ނުހަނު ބުރަ މަސައްކަތުން އެތައް ބައިވަރު ވަގުތަކާއި އަދި ބުރަ މަސައްކަތްކޮށްގެން ހޯދާ ފައިސާއިން ޚަރަދުކޮށްގެން އަޅުކަންކުރި ގިނަކަމުން އަޅުކަމުގެ ބޮޑެތި ބިޔަ ފަރުބަދަތައް ހިފައިގެން ޤިޔާމަތް ދުވަހު މަޙްޝަރަށް ގޮސް އެ ބިމުގައި ބިޔަ އެ ފަރުބަދަތައް ބަހައްޓާނެ ބައަކު އުޅޭނެއެވެ.
މައްސަލަ އަކީ އެ ފަރުބަދަ ތަކުގައި އެއްވެސް ބުރަދަނެއް ނުހުންނާނެ ކަމެވެ. ހޮއި ނުވަތަ ލޯވަޅުތަކުން ފުރިފައިވާނެ ކަމެވެ. އެކަން އެމީހާއަކަށް ނުއެނގޭނެއެވެ. އެހައި ގިނަ އަލުކަން ހިފައިގެން ﷲ ތަޢާލާގެ މަތިވެރި ޙަޟްރަތަށް ދެވުނުކަމަށްޓަކައި ފަޚުރުވެރިވާން ހުއްޓައި ފެންނާނީ އަޅި ނުވަތަ ހިރަފުސް ފަދައިން އެ ބިޔަ ފަބަދަތައް ބުރަބުރައިގެންދާތަނެވެ،
ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށްޓަކައި އެވަރުން ކުރި ބުރަ މަސައްކަތްތައް ވަޔަށް ބުރަބުރައިގެން ދިއުމުން ކުރާނެ އަސަރަށް ވިސްނާށެވެ! ނޯށުކުރިން ނުރޮވޭނެ މީހަކު ހުންނާނެތޯއެވެ
މިފަދަ ޙާލަތު ކުރިމަތިވާނީ ދެއްކުންތެރިކަމުގެ ގޮތުން އަޅުކަންކުރި މީހުންނަށެވެ. އެމީހުން ވަރަށް ގިނަ އަޅުކަން ކުރާނެއެވެ. މީހުންނަށް ދީނީ ނަޞޭޙަތްވެސް ދޭނެއެވެ. ޒަކާތްވެސް ދައްކާނެއެވެ. ރޯދަވެސް ހިފާނެއެވެ. ޞަދަޤާތްވެސް ދޭނެއެވެ. ކީރިތި ޤުރްއާންވެސް ކިޔަވާނެއެ. ފަރުޟު ނަމާދާއި ސުންނަތް ނަމާދުތައްވެސް ކުރާނެއެވެ. މައްސަލަ އަކީ އެމީހުން ކުރާ ހުރިހާ ކަމެއް ކުރަނީ މީސްތަކުންނަށް ދައްކަންކަމެވެ. އެހެންމީހުންގެ ލޯތަކުގައި އަނދުން އަޅުވައިގެން ތަޢްރީފް ހޯދަން ކަމެވެ.
މީސްތަކުންނޭވެ! މިއީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެކެވެ. އަދި އެހައިމެ ގެއްލުންވެސް ހުރިކަމެކެވެ. ހިތާމަ ހުރިކަމެކެވެ. އެހެނީ ދުނިޔޭގައި ކުރި ހުރިހާ މަސައްކަތާއި ހޭދަތައް އަޅިއަށްވެ ބުރައިގެން އެދަނީ ލޯމަތީގައެވެ. މިހާލަތުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ދެއްކުންތެރިކަމުގެ ޒއްރަެއްގެ މިންވަރުވެސް ހިތުގައި ނުބޭއްވުމެވެ. ހިތުގައި ހަމަ އެންމެ ކުޑަކުޑަ ޒައްރެއްގެ މިންވަރު ބާއްވައިގެން ކުރާ އެއްވެސް އަޅުކަމެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ!
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން