ދިރިއުޅުމުގައި މައްސަލަތައް ކުރިމަތިވުމަކީ ދުނިޔޭގެ އާދައެވެ. އެއްވެސް މައްސަލައެއް ކުރިމަތިނުވާނީ ސުވަރުގޭގައި އެކަންޏެވެ. ވީމާ މިދުނިޔޭގައި ކިތަންމެ ބައިވަރު މައްސަލަތަކެއް ކުރިމަތިވިނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ.
ސަޖިދަކުރުން ގިނަކުރާށެވެ! ސަޖިދައިގައި އޮވެ ﷲ ތަޢާލާއަށް ދަންނަވާށެވެ! މައްސަލަތައް ޙައްލުކޮށްދެއްވެވުން އެދި ދުޢާ ކުރާށެވެ! ސަޖިދައަކީ މީހާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތެވެ! ވީމާ ކަންކަމުގައި އެދި ދަންނަވަން އެންމެ ރަނގަޅު މަޤާމަކީ ސަޖިދައެވެ. ސަޖިދައިގައި އޮވެ ދަންނަވަމުން ގެންދިއުމުން ޙައްލު ނުވާނެ އެއްވެސް މައްސަލައެއް ނުވެއެވެ.
ދަމު ނަމާދުގެ ސަޖިދައަށް ސަމާލުކަން އިތުރުކުރާށެވެ! އެހެނީ ﷲ ތައާލާ މީސްތަކުންނާއި އެންމެ ބޮޑަށް ކުއްތަންވެވޮޑިގަންނަވާ ވަގުތަކީ ދަމުނަމާދުގެ ޚާއްޞަ ވަގުތެވެ. އެއީ ރޭގަނޑުގެ 3 ބައިން ފަހު ބައެވެ. މީހާއަށް ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭނެ ވަގުތަކީ އެއީއެވެ.
ދަމުނަމާދު ކުރާ މީހާއަށް އެކަންކަން ވަރަށް ބޮޑަށް އިޙްޞާޞް ކުރެވޭނެއެވެ. އެމީހާއަށް އެކަމުން ލިބޭ އިޙްޞާޞް އެނގޭނީ ހަމަ ދަމުނަމާދުކުރާ މީހަކަށެވެ. ދަމު ނަމާދުގެ ރުކޫ އާއި ސުޖޫދު ދިގުކުރަން ޖެހޭނެއެވެ. އެއީވެސް ވީހައި ގިނަ ކަންކަމުގައި ﷲ ތަޢާލާއަށް ދަންނަވަން ލިބޭ ރަނުގެ ފުރުޞަތެކެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ! ސަޖިދައިގެ ބޭނުން ހިފާ މީހަކަށް ނަފްސާނީ ބަލީގެ ބޭސް ކާން ޖެހުމަކީ ވަރަށް މަދުން ނޫނީ މެދުވެރިވާ ކަމެއް ނޫނެވެ! ވީމާ ސަޖިދައިގެ ފައިދާ ފުރިހަމަ ގޮތުގައި ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ޙައްލަކީ ހަމަ ސަޖިދަކަން ޔަޤީންކޮށް ސަޖިދަކުރުން އިތުރުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން