ބައެއް މީހުން ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ވަންދެން މޫނުބަލާ ލޯގަނޑު ކުރިމަތީގައި ތިބެ އެތައް ގަޑިއިރެއް ހޭދަކުރެއެވެ. ރީތިވުމަށެވެ. މޫނުގެ ސިފަ ޒުވާން ކުރުމަށެވެ. މޫނުގައި އިންނަ އިސްތަށްޓެއް ވިޔަސް އުފުރުމަށާއި އުމުރުން ދުވަސްވުމުން ޖަހާ ރޫތައް ފިލުވުމަށެވެ.
މިކަންކަމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ އެކަންކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް ކިތަންމެ ގިނަ ފައިސާ ޚަރަދުކުރި ނަމަވެސް އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކަށް ދާނީ މުސްކުޅިވަމުންނެވެ. ސިފަ ބަދަލުވަމުންނެވެ. ހަނގަނޑުގައި ޖެހޭ ރޫތައް ދާނީ އިތުރުވަމުންނެވެ.
ﷲ ތަޢާލާ މީސްތަކުން ސުވަރުގެ ވައްދަވާނީ ދުނިޔޭގައި އެމީހާ ހުރި ސިފައެއްގައެއް ނޫނެވެ. ރީތިވާން ތިއަކުރާ "ކޮސްމެޓިކް" އެއްވެސް މަސައްކަތެއް ނުކުރި ނަމަވެސް ކޮންމެ މީހަކުވެސް ސުވަރުގެ ވައްދަވާނީ ދުނިޔޭގައި ހުރި އެންމެ ރީތި އެންމެންނަށްވުރެވެސް މާރީތި ސިފައިގައެވެ.
ވީމާ ރީތިވާން ލޯގަނޑު ކުރިމަތީގައި ތިއަ ކުރަނީ މުޅިން ބޭކާރު މަސައްކަތްތަކެކެވެ. ތިއަ ހޭދަކުރަނީ ހަމަ މުޅިން ބޭކާރު ވަގުތުތަކެކެވެ. އެއިގެ ބަދަލުގައި ވަގުތު ހޭދަކުރަންވީ ވެސް އަދި ގަދައަޅައި މަސައްކަތްކުރަންވީ ވެސް ސުވަރުގެ ދިއުމަށެވެ. ރީތިވާން ތިއަ ހޭދަކުރާ ވަގުތު މަދުކުރާށެވެ! ޤުރްއާން ކިޔެވުމާއި އަޅުކަން ކުރުމުގައި ހޭދަކުރާ ވަގުތު އިތުރުކުރާށެވެ! ޛިކުރުކޮށް ހެޔޮ އަމަލުތައް ކުރާ ވަގުތު އިތުރު ކުރާށެވެ! އެކަންކަމުގެ ސަބަބުން ﷲ ތަޢާލާ ޤިޔާމަތް ދުވަހު ދެއްވަވާ ރީތިކަން އިތުރަށް ރީތިކުރަން އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހޭނެއެވެ. ގިނަ ދުވަސްވާވަރަކަށް ދާނީ ރީތިކަން އިތުރުވަމުންނެވެ. އިތުރަށް ޒުވާންވަމުންނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން