އަނބިންނަށް ތިއަ އަނިޔާ ކުރަނީ އަނިޔާކުރި ފިރިއަކަށް ލަޢްނަތް ލެއްވެވުން އެދިވަޑައިގެން ރަސޫލް (ޞޢވ) ދުޢާ ކުރެއްވެވިކަން އެނގިހުރެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
އަނބިންނަށް ތިއަ އަނިޔާ ކުރަނީ އަނިޔާކުރި ފިރިއަކަށް ލަޢްނަތް ލެއްވެވުން އެދިވަޑައިގެން ރަސޫލް (ޞޢވ) ދުޢާ ކުރެއްވެވިކަން އެނގިހުރެތަ؟

އަލްވަލީދު ބުނި ޢުޤްބާ، އޭނާގެ އަނބިމީހާއަށް އަނިޔާކުރާ ކަމުގެ ޗަކުވާ ރަސޫލް (ޞޢވ) އަށް ދެންނެވިއެވެ. ފުރަތަމަ ފަހަރު ޙަދީޘްފުޅު ކުރެއްވެވީ ފިރިމީހާ ގާތަށް ވަޑައިގެން އެކަނބުލޭގެއަކީ ރަސޫލް (ޞޢވ)ގެ ޙިމާޔަތުގެދަށުގައި އިން އަންހެނަކު ކަމުގައި ވިދާޅުވުމަށެވެ. 

އެއިގެ ދުވަސްކޮޅެއް ފަހުން އެކަމަނާ ވަޑައިގެން ހަމަ އެމޭރުމުން ރަސޫލް (ޞޢވ) އަށް ޝަކުވާ ދެންނެވިއެވެ. އެފަހަރު ރަސޫލް (ޞޢވ) އެއިރު ތުރުކުރައްވައިގެން ހުންނެވި ލިބާސްކޮޅުން ފޮތިކޮޅެއް އިރުއްވައި ލެއްވެވުމަށްފަހު އެ ގެންދަވައި އެކަމަނާއަކީ ރަސޫލް (ޞޢވ)ގެ ޙިމާޔަތުގެ ދަށުގައި އިންނެވި ބޭކަނބަލެއް ކަމުގެ ހެކި ދެއްކެވުމަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. އަދި އެފަދަ ކަމެއް އިތުރަށް ތަކުރާރު ނުކުރުމަށް ޙަދީޘްފުޅު ކުރެއްވެވި ކަމަށް ވިދާޅުވުމަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. 

އެއިގެ ދުވަސްކޮޅެއް ފަހުން އެކަމަނާ 3 ވަނަ ފަހަރަށް ވަޑައިގެން ފިރިމީހާ އަނިޔާކުރާ ކަމުގެ ޝަކުވާ ރަސޫލް (ޞޢވ) އަށް ދެންނެވުމުން ކޯފާއިސްކުރައްވަވައި ތެދުވެވަޑައިގެން ދެއަތްޕުޅު އުފުއްލަވައި އަލްވަލީދު ބުނި ޢުޤްބާއަށް ލައްނަތް ލެއްވެވުން އެދިވަޑައިގެން ﷲ ތަޢާލާއަށް ދުޢާ ކުރެއްވެވިއެވެ. އަދި އޭނާވަނީ ރަސޫލް (ޞޢވ)އަށް ނުކިޔަމަންތެރިވެފައި ކަމުގައި ދުޢާގައި ޙަދީޘްފުޅު ކުރެއްވެވިއެވެ.  

މި ދެއްކުނީ ވަރަށް ގިނަ ވާހަކަތަކެކެވެ. ރަސޫލް (ޞޢވ) މީހަކަށް ލަޢްނަތް ދެއްވެވުން އެދިވަޑައިގެން ދުޢާ ކުރައްވަވާނީ އެކަމުގެ ނުބައިކަމުގެ ބޮޑުކަން ކިހައި ބޮޑުވުމުންކަން ވިސްނޭ ހެއްޔެވެ؟ އަނބިންނަށް އަނިޔާކުރުން ވެފައި މިވަނީ އެހައި ބޮޑު ކަމަކަށްކަން މި ޙަދީޘްފުޅުން އެނގިގެންދެއެވެ. 

ވީއިރު ނިކަން ބުނެބަލާށެވެ! އިސްލާމެއް ކަމަށް ބުނަމުން އަނބިންނަށް އަނިޔާކުރެވޭނީ ކޮން ގޮތަކުން ހެއްޔެވެ؟ ރަސޫލް (ޞޢވ) މިއަދު ދުނިޔޭގައި ހުންނެވިނަމަ، އަނބިމީހާ ގޮސް ޝަކުވާ ދެންނެވިނަމަ ތިބާއަށް ލައްނަތް ލެއްވެވުން އެދިވަޑައިގެން ދުޢާ ނުކުރައްވަވާނެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ މިއަދަކު ރަސޫލް (ޞޢވ) އަހަރެމެންގެ ލޯތަކަށް ފެންނާކަށް ނެތެވެ! ފެންނަން އޮތީ އަނބިންނަށް އަނިޔާ ނުކުރުމަށް ކުރެއްވެވި އަމުރުފުޅެވެ. ދެއްވެވި އިންޒާރެވެ! އެކަން ކުރުމުން ޢަމަލުފުޅު ކުރެއްވެވި ގޮތެވެ! 

ކަންކަމުގައި ރަސޫލް (ޞޢވ) ކަނޑައަޅުއްވަވާފައިވާ އިންތަކުން ބޭރުވެގެން ހުންނަ މީހާއަކީ ކިހައި ނުރައްކައުތެރި ފައްތަރެއްގެ މަތީގައި ހުރި މީހަކަށްވެދާނެ ކަމާއިމެދު ވިސްނައިލާށެވެ! އިސްލާމް ދީނަކީ ރަޙުމާއި ކުލުނުގެ ދީނެވެ. އެއްވެސް މީހަކަށް އަނިޔާކުރުން ހުއްދަކުރާ ދީނެއް ނޫނެވެ!  ވީމާ ބިރުވެތިވެ ފުރިހަމަ މުސްލިމަކަށްވާށެވެ!

 

- ޝައިޚް ނަވާވިދް ޢަޒީޒްގެ ދަރުސަކު

މިއަދު އޮންލައިން