ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން މުޖުތަމައުގައި އިތުރު ކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ދަސްކުރުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން އިސްނަގައިގެން އިފްތިތާހުކުރި 'ފެތުން ތެރިން' ޕްރޮގްރާމް 30 ބައިވެރިންނާއެކު މިއަދު މާލެ އާއި ހުޅުމާލޭގައި ފަށައިފިއެވެ.
'ފެތުން ތެރިން' ޕްރޮގްރާމަކީ އަލަށް ފަތަން ދަސްކުރުމަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް ބޭންކް އޮފް މޯލްޑިވްސް އާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
" ހަމަހަމަ ފުރުސަތުތަކެއް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ލިބި އިތުރު ހުނަރެއް މިކުދިންނަށް ދަސްވެގެންދާކަމީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއާއެކު، 'ފެތުން ތަރިން' ޕްރޮގްރާމަށް މި ލިބުނު ތަރުހީބު އަޅުގަނޑުމެން ފާހަގަކޮށްލަން. އަޅުގަނޑުމެންގެ އުންމީދަކީ ސްވިމިންގ އެސޯސިއޭޝަނާއި ކްލަބް ތަކުގެ ތަޖްރިބާކާރު ކޯޗުންގެ ފުރިހަމަ އެހީތެރިކަމާއެކު މި ޕްރޮގްރާމް ކުރިއަށްގެންދެވި މި ޕްރޮގްރާމް މެދުވެރިކޮށް ގިނަ ފަރާތްތަކަކަށް ފަތަން ދަސްވެ، އަދި ފެތުމަށް ހުންނަ ޝައުގުވެރިކަން އިތުރުވެގެން ދިޔުން." ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވިއެވެ.
ދުޅަހެޔޮ މުޖުތަމައު އެއް ބިނާ ކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދީ، ބާރުވެރިކުރުމުގެ ގޮތުން ބީއެމްއެލް އިން އަންނަނީ އެ ދާއިރާގައި ހަރަކާތްތެރިވާ އެކި ޖަމިއްޔާތަކާއެކު ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން ބީއެމްއެލް އިން ދަނީ އެ ޖަމިއްޔާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ނުކުޅެދުންދުންތެރިކަން ހުންނަފަރާތްތަކަށް ބޭނުންވާ ތަފާތު ތަކެއްޗާއި އާލާތްތައް ފޯރުކޮށްދެމުންނެވެ.