ﷲ ތަޢާލާ އާއި ގުޅުން ބަދަހިކުރަން ބޭނުން މީހާ ނިދުމުގެ ކުރިން ކޮނަމެ ކުރަން ޖެހޭ 4 ކަމެއް ވެއެވެ. ނަމަވެސް މިއަދު މިއިން އެންމެ ކަމެއްވެސް ކުރަނީ ކިތައް މީހުން ކަމާއިމެދު ސުވާލު އުފެދެއެވެ. އެ 4 ކަންތަކަކީ:
1- އެއްވެސް މީހަކާއިމެދު ދެބަސްވުމެއް އޮތް ނަމަ އެކަމެއް ޙައްލުކުރުން
2- ﷲ ތަޢާލާއަށް ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ނުނިދުން
މިސާލަކަށް ދުވަހުގެ 4 ނަމާދުކޮށްފައިވީނަމަވެސް ޢިޝާ ނަމާދު ނުކޮށް ނިދައިގެން ނުވާނެއެވެ.
3- ތަނެއްގައި އިށީނދެ އިނދެ ﷲ ތަޢާލާ އާއިމެދު ވިސްނައި ފިކުރުކޮށް ފުރިހަމަ ތައުބާއަކުން ތައުބާވުމަށްފަހުގައި ނޫނީ ނިދައިގެންނުވާނެއެވެ. މިބަހީ ތައުބާވެ ކުރެވިފައިވާ ފާފަތަކަށް ޢަފޫކޮށްދެއްވެވުން އެދި ދުޢާ ކުރުމަށްފަހުގައި ނޫނީ ނުނިދުމެވެ.
4- ނިދުމުގެ ކުރިން މުދަލާއި ބެހޭ ގޮތުންނާއި ޢާއިލާގެ ކަންކަމުގައި ކުރަންޖެހިފައިވާ އަސާސީ ކަންކަން ކުރަންވީ ގޮތާއިމެދު ވަޞިއްޔަތްކުރަންވާނެއެވެ. ނިދީން ހޭނުލެވިދާނެ ކަމަށްޓަކައެވެ.
މީގެ ތެރޭގައި ތިމާގެ ކިބައިގައި ހުރި ދަރަނިތައް ކިޔައިދޭން ޖެހޭ މީހުންނަށް ކިޔައިދީ އޮޅުންފިލުވައިދިނުންވެސް ހިމެނުން މުހިންމު ކަމަށް ދެކެމެވެ. ނިދީގައި މަރުވެއްޖެނަމަ، އެކަން ޢާއިލާއަށް ނުއެނގި އޮތުމުން ދަރަނި އަދާނުކުރެވުމުގެ ސަބަބުން ތިމާ ކުޅަ ހެޔޮ އަމަލުތަކުން ޤިޔާމަތް ދުވަހު އަދާކުރަން ޖެހިދާނެ ކަމަށްޓަކައެވެ. މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ.
ދަރަނީގެ ކަންކަން ކޮންމެ ދުވަހަކު ކިޔައިދޭން އުނދަގޫވެދާނެކަމަށްޓަކައި ދަރަނީގެ ލިޔުންތައް ލިޔެ، ތިމާ ދުނިޔޭގައި ނެތް ދުވަހަކުން އެހެން މީހުންނަށް ފެންނާނެ ގޮތަކަށް ބަހައްތައިގެން ނަމަވެސް އެކަމަކީ ކުރަން ޖެހޭނެ ކަމެކެވެ.
- -އިސްލާމީ ތިލަފަތުގެ ދަރުސަކުން