ރަސޫލް (ޞޢވ) ގެ މުޅި ހަޔާތްޕުޅުގައިވެސް ނުކުރައްވަވާ 2 ކަމެއް ކުރުން މިހާރު މިވަނީ ވަރަށް ބޮޑަށް ޢާންމުވެފައެވެ. އެހެންކަމުން އެކަންކަން ފާހަގަކޮށްލާނަމެވެ.
ރަސޫލް (ޞޢވ) އެއްވެސް މީހެއްގެ ގާތު އެއްވެސް ކަމެއް ކުރައްވަވާނެ ކަމަށް ވިދާޅުވެ ހުވާ ކުރައްވަވާފައެއް ނުވެއެވެ. އެއްވެސް މީހަކާއިމެދު ހަރުކަށިކޮށް މުޢާމަލާތު ކުރައްވަވާފައެއް ނުވެއެވެ.
ދައްކާ ކޮންމެ ވާހަކައެއްގައި މިހާރު މިގެންދަނީ ހުވާކުރަމުންނެވެ. ކުރަން ބުނާ ކޮންމެ ކަމަކާއި ގުޅިގެން ގެންދަނީ އެކަމެއް ކުރާނެ ކަމަށް ހުވާކުރަމުންނެވެ. މިކަމުން އެނގިގެންދަނީ މީސްތަކުންގެ މެދުގައި އިތުބާރު ގެއްލިފައިވާ މިންވަރެވެ.
ހަމަ އެއާއިއެކު ކިރިޔާވެސް ނުރުހޭ ކަމެއް މެދުވެރިވެއްޖެ ނަމަ ހަރުކަށިވެ ހަރުކަށި ބަސްތައް ބުނުމުގެ އިތުރުން ގައިގަ އަތްލާ ހިސާބަށް ކަންކަން ގެންދިއުން މިވަނީ ޢާންމު ކަމަށްވެފައެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެކަމުގެ ސަބަބުން މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އަޚްވަންތަ ކަމުގެ ގުޅުން މިދަނީ ކެނޑެމުންނެވެ. އުންމަތް މިދަނީ ބަލިކަށިވަމުންނެވެ.
އެހެން މީހުންނަށް ރަނގަޅު ގޮތް މެދުވެރިނުވުމަށް އެދުމާއި ދެރަގޮތް މެދުވެރިވުން އެދުން ވެސް މިވަނީ ވަރަށް ޢާންމުވެފައެވެ. މިއީވެސް ވަރަށް ހިތާމަހުރި ކަމެކެވެ. ހަސަދަވެރިވުމާއި ބަދަލު ހިފުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫނެވެ. މީގެ އިތުރުން ވަރަށް މުހިންމު ކަމެއްވެސް ފާހަގަކޮށްލާނަމެވެ. އެއީ އެކަކު އަނެކަކަށް އިހްތިރާމް ކުރުމެވެ.
އިޙްތިރާމްކުރުމަކީ ކުރަން ފަސޭހަކަމެއް ނަމަވެސް އެއީ ކުޑަ ކަމެއް ކަމަށް ނުދެކޭށެވެ. އެކަމުގެ ފައިދާ ޤިޔާމަތް ދުވަހު ކުރާނީ ބޮޑުކަމެއްގެ ގޮތުގައެވެ. އެކަމުގެ މުހިންމުކަމުގެ ބޮޑުކަން ޤިޔާމަތް ދުވަހު ފެންނާނެއެވެ. ވީމާ ނެތެމުން މިދާ އިޙްތިރާމް ކުރުމުގެ އާދަ އަށަގަންނަވަން ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން