމެއްގައި ރުޅި އައުމެއް ނެތެވެ. ހަސަދަވެރިވުމެއްވެސް ނެތެވެ. ރުޅިއަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެކެވެ. ވީމާ ރުޅި އައުމާއި ވީހައި ބޮޑަށް ދުރުހެލިވާން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
ރުޅިއަކީ އެއްވެސް ކަމެއް ޙައްލުކޮށްދޭނެ ކަމެއް ނޫނެވެ. ރުޅިއަކީ ފިތުނަ އާއި ހަސަދައިގެ ތަޅުދަނޑިއެވެ. ކަމަކާއިމެދު ރުޅި އައުމަކީ އަލިފާނަށް ޕެޓްރޯލު އުކުން ފަދަ ކަމެކެވެ. އަލިފާނަށް ޕެތްރޯލް އުކިމާ ހުލުގަނޑު ބޮޑުވާ ފަދައިން ރުޅީގެ ސަބަބުން ކަންކަން ޙައްލުވުމުގެ ބަދަލުގައި ކަންކަން ދާނީ އިތުރަށް ގޯސްވަމުންނެވެ.
އުފާވެރި އަދި ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންނަމަ ރުޅި އާއި ވީހައި ބޮޑަށް ދުރުހެލިވާށެވެ. އެއްވެސް ކަމެއްގެ ޙައްލަކީ ރުޅިކަމަށް ނުދެކޭށެވެ! އެހެނީ ކޮންމެ މައްސަލައެއްގެ ޙައްލަކީވެސް ލޯތްބާއި ކުލުނެވެ އަޅައިލުމާއި އޯގާތެރިކަމެވެ. މިއީ ބަދަލުކުރެވޭނެ ކަމެއް ނޫނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން