މައްސަލަ ގިނައީ ހެއްޔެވެ؟ އަތްމަތި ދަތީހެއްޔެވެ؟ އެންމެ ފަސޭހަ ޙައްލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މައްސަލަ ގިނައީ ހެއްޔެވެ؟ އަތްމަތި ދަތީހެއްޔެވެ؟ އެންމެ ފަސޭހަ ޙައްލު!

އެއްވެސް ބާވަތެއްގެ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ގިނަ މީހުން އެންމެ ގިނައިން ކުރާ އެއްކަމަކީ މީހުންނާއި ބައްދަލުކުރުންވެސް ހުއްޓައިލުމެވެ. އެކަމުގެ ނަތީޖާއަކަށްވަނީ ކުރިން މީހުންނަށް ވަމުން އައި އެހީތެރިކަންވެސް ފޯރުކޮށް ނުދެވުމެވެ. 

މީސްތަކުންނޭވެ! މުޞީބާތުގެ ވަގުތުތަކުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބި މުޞީބާތުން ސަލާމަތްވެވޭ އެއްކަމަކީ އެހެން މީހުންނަށް އެހީތެރިވުމެވެ. ފައިސާގެ ގޮތުން އެހީތެރިވެވެން ނެތްނަމަ މަސައްކަތެއް ކޮށްދީގެންވެސް އެހީތެރިވެދޭށެވެ. އެހެން މީހެއްގެ ދަރިއެއް އުރައިލަދީގެން ނަމަވެސް މީހަކަށް އެހީތެރިވެދޭށެވެ! އަންހެނަކު ނަމަ މީހެއްގެ ތަކެތި ދޮވެލަދީގެން ނަމަވެސް ފިރިހެނަކު ނަމަ މީހަކަށް ބާޒާރުކޮށްލައިދީގެން ނަމަވެސް މީހަކަށް އެހީތެރިވެދޭށެވެ. 

މިބުނާ ބަހުގެ މާނައަކީ އަނބިދަރިން، ފިރިން، މައިންބަފައިންގެ އިތުރުން، ދީނީ ގޮތުން އެމީހަކަށް ބަލައި އެހީތެރިވާން ޖެހޭ މީހުންނަށް އެހީތެރިވުން އިތުރުކުރުމާއިއެކު އެހީތެރިވާން ނުޖެހޭ މީހަކަށް ނުވަތަ ބައަކަށް އެހީތެރިވުމުގެ ވާހަކައެވެ. 

ކިތަންމެ ބުރަކޮށް ގޭތެރޭގައި މަސައްކަތްކުރަމުންވެސް ޢާއިލާގެ އެހެންމީހުންނަށާއި އެންމެ އަވަށްޓެރިއަކަށް ނަމަވެސް ވެވުނު ވަރަކުން އެހީތެރިވާށެވެ. ގިނަ ބައެއްގެ ތަޖުރިބާއިން ވެސް އެނގެނީ މިފަދައިން އަމަލުކުރާ މީހުންނަށް ކުރިމަތިވާ މައްސަލަތައް އަވަހަށް ޙައްލުވެ އަދި މިދައިން އަމަލުކުރާ މީހުންގެ އަތްމަތިވެސް ތަނަވަސަވްމުން އަންނަ ކަމެވެ. 

ހިތާމައަކީ މިފަދަ ކަންކަން ބަލައިގަނެވޭ މީހުން މަދުކަމެވެ. ކިރިޔާ ކަމެއް މެދުވާއިރަށް ކޮޓަރިއަށް ވަދެ ތަޅުލައިގެން އޮވެވޭކަމެވެ. އެގޮތަށް އޮވެވޭނަމަ ޔަޤީންކުރާށެވެ! އެމީހަކީ ޝައިޠާނާއަށް އަޅުވެތިވެވިފައިވާ މީހެކެވެ. ޝައިޠާނާގެ ދަލުގައި ޖެހި ޝިކާރައަކަށްވެފައިވާ މީހެކެވެ. އެގޮތަށް ކޮޓަރީގައި އޮންނަހައި ދުވަހަކު މައްސަލަތައް ދާނީ އިތުރުވެ ބޮޑުވަމުންނެވެ. އެންމެ ފަސޭހަ ހައްލު ހަމަ މިބުނެދިނީއެވެ. ނިކަން ތަޖުރިބާކޮށްލަބަލާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން